ads
ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު:--
ނިހާދު: ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ބާއްވަންވީ ޖަލުގަބާ!؟
ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ބާއްވަންވީ ޖަލުގަތޯ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ސުވާލު އުފައްދަވައިފިއެވެ.

ނިހާދު މިހެން ވިދާޅުވީ، ސިޔާސީ ލީޑަރުންގެ މަޝްވަރާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގޮވާލެއްވި ގޮވާލުމާއި މެދު ސުވާލު އުފެދޭކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުމާ ގުޅިގެންނެވެ. 

ސުޖާއުއަށް ރަށްދު ދެއްވައި ނިހާދު ވިދާޅުވެފައިވަނީ، "މަޝްވަރާ ބާއްވަންވީ ޖަލުގަބާ؟ އެހެންކަމަށް ވާނަމަ އެންމެން ކެތްކޮށްލަން ރަނގަޅުވާނެ،" ކަމަށެވެ.

މިނިވަން ދުވަހާއި ގުޅޭގޮތުން ދެއްވި ހިތޯބުގައި ރައީސް ސޯލިހް ވަނީ ސިޔާސީ ފަރާތްތަކުގެ މަޝްވަރާއަށް ގޮވާލާފައެވެ. އެގޮތުން ރައީސް ވިދާޅުވެފައިވަނީ ރާއްޖޭގެ ގާނޫނުއަސާސީ ބިނާވެފައި ވަނީ އެންމެންގެ ބައިވެރިވުމާއެކީ ކަންކަން ކުރުމުގެ މައްޗަށް ކަމަށާއި އެހެންކަމުން، ސިޔާސީ ކަންކަމުގައި ހިޔާލު ތަފާތުވިޔަސް، ގައުމުގެ އެންމެ މަތީ މަސްލަހަތާއި ގުޅޭ ގޮތުން އެންމެން އެއްބަސްވާން ޖެހޭ ކަންކަން ހުންނާނެ ކަމަށެވެ. 

ރައީސް ވިދާޅުވީ ކޮންމެ ކަމަކީ ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަށް ފުރުސަތުދެވޭ ކަމަކަށް ހެދުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި އެފަދަ ކަންކަމުގެ ސަބަބުން ގެއްލުން ލިބެމުންދަނީ ހުރިހާ ރައްޔިތުންނަށް ކަމަށެވެ. 

އެގޮތުން ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި ސަރުކާރާއެކުގައި މަސައްކަތް ކުރައްވަން ފެއްޓެވުމަށް ހުރިހާ ސިޔާސީ ލީޑަރުންނަށް ގޮވާލައްވަމުން ރައީސް ވިދާޅުވީ، ސިޔާސީ ލީޑަރުންގެ ހިޔާލާއި މަޝްވަރާއަށް އަބަދުވެސް މަރުހަބާ ކިޔުއްވާ ކަމަށެވެ. 

ރައީސްގެ މިވާހަކަތަކާއި މެދު ޝުޖާއު ވަނީ ސުވާލު އުފައްދަވާ ޓްވީޓެއް ކުރައްވާފައެވެ. 

"އަޅުގަނޑުމެން މަޝްވަރާއަށް ދާންވީ ދެމަފިރިން ދަރިފުޅު ގޮވައިގެން މުލިއާގެ ދޮށަށް ސަލާން ޖަހަން ދިޔަ ގޮތަށްތޯ؟" - ސުޖާއު-

ރައިސް ސޯލިހް މަޝްވަރާއަށް ގޮވާލެއްވި ގޮތާއި މެދު ފާޑު ވިދާޅުވެ ޝުޖާއު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އިދިކޮޅު ފަރާތްތަކަށް ޕާޓީތަކުގެ މަޝްވަރާއަށް ގޮވާލެއްވީ ސިޓީ އެއް ފޮނުވައިގެން ކަމަށެވެ. އަދި އެކަން ކުރެއްވީ މީޑިއާ ހިތޯބެއްގައި ނޫން ކަމަށާއި، މަޝްވަރާއަށް ގޮވާލި ނިޔަތާއި މެދު ސުވާލު އުފެދޭކަމަށް ޝުޖާއުގެ ޓްވީޓްގައިވެ އެވެ. 

މީގެ ކުރިން އިދިކޮޅުން ބުނެފައިވަނީ ސިޔާސީ ކަންކަމުގައި ސަރުކާރާއި އެކު މަޝްވަރާ ކުރާނީ، މަނީލޯންޑްރިންގެ ކުށް ސާބިތުގެ ފަސް އަހަރުގެ ޖަލު ހުކުމުގައި ހުންނެވި ރައީސް ޔާމީން މިނިވަން ކުރުމުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް