ads
ފޮޓޯ: ޕީއެސްއެމް
މިނީ ބަހާއި އެކު ނަހުލާއާއި މިނިސްޓްރީވެސް ގެއްލިއްޖެ
މާލެއަށް މިނީ ބަހުގެ ހިދުމަތް ތައާރަފް ކުރުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދެކެވެ. މާލެއަށް މިނީބަހުގެ ހިދުމަތް ތައާރަފްކުރުން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ. މާލޭގެ ޓްރެފިކަށް ހައްލެއް ހޯދުމަށް މިއަހަރު ތެރޭގައި މާލެ އަށް މިނީ ބަސްތައް ތައާރަފް ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މީގެ ކުރިން ވިދާޅުވެފައިވެއެވެ. އެހެން ނަމަވެސް މިނީ ބަސް ތައާރަފް ނުކުރެވި ލަސްތަކެއްވެ، ޓްރާންސްޕޯޓް މިނިސްޓަރާއި، މިނިސްޓްރީވެސް ގެއްލިއްޖެއެވެ.

ނަވާރަ ސެޕްޓެމްބަރު 2019 ވަނަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ މިނީ ބަސް ތައާރަފު ކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ގުޅިގެން ކުރައްވަމުން ގެންދާކަމަށެވެ. އަދި 14 އޮކްޓޯބަރު 2019 ގައި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައައާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ކުރީ ކޮޅު މިނީ ބަސްތައް ތައާރަފް ކުރެވިގެން ދާނެ ކަމަށެވެ.

މިނިސްޓަރު އޭރު ވިދާޅުވެފައިވަނީ މިނީ ބަސް ތައާރަފުކުރެވިގެން ނޫނީ މާލޭގެ ޓްރެފިކަށް ހައްލެއް ނުލިބޭނެ ކަމަށެވެ. އެގޮތުން، ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ރަނގަޅު ކުރުމަށް މި ގެންނަ ބަސްތައް ގެންނަނީ ވަކި ސައިޒަކަށް ކަސްޓަމައިޒްކޮށްގެން ކަމަށް ވިދާޅުވެފައިވެއެވެ. އަދި މާލެ އަށް ގެންނަ މި ބަސްތަކުގައި 16 ނޫނީ 18 ސީޓު ހުންނާނެ ކަމަށާއި މިއީ މާލޭގެ މަގުތަކުގައި ދުއްވަން ފަސޭހަވާނެހެން ހަނި ބަސްތަކަކަށް ވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެމްޓީސީސީގެ ކުރީގެ ސީއީއޯ ހަސަން ޝާހް ވިދާޅުވެފައިވަނީ މި މައްސައްކަތް 120 ދުވަސްތެރޭގައި ނިމި ހިދުމަތް ދެވެން ފަށާނެ ކަމަށެވެ.

މިކަމާއި ގުޅިގެން އެމްޓީސީސީއަށް ގުޅުމުން އެކުންފުނިން ވިދާޅުވީ ފީޒިބިލިޓީގެ މަސައްކަތް ނިންމާ ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

މިނީ ބަސް މިއަހަރު ތައާރަފް ކުރާނެ ކަމަށް މިނިސްޓަރު ވައުދުވެފައި އޮތް ތާރީހް ފަހަނަ އަޅާ ގޮސްފައިވާތީ، އެކަމާއި ގުޅިގެން މައުލޫމާތު ހޯދުމަށް ސީއެންއެމް އިން ފާއިތުވި އެއްމަސްދުވަހު ވަނީ ވަރަށް މަަސައްކަތް ކޮށްފައެވެ. އެގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ކޮމިއުނިކޭޝަން ޑިރެކްޓަރެއް ކަނޑައަޅާފައި ނުވާތީ މީޑީއާއަށް މައުލޫމާތު ދިނުމަށް ކަނޑައަޅާފައި ހުރި ޖަޒްލާން މުހައްމަދަށް ތަކުރާރުކޮށް ގުޅާ މެސެޖް ކުރުމުންވެސް އެކަމަށް ޖަވާބެއް ލިބިފައެއް ނުވެއެވެ. ޖަޒްލާން އަކީ މިނިސްޓަރު ނަހުލާގެ ކޮއްކޮ އަދި ސެކްރަޓަރީ އެވެ. 

މިކަމާއި ގުޅޭ ގޮތުން މައުލޫމާތު ނުލިބުމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަރު ހިދާޔާއަށް ގުޅުމުން ވިދާޅުވީ މިކަމުގެ މައުލޫމާތު މީޑިޔާތަކަށް ދޭނީ ޖަޒްލާން ކަމަށެވެ. އެހެން ނަމަވެސް މިބަހުގެ މަޝްރޫއާއި ގުޅޭ ގޮތުން ޖަޒްލާން ވިދާޅުވަނީ އެކަމުގެ މައުލޫމާތެއް އޭނާއަށް ނޭނގޭ ކަމަށެވެ. އަދި މިނިސްޓާރު ނަހުލާގެ ފަރާތަކުންވެސް އެއްވެސް ޖަވާބެއް މިކަމުގައި ލިބިފައެއް ނުވެއެވެ.

މިނީ ބަސް ތައާރަފް ކުރުން ލަސްވެގެން ދިއުމާއި އެކު މިިނިސްޓްރީން މިޑިޔާތަކަށް ޖަވާބުދާރީ ވާނެ އެއްވެސް ފަރާތެއް ނެތެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި މިނީ ބަސް ތާއާރަފްކޮށް މާލެ ތެރޭގައި ވެސް ބަހުގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުން ހިމެނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް