ads
ފޮޓޯ: އެމްޓީސީސީ
ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިމިއްޖެ
ނ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިމިއްޖެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފި އެވެ.

އެމްޓީސީސީން ނެރުނު ނޫސް ބަޔާނުގައި ބުނީ ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މިއަހަރު ޖުލައި މަހުގެ 26 ވަނަ ދުވަހު ގައި ނިމިފައިވާ ކަމެވެ. އިންފްރާސްޓްރަކްޗަ މިނިސްޓްރީން އެކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ އެ މަޝްރޫއުގެ އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެވިފައިވަނީ މިއަހަރު ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ފޮއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 180 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް އަތުރާފައިވާ ކަމާއި 5,000 އަކަ މީޓަރުގެ ސަރަހައްދެއްގެ ބިންގަނޑު އެއްވަރުކުރެވިފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ. 

އެމްޓީސީސީން ބުނީ އެ މަޝްރޫއުއަކީ އެރަށަށް ދިމާވެފައިވާ ރަށް ގިރުން ހުއްޓުވުމުގެ ގޮތުންނާއި، ލަފާފުރުމަށް ބޭނުންކުރާ ފާލަން ރަށާއި ވަކިވެފައިވުމާއެކު އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އިންފްރާސްޓްރަކްޗަ މިނިސްޓްރީން އެކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއުއެއް ކަމެވެ.

ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މިއަހަރު މާޗް މަހުގެ ހަތް ވަނަ ދުވަހު ފަށާފައިވާއިރު އެ މަޝްރޫއުއަށް 7.6 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

ދިވެހި ރައްޔިތުންނަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމަށާއި ރަށްވެހި ތަހުޒީބު ދިވެހި ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެމްޓީސީސީން މުޅިން އަލަށް އެތައް މަޝްރޫއުއެއް ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އޭގެ ތެރެއިން ބައެއް މަޝްރޫއުތައް މިހާރު ވަނީ ނިމިފަ އެވެ.

އެމްޓީސީސީން ބުނީ މިއަހަރު ތެރޭގައި 17 ރަށުގައި 19 މަޝްރޫއުއެއް ނިމިފައިވާ ކަމެވެ. އަދި މި ޖުލައި މަހުގެ ތެރޭގައި ބަނދަރު ހެދުމުގެ ދެ މަޝްރޫއުއާއި އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމުގެ މަޝްރޫއުއެއް ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މިހަފްތާ ތެރޭގައިވެސް އިތުރު ދެ މަޝްރޫއުއެއް ނިންމައި ހަވާލުކުރުމަށް އެ ކުންފުނިން މެދު ނުކެނޑި މަސައްކަތް ކުރަމުން ދާ ކަމަށް އެމްޓީސީސީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް