ads
ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް
ސަރުކާރުގެ އަމަލުތައް ހުރީ ދިވެހިރާއްޖެ އަޅުވެތިކުރުވަން: ޝިޔާމް
ސަރުކާރުން އުޅެނީ އިންޑިއާ އާއި ގުޅިގެން ދިވެހިރާއްޖެ އަޅުވެތި ކަމެއްގެ ތެރެއަށް ގެންދަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ޝިޔާމް ވިދާޅުވީ ގައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި ސަރުކާރުން ވާދަވެރި ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާ ކުރުމަށް ބޭނުންވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވި ނަމަވެސް ހަގީގަތުގައި އެއިން އެއްވެސް ކަމަކާ ސަރުކާރުން މަޝްވަރާ ކުރަން ބޭނުން ނުވާކަމަށެވެ.

ޝިޔާމް ވިދާޅުވީ ގައުމީ މަސްލަހަތު ހުރި ކަންކަމުގައި ސަރުކާރާއި އެކު މަޝްވަރާ ކުރުމަށް ޕީޕީއެމް/ޕީއެންސީން ރައީސް ސޯލިހުގެ އަރިހުގައި ވަރަށް ގިނަ ފަހަރު އެދިވަޑައިގެންފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކަންކަމަށް އެމަނިކުފާނު އިޖާބައެއް ނުދެއްވި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މަޝްވަރާ ކުރުމަށް ސިޓީ ފޮނުވުނު އަދަދު ނޭންގޭ ކަމަށާ އެސްއެމްއެސް ކުރައްވައިގެންވެސް މަޝްވަރާ ކުރެއްވުމަށް އެދިވަޑައިގެންނެވި ކަމަށެވެ. އެކަމަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ޖަވާބެއް ލިބިވަޑައިނުގެންނެވި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެހެން އެކަން އޮތްއިރު ރައީސްގެ މިނިވަން ދުވަހުގެ ހިތޯބުގައި އިދިކޮޅު ފަރާތްތަކާއި އެކު މަޝްވަރާ ކުރައްވަން ބޭނުންފުޅު ކަމަށް ވިދާޅުވަނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލޭ ހިސާބަށް ކަންބޮޑުވުން އެބައޮތް ކަމަށެވެ. އެގޮތުން އިންޑިއާގެ ސަރުކާރުން ހިންގާ އިންޑިއާ ކަނޑުގެ ސަލަމަތާ ރައްކާތެރި ކަމުގެ ސިޔާސަތުގެ ދަށުން ހިންގާ ކަންކަން ބަލައެއް ނުގަނެވޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝަޔާމް ވިދާޅުވީ އިންޑިޢާގެ ފޮރިން ޕޮލިސީގެ ދަށުން ހިންގާ ކަންކަމުން އެކަމުގެ ގެއްލުން ރާއްޖެއަށް ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ. އެގޮތުން ރާއްޖެއަށް ފަތުރުވެރިން އައުން މަދުވެ ރާއްޖެއަށް އިންވެސްޓް ކުރާނެ ބަޔަކު ނާންނާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިއީ އިންޑިއާ އާއި ދިވެހި ސަރުކާރުވެސް ގުޅިގެން ދިވެހިން އަޅުވެތިކަމެއްގެ ތެރެއަށް ގެންދިއުމަށް ކުރާ ކަމެއް ކަމަށެވެ. އަދި އިންޑިއާއިން ފިޔަވާ އެހެން އެއްވެސް ގައުމަކުން އިންވެސްޓްމަންޓް ނާންނޭނެ ހުރިހާ މަސައްކަތެއް މިހާރުގެ ސަރުކާރާއި ގުޅިގެން އިންޑިއާއިން ކުރަމުން އަންނަ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ މިކަމުގެ ސަބަބުން ރާއްޖެ އަޅުވެތިވެ ރާއްޖޭގެ އިގްތިސޯދު ދަށްވެ ނިކަމެތިވެގެން ދާނެ ކަމަށެވެ. 

ޝިޔާމް ވިދާޅުވީ ސަރުކާރުން އިދިކޮޅު ފަރާތްތަކަށް ބިރުދައްކާ އިދިކޮޅުގެ އަޑު ކަނަޑުވާލަން އުޅެނީ އިންޑިއާއާއި އެކު ސަރުކާރުން ކުރާ މިފަދަ ކަންކަމުގެ ވާހަކަ ދައްކާތީ ކަމަށާ އެކަމުގެ އަޑު ކަނޑުވާލަން ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުން ދައްކާ ބިރަށް ފަހަތައް ނުޖެހޭނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް