ads
ކަސްޓަމްސް ސަހަރައްދު
ޑިއުޓީ އިން ލިބޭ އާމްދަނީ އިތުރުވި ނަމަވެސް އާންމު މުދަލުގެ އަގު ބޮޑެއް ނުވާނެ
އިމްޕޯޓް އެކްސްޕޯޓް ޑިއުޓީ ގާނޫނަށް ގެނައި ބަދަލާއި އެކު އިމްޕޯޓް ޑިއުޓީ އިން ލިބޭ އާމްދަނީ އިތުރުވި ނަމަވެސް އާންމު މުދަލުގެ އަގު ބޮޑު ނުވާނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް އިން ބުނެފި އެވެ.

ޕީޢެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން މޯލްޑިވްސް ކަސްޓަމްސްގެ ސީނިއާ ސްޕްރިންޓެންޑެންޓް އަހްމަދު ނިޔާޒް ވިދާޅުވީ، އިމްޕޯޓް އެކްސްޕޯޓް ޑިއުޓީ ގާނޫނަށް ގެނައި އިސްލާހާއި އެކު ޑިއުޓީ އިން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެގެން ދާނެ ކަމަށެވެ. 

އެގޮތުން މި ގެނެވުނު އިސްލާހާއި އެކު ދައުލަތުގެ އާމްދަނީ އަށް 600 މިލިއަން ރުފިޔާގެ އިތުރުވުމެއް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ނިޔާޒް ވިދާޅުވި އެވެ. 

ނިޔާޒް ވިދާޅުވީ މިއަހަރުގެ ބާކީ މިއޮތް ފަސް މަސް ދުވަހުގެ ތެރޭގައި ވެސް އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް ލިބޭ އާމްދަނީ 140 މިލިއަން އިތުރުވެގެންދާނެކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. 

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިމްޕޯޓް 35 އިންސައްތަ އާއި 40 އިންސައްތަ އާއި ދެމެދު އަދަދަކަށް ދައްވެފައި ވާކަމަށާއި އެހެން ނަމަވެސް މި ގެނެވުނު ބަދަލާއި އެކު އާމްދަނީ އިތުރުވާނެ ކަމަށް ނިޔާޒް ވިދާޅުވި އެވެ.

އާމްދަނީ އަށް މި އިތުރުވުން އައި ނަމަވެސް، އާންމު ރައްޔިތުން ބޭނުން ކުރާ ގިނަ އަދަދެއްގެ މުދަލުގެ އަގު ބޮޑުވެގެން ނުދާނެ ކަމަށް ނިޔާޒް ފާހަގަކުރެއްވި އެވެ. ހާއްސަ ގޮތެއްގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ގުޅިގެން ހުރި ސިނާއަތްތައް ފުޅާ ކުރުމަށް ހުރި ގިނަ އައިޓަމް ތަކުގެ ޑިއުޓީ ރޭޓް ހުރީ ދައްކުރެވިފައި ނުވަތަ ސުން ޕަސެންޓަށް ބަދަލުކުރެވިފައި ކަމަށް ވެސް ނިޔާޒް ވަނީ ފާހަގަކުރައްވާފަ އެވެ. 

އިމްޕޯޓް އެކްސްޕޯޓް ގާނުނަށް މި ގެނެވުނު އިސްލާހާއި އެކު 1،600 އައިޓަމެއްގެ ޑިއުޓީ އަށް ބަދަލުގެނެވިފައި ވާކަމަށާއި މީގެ ތެރެއިން ބައިން އައިޓަމް ތަކަކީ ޑިއުޓީ ދައް ކުރެވިފައިވާ އައިޓަމްތަކެއް ކަމަށާއި އަނެއް ބައި އައިޓަމް ތަކަކީ ޑިއުޓީ ސުންޕަސެއްޓަށް ތިރިކުރެވިފައިވާ އައިޓަމް ތަކެއް ކަމަށް ނިޔާޒް ވިދާޅުވި އެވެ. އަދި ސިއްހީ ސަބަބަތަކާއި ތަފާތު އެހެނިހެން ސަބަބުތަކާއި ހުރެ ޑިއުޓީ ބޮޑު ކުރެވިފައިވާ އައިޓަމްތައް އެބަހުރި ކަމަށް ނިޔާޒް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް