ads
ކޮވިޑް-19 އަށް މީހުން ޓެސްޓް ކުރުމުގެ ތެރެއިން--- ފޮޓޯ: ސީއެންއެމް
200 އަށް ވުރެ ގިނަ މީހުންނަށް ފްރޮންޓްލައިން އެލަވަންސް ދީފި
ކޮވިޑް-19 އާ ގުޅިގެން ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން 200 އަށް ވުރެ ގިނަ މީހުންނަށް އެލަވަންސް ދީފި އެވެ.

ފިނޭންސް މިނިސްޓްރީ އިން މައުލޫމާތު ދޭ ގޮތުގައި މިއަދު ދޭން ފެށި މި އެލަވަންސް މިހާތަނަށް 220 މީހުންނަށް ވަނީ ދީފަ އެވެ. އެއީ 2.9 މިލިއަން ރުފިޔާ ކަމަށް އެ މިނިސްޓްރީ އިން ފާހަގަކުރެ އެވެ. 

މިނިސްޓްރީ އިން ބުނީ މިއީ ރާއްޖެ އިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނުނު ދުވަސް ކަމަށްވާ، މާޗް ހަތް ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އެ ފަރާތްތަކަށް ލިބެންވާ ފައިސާ ކަމަށެވެ.

އިތުރު ފަރާތްތަކަށް އެލަވަންސް ދިނުމުގެ މަސައްކަތް އެ މިނިސްޓްރީ އިން ހަލުވިކަމާއި އެކު ކުރިއަށް ގެންދާ ކަމަށް ފާހަގަކޮށް ފިނޭންސް މިނިސްޓްރީން ބުނީ މިހާރު ކުރިއަށް ދަނީ ޑޭޓާ ވެރިފިކޭޝަން އާއި އެޕްރޫވަލްގެ މަސައްކަތް ކަމަށެވެ. މި މަސައްކަތް ނިމުމާއެކު އިތުރު ފަރާތްތަކަށް އެލަވަންސް ދެވޭނެ ކަމަށް މިނިސްޓްރީ އިން ބުނެ އެވެ. 

ކޮވިޑް-19 އާ ގުޅިގެން ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުން ތިން ކެޓަގަރީ އަކަށް ބަހާލައިގެން ހާއްސަ އެލަވަންސް އެއް ދިނުމަށް ނިންމާފައި ވަނީ މިދިޔަ މޭ މަހު އެވެ. އެއީ ހައި ރިސްކު ކެޓަގަރީ، މީޑިއަމް ރިސްކު ކެޓަގަރީ، އަދި ލޯ ރިސްކު ކެޓަގަރީ އެވެ.

އެގޮތުން ހައި ރިސްކް ކެޓަގަރީ ގައި ހިމެނޭ މީހުންނަށް ދުވާލަކަށް 500 ރުފިޔާ އެލަވަންސްގެ ގޮތުގައި ދޭން ނިންމި އިރު މީޑިއަމް ރިސްކު މީހުންނަށް ދުވާލަކަށް ދިނުމަށް ނިންމީ 250 ރުފިޔާ އެވެ. އަދި ލޯ ރިސްކް ކެޓަގަރީ ގައި ހިމެނޭ މީހުންނަށް ދޭން ނިންމީ ދުވާލަކަށް 200 ރުފިޔާގެ މަގުންނެވެ.

ހައި ރިސްކު ކެޓަގަރީ ގައި ހިމެނެނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ނުވަތަ ބަލި ހުރެދާނެކަމަށް ބެލެވޭ ހައި ރިސްކު މީހުންނާއި ތަކެއްޗާއި ގާތުން ދިމާވެދާނެ މީހުންނެވެ. އެގޮތުން މެޑިކަލް ޑޮކްޓަރުންނާއި، ނަރުހުންނާއި، ޓެސްޓު ސާމްޕަލް ނަގާ މީހުންނާއި، ލެބް ޓެކްނީޝަނުންނާއި، ކޮވިޑަށް ޕޮޒިޓިވްވާ މީހުން އެއްތަނުން އަނެއް ތަނަށް ގެންދާ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުން އަދި ޕޮޒިޓިވްވާ މީހުން ތިބޭ ކޮޓަރި ނުވަތަ ވޯޑަށް ވަންނަންޖެހޭ މީހުން ހިމެނެ އެވެ.

މީޑިއަމް ރިސްކު ކެޓަގަރީގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ސީދާގޮތުން ހިދުމަތް ދޭންނުޖެހުން ނަމަވެސް ހައި ރިސްކު މީހުންނާއެކު ސީދާ މަސައްކަތް ކުރަންޖެހޭ މީހުން ހިމެނޭ އިރު، ލޯ ރިސްކު ކެޓަގަރީގައި ހިމެނެނީ ހައި ރިސްކު އަދި މީޑިއަމް ރިސްކު ކެޓަގަރީ ގައި ނުހިމެނޭ، އެހެން ނަމަވެސް ކޮވިޑް-19 ގެ އޮޕަރޭޝަންތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ދުވާލެއްގެ މައްޗަށް ހަ ގަޑިއިރު ހޭދަކުރާ މީހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް