ads
ނައިބު ރައީސް ފައިސަލް ނަސީމް
އިންޑިއާގައި ފަރުވާ ހޯދަމުންދާ ދިވެހިންގެ ހާލު ނައިބު ރައީސް ބައްލަވައިލައިފި
އިންޑިއާގެ އަމްރީތާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ދިވެހީންގެ ހާލު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައްލަވާލައްވައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރީތާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ދިވެހީންގެ ހާލު ނާއިބު ރައީސް ބައްލަވާލައްވާފައިވަނީ، އެ ހޮސްޕިޓަލުގެ އިސް އޮފިޝަލެއް ކަމަށްވާ ބާބޫ މެނަން އާއި މިއަދު ފޯނުން ގުޅުއްވައި، ދެއްކެވި ވާހަކަފުޅުގައެވެ. 

އަމްރީތާ ހޮސްޕިޓަލުގެ ޑިރެކްޓާ، އިންޓަނޭޝަނަލް ޕޭޝަންޓް ރިލޭޝަންސް، ބާބޫ މެނަން އާއި ފޯނުން ގުޅުއްވައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ މި ދަތި ދަނޑިވަޅުގައި ވެސް، ދިވެހި ބަލި މީހުންނަށް ސިއްހީ ފަރުވާދިނުމަށް އިންޑިއާއަށް ދަތުރުކުރުމުގެ ފުރުސަތު ފަހިކޮށްދީ، އެ ގައުމުގައި ސިއްހީ ފަރުވާ ހޯދުމުގެ މަގު ފަހިކޮށްދިނުމުގައި އިންޑިއާ ސަރުކާރުން އަދާކުރައްވާފައިވާ ދައުރު ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. 

އަދި މި ދަތި ހާލަތުގައި ވެސް، އެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ދިވެހި ބަލި މީހުންނަށް ދެމުންގެންދާ ހިދުމަތްތަކަށް އަލިއަޅުއްވައިލައްވާ ކޮވިޑް-19 އާއި ގުޅިގެން އެ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތަކާއި ގޮންޖެހުންތަކާއި މެދު އެމަނިކުފާނު ސުވާލު ކުރައްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ. 

ރައީސް އޮފީހުން ބުނީ އެމަނިކުފާނު ވަނީ އެ ކަންކަން ހައްލުކޮށް، ހިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާ ކުރުމަށް އެ ހޮސްޕިޓަލުން ކުރަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތު ވެސް އޮޅުންފިލުއްވާފައި ކަމަށެވެ. 

ނައިބު ރައީސް ވަނީ އަމްރީތާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ދިވެހި ބަލި މީހުންގެ ހާލު ވަކިވަކީން އައްސަވާފައި ކަމަށާއި ވަކިން ހާއްސަކޮށް، ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވި ފުރަބަންދުގެ ހާލަތުގައި ބޭސް ފަރުވާއަށް އެ ހޮސްޕިޓަލަށް ދަތުރުކުރި ދިވެހިންނާއި ގުޅޭ ކަންކަމުގެ މައުލޫމާތު އޮޅުންފިލުއްވައި، އެ މީހުންގެ ކަންކަން ވަރަށް ގާތުން ބެލުމަށް ބާބޫ މެނަންގެ ކިބައިން އެމަނިކުފާނު އެދިވެޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. 

ކުރިއަށް އޮތް ތަނުގައިވެސް، އަމްރީތާ ހޮސްޕިޓަލަކީ ގިނަ އަދަދެއްގެ ދިވެހީން ސިއްހީ ފަރުވާ ހޯދުމުގައި ހިޔާރުކުރާނެ ހޮސްޕިޓަލެއްކަން ފާހަގަކުރައްވާ، އެ މީހުންނަށް ބޭނުންވާ ހިދުމަތްތަކާއި އަޅާލުމާއި އޯގާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ނައިބު ރައީސް ވަނީ އެދިވަޑައިގަންފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް