ads
ކޮވިޑް-19 އަށް ޓެސްޓް ކުރަނީ--- ފޮޓޯ: ސީއެންއެމް
އޮގަސްޓް މަސް: ކޮވިޑްގެ ބިޔަރާޅެއްގެ ބިރުވެރިކަން ބޮޑު!
ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއިން 500 މީހަކަށް ކޮވިޑް ޖެހި، މި ބަލި ފެތުރޭ މިންވަރު މިވަނީ އިންތިހާއަށް އިތުރުވެފައި އެވެ. ބަލި ހަލުވި މިނެއްގައި ފެތުރެމުން އަންނަ މިދަނޑިވަޅަށް ވުރެ ކުރިއަށް އޮތް ދުވަސްތަކުގެ ނުރައްކާތެރިކަމާއި ބިރުވެރިކަން ބޮޑުވާނެ ކަމުގެ އިންޒާރު މިވަނީ ލިބިފަ އެވެ. ބަލިން ރައްކާތެރިވުމަށް މިހާރަށް ވުރެ ބޮޑަށް ސަމާލުކަންދޭން ޖެހޭ ވަގުތު ވެސް މިވަނީ ގާތްވެފަ އެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 3,719 އަށް އަރާފައިވާއިރު ރޭ ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ މޫސާ ވަނީ އޮގަސްޓް މަހަކީ މިހާރު ބަލި ޖެހެމުން އަންނަ މީހުންގެ އަދަދަށް ވުރެ އިތުރަށް މީހުން އެބަލީގެ ޝިކާރައަކަށް ވެގެންދާނެ މަހެއް ކަމަށް އަންދާޒާ ކުރައްވާފަ އެވެ. 

އެ ތަފާސްހިސާބުތަކަށް ބަލާއިރު އޮގަސްޓް މަހުގެ ތެރޭގައި އެކަނި ވެސް ބަލި ޖެހޭ މީހުންގެ އަދަދު 4188 އަށް އަރާނެ އެވެ. އެއީ ޖުލައި 29 އިން ފެށިގެން އޮގަސްޓް މަހުގެ ހަތަރަކަށް 688 އަށް މީހަކު، އަދި ފަހަކުން 11 އޮގަސްޓާއި ދެމެދު 872 މީހެއްގެ އިތުރުން 12 އޮގަސްޓުން 18 އޮގަސްޓަށް، 1149 މީހެކެވެ. އެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނަ ބަޔަކަށް ބަލި ޖެހެނީ 19 އޮގަސްޓުން 25 އޮގަސްޓާ ދެމެދުގަ އެވެ. އެއީ 1479 މީހެކެވެ. 

އެވްރެޖް ގޮތެއްގައި އޮގަސްޓު މަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް 170 މީހަކަށް ކޮވިޑް ޖެހޭނެ ކަމަށް އަންދާޒާކުރާއިރު ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު 100 އިން ތިރިކުރެވެނީ އޮކްޓޫބަރު މަހެވެ. އެގޮތުން އެމަހުގެ ތެރޭގައި 68 މީހަކު ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާނެ ކަމަށް އަންދާޒާކުރާއިރު ނޮވެމްބަރު މަހު ވަނީ އެ އަދަދު 29 އަށް ދަށްވެގެން ދާނެކަަމަށްވެ އެވެ. އަދި ޑިސެމްބަރު މަހަށް 18 އަށް ތިރިކުރެވޭނެ ކަމަށް ވެސް އަންދާޒާކޮށްފައިވެ އެވެ. 

your image500 މީހުންނަށް ބަލި ޖެހުމަށް ނެގި މުއްދަތު--

ޑރ. ޝީނާ ވިދާޅުވާ ގޮތުގައި ބަލި ޖެހޭ މީހުންގެ އަދަދު މިގޮތަށް އިތުރުވަމުންދާނަމަ، އައިސީޔޫއަށް ލާ މީހުންގެ 50 އިންސައްތަ މަރު ވާނެ އެވެ. އެކަމަކު އެގޮތަށް އެކަން ދިމާވާނީ ފަރުވާދޭނެ މީހުން ނެތި ސިއްހީ ގޮތުން ދަށަށް ގޮސްފައިވާނަމަ ކަމަށާއި އެ ބިރުވެރިކަން އެބަ އޮތެވެ.

"މީގެއިން ފާހަގަކޮށްލަން ބޭނުންވަނީ ހޮސްޕިޓަލް އެޑްމިޝަންސް. އެއީ ކުރިއާ އަޅާބަލާއިރު ހޮސްޕިޓަލް އެޑްމިޝަންސް މިހާރު ދެމީހަކު ނޫނީ ތިން މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކުރަމުންދިޔައީ. އެކަމަކު ކުރިއަށް އޮތް ތަނުގައި ލަފާކުރެވޭނީ ދެގުނަ ނޫނީ ތިންގުނަ އިތުރުވާނެ ކަމަށް އެޑްމިޓްކުރަން ޖެހޭ މީހުންގެ މިންވަރު. އެއާއެކު އައިސީޔޫގައި ބާއްވަން ޖެހޭ މީހުންގެ އަދަދު ވެސް އިތުރުވާނެ ކަމަށް ބެލެވެނީ،" ޑރ. ޝީނާ ވިދާޅުވި އެވެ. 

ޑރ. ޝީނާ ވަނީ އެކަމަށް ބަލައިގެން ޕްލޭންތައް ރާވާލަން ޖެހޭ ކަމަށާއި އާންމު ރައްޔިތުން ވެސް އެކަމަށް ބޮޑު ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރައްވާފަ އެވެ. 

ކޭސްތައް އިތުރުވެ، ފިޔަވަޅު އަޅަން ނިކުތުން!

މިމަހުގެ އެއް ވަނަ ދުވަހު ލޮކްޑައުންއަށް ދިން ބޮޑު ލުޔާއެކު ކޮވިޑް ޖެހޭ މީހުންގެ ނިސްބަތް އިތުރުވާން ފެށިއިރު މި ލުއިތަކާއެކު ވަނީ ކެފޭ ރެސްޓޯރަންޓުތަކާއި ސެލޫންތަކާއި ޖިމްތައް ވެސް ހުޅުވާފަ އެވެ. އެ ތަންތަން ހުޅުވުމުގެ ކުރިން ގައިޑްލައިންތަކެއް ނެރުން ނަމަވެސް މިފަހުން މާލޭ ސިޓީ ކައުންސިލުން އިސްވެ، ފެށި އިންސްޕެކްޝަނުން ވަނީ ބައެއް ފަރާތްތަކުން އެ ގައިޑްލައިންތަކަށް ވެސް ނުބަލާއި ހިދުމަތްދޭކަން ފާހަގަކުރެވިފަ އެވެ. 

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، އެޗްޕީއޭ އާއި މާލެ ސިޓީ ކައުންސިލް އަދި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން މޯލްޑިވްސް ރެޑް ކްރެސެންޓް އަދި އެނޫންވެސް ގިނަ ފަރާތްތަކެއް ގުޅިގެން ކުރިއަށް ގެންދާ އިންސްޕެކްޝަނުގެ ދަށުން 52 ތަނުގެ ތެރެއިން 27 ވަގުތީގޮތުން ބަންދުކުރި ކަމަށެވެ. އަދި އިއްޔެ 99 ތަނެއް ބަލާއި، 50 ތަނެއް ވަނީ ބަންދުކޮށްފަ އެވެ. 

ދިން ލުއިތަކާއެކު ގިނަ ބަޔަކު އެފަދަ ތަންތަނުން ހިދުމަތް ހޯދަމުން އަންނައިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އިސްނުކޮށް ހިދުމަތް ދިނުމަކީ އެންމެން ބިރުވެރިކަމަށް ވައްޓާލުމެވެ. 

އެފަދަ ތަންތަނުން ހިދުމަތް ދިނުމުގައި ފަރުވާކުޑަކުރާއިރު މާލޭގެ މަގުތަކުން ވެސް މިދިޔަ މަހެއްހާ ދުވަހު ފެނުނީ ފިޔަވަޅުތަކަށް ބޯލެނބުމެއް ނެތި އުޅުނު މަންޒަރެވެ. ހިތަށް އެރިއްޔާ މާސްކް އަޅައިގެން ބޭރަށް ނިކުންނައިރު އިޖުތިމާއީ ގައިދުރުކަމަށް ވެސް ބެލުމެއް ނެތި ތޮއްޖެހިގެން އުޅެމުންދާ މަންޒަރެވެ. 

އެހެންކަމުން، ކުރިއަށް އޮތް އޮގަސްޓް މަހަށް ބަލީ ޖެހޭ މީހުންގެ އަދަދު އިތުރުވެ ބިރުވެރިކަމުގެ އިންޒާރުދީފައިވާ އިރު ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހެ އެވެ. ޒަރޫރީ ކަމެއްގައި ނޫން ގޮތަކަށް ބޭރަށް ނުނިކުތުމަށާއި އިޖުތިމާއީ ގައިދުރުކަމުގެ އިތުރުން މާސްކް އަޅަން ހަނދާނުގައި ބަހައްޓަން ޖެހެ އެވެ. އަދި އަތްދޮވުމުގެ އާދަ އަށަގަނެ، ތިމާއަކީ އެހެން މީހަކަށް ބަލި ޖައްސާ މީހަކަށް ވިޔަ ނުދީ އުޅުމަށް މަސައްކަތް ކުރާށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް