ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، އެކި އެކި ސަބަބުތަކާހުރެ ޕޮޒިޓިވްވި މީހުން ކަރަންޓީން ފެސިލިޓީތަކަށް ގެންދިއުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި އެގޮތުން ބައެއް މީހުން ނުގެންދާތީ އެކަމުގެ ޝަކުވާ ވެސް ކުރަމުން އަންނަ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި މިމަހުގެ 28 އިން ފެށިގެން ބައެއް މީހުން ފެސިލިޓީތަކަށް ނުގެންދެވި އެބަހުރި ކަމަށާއި އޭގެ ތެރެއިން ބައެއް މީހުން ފެސިލިޓީތަކަށް ނުގެންދެވިވަނީ މިދޭތެރެއިން މޫސުން ގޯސްވުމާއެކު އެވެ.
އެގޮތުން އެރިޔަދޫ ކަރަންޓީނަށް ގެންދަން ހަމަޖައްސާފައިވާ ބައެއް މީހުން ނުގެންދެވިވާކަން ޑރ. ނަޒްލާ ފާހަގަކުރައްވަ އެވެ.
ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން އޭނާގެ އާއިލާގެ ބައެއް މީހުން ޓެސްޓްކުރުމަށް ފަހު ގެންދަން ޖެހޭތީ ވެސް ބައެއް މީހުން ނުގެންދެވިވާ ކަމަށެވެ. އެކަމަކު މިއަދު އެކަނި ވެސް ޕޮޒިޓިވްވި 98 މީހަކު ވަނީ ފެސިލިޓީތަކަށް ގެންގޮސްފައި ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.
ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު އިތުރުވަމުން އަންނައިރު މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޕޮޒިޓިވްވި މީހުންނާއި ގުޅިގެން ކޮންޓެކްޓުންގެ ގޮތުގައި ވެސް 3000 އަށް ވުރެ ގިނަ ބަޔަކު ވަނީ ފާހަގަކުރެވިފަ އެވެ.
ރޭ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވި ގޮތުގައި މިހާރު އަންނަނީ ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ރިސޯޓުތައް ބޭނުންކުރަމުންނެވެ. އަދި އިތުރު ރިސޯޓުތައް ވެސް ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.