ads
ފިލިތެޔޮ އައިލެންޑް ރިސޯޓް: ރައްކާތެރި ތަނެއްގެ ގޮތުގައި އިސްތިހާޜުކުރުން މުހިންމު--
އިގްތިސާދު ހުޅުވާލުން، އާ ވިސްނުންތަކެއް ބޭނުން!
ކޮވިޑްގެ ބަލިމަޑުކަމާއިއެކު ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮންނަތާ ގާތްގަޑަކަށް ހަތަރު މަސްދުވަހަށްފަހު ޖުލައި 15 ވަނަ ދުވަހު މިވަނީ އަލުން ހުޅުވާލެވިފައެވެ. ގަތަރު އެއާވޭސްގެ ފްލައިޓަކާއެކު ދިވެހި ފަތުރުވެރިކަމުގެ ސިނާއަތް ފުރަތަމަ ހުޅުވާލެވިފައި މިވަނީ، އަދި ހަމައެކަނި ރިސޯޓުތަކަށެވެ.

މިއާއެކު ބައެއް ފަރާތްތަކަށް އުއްމީދާއި ހިތްހަމަޖެހުން ލިބިގެން ދިޔަކަމުގައި ވިޔަސް، އަދިވެސް ގިނަ އަދަދެއްގެ ރިސޯޓުތައް މިވަނީ ނުހުޅުވިއެވެ. އަދި ގެސްޓްހައުސްތަކަށް ފަތުރުވެރިން ގެނައުންވެސް މިވަނީ އޮގަސްޓް މަހަށްވުރެ ލަސްވެފައެވެ. މިހާތަނުން ކުރެވޭ ސުވާލަކީ ދިވެހި އިގްތިސާދު މި ހީނަރުކަމުން އަރައިގަތުމުގެ ރާސްތާ އޮތީ ކިހިނެއް ބާވައެވެ. ފަތުރުވެރިކަން އަލުން ފަށައިގަތުމުގައި ހުރި ގޮންޖެހުންތަކާއި، ވިސްނަންޖެހޭ ކަންތައްތަކަކީ ކޮބައިތޯއެވެ.

ދުނިޔޭގެ ފަތުރުވެރިކަމާ ގުޅޭގޮތުން ދާދި ފަހުން ހެދިފައިވާ ބައެއް ދިރާސާތަކުން ދައްކާ ގޮތުން މިއަހަރުގެ ބާކީ އޮތް މަސްތަކުގައި ގިނަ ހޮޓާތަކުގެ އޮކިޕަންސީ ހުންނާނީ 38 އިންސައްތާގައެވެ. އަދި މިގޮތުން ހެދިފައިވާ ދިރާސާއެއްގައި ސުވާލުކުރެވުނު ފަތުރުވެރިންގެ ތެރެއިން 48 އިންސައްތަ މީހުން ބުނެފައިވަނީ އެމީހުން އަލުން ޗުއްޓީ ދަތުރެއް ކުރާނީ އެންމެ އަވަހަށްވެސް ހަމަސްދުވަސް ފަހުންނެވެ. އަދި 21 އިންސައްތަ މީހުން ބުނެފައިވަނީ އެންމެ އަވަހަށްވެސް ދަތުރުކުރަން ކެރޭނީ ނުވަ މަސް ފަހުން ކަމަށެވެ. މިހެންކަމުން، ކުރިމަގަށް ހަދާ ކޮންމެ އަންދާޒާއެއްގައި މި ކަމަށް ރިޔާއަތްކުރަންޖެހެ އެވެ.

ރާއްޖޭއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ ޔޫރަޕުގެ ގައުމުތަކުންނެވެ. އަދި ޗައިނާ، އިންޑިއާ، އަދި އަރަބި ގައުމުތަކުންނެވެ. މީގެ ތެރެއިން ޔޫރަޕުގެ މައި ގައުމުތަކުގައި އަދިވެސް ކޮވިޑް ހާލަތު ވަނީ މުޅިން ކޮންޓްރޯލްނުވެއެވެ. ޗައިނާއިން އަދި އެގައުމުގެ ރައްޔިތުން ގައުމުން ބޭރަށް ދަތުރުކުރުން ހުޅުވައެއް ނުލައެވެ. އިންޑިއާގެ ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ދަށަށެވެ. މިކަންތައްތަކަށް ބަލައިލާއިރު، މިއަހަރުގެ ކުރިމަގު ފެންނަނީ އަދި އެހާ ރަނގަޅަށް ކަމަކަށް ނުވެ އެވެ.

ބޯޑަރު ހުޅުވާލުން ރަނގަޅެވެ. އެއާލައިންތަކާއި، ޓުއާ އޮޕަރޭޓަރުންނާއި، ރިސޯޓުތަކާއި، އަދި ފަތުރުވެރިންނަށްވެސް ކުރިއަށް ޕްލޭންކުރަން މިހާރު ފަސޭހަވެ، ފަތުރުވެރިކަން ފަށައިގަތުމަށް މަގުފަހިވެގެންދާނެ އެވެ. ހަމަމިއާ އެކު ކުރެވޭ ސުވާލަކީ ރިސޯޓްތަކުން މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި އޮޕަރޭޝަން ފަށައިގަނެގެން، ހުއްޓާލަން ނުޖެހި ކުރިއަށް ގެންދެވޭނީ ކިހާވަރެއްގެ އޮކިއުޕެންސީއެއްގައި ބާވައެވެ؟ ގާތްގަޑަކަށް 30 އިންސައްތަ އޮކިއުޕަންސީއެއްގައި ހަމަ ޔަގީނުންވެސް ގިނަ ރިސޯޓްތަކަކަށް އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ދަތިވާނެއެވެ. މިހެންކަމުގައިވާނަމަ، މިއަހަރުގެ ބާކީ އޮތް ތަނުގައި ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ 150 ރިސޯޓް ހުޅުވައިގެން ކުރިއަށް ނުގެންދެވިދާނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައި ސޯސް މާކެޓްތަކަށް ކުރެވޭ އިޝްތިހާރުތަކާއި ޕްރޮމޯޝަންތަކަށް އިތުރު ސަމާލުކަމެއް އެބަ ދޭންޖެހެ އެވެ. ދުނިޔޭގެ އެހެނިހެން ގިނަ ގައުމުތަކާއި ހިލާފަށް، އަޅުގަނޑުމެންގެ ރިސޯޓްތަކަކީ ތަފާތު ޕްރޮޑަކްޓެކެވެ. އަޅުގަޑުމެންނަށް ލިބިފައިވަނީ ތަފާތު އެޑްވާންޓޭޖެކެވެ. އެއީ ރާއްޖޭގެ ރިސޯޓްތައް، ރަށްތައް ވަކިވަކިން ހުރިކަމެވެ. ކޮވިޑްގެ މި ހާލަތުގައި މިއީ ފަތުރުވެރިންނަށް ލިބިގެންދާނޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. މިހެންކަމުން، މިހާރު އިޝްތިހާރު ކުރާއިރު އެންމެ ބޮޑަށް ފާހަގަކޮށް ސަމާލުކަންދޭން ޖެހޭނީ މި މެސެޖް ފަތުރުވެރިންނަށް ދިނުމަށެވެ. މި މަންޒިލް އިޝްތިހާރު ކުރަންޖެހޭނީ ރައްކާތެރި "ސޭފް ޑެސްޓިނޭޝަން" އެއްގެ ގޮތުގައެވެ. ތަކުރާރުކުރަންޖެހޭނީ މި މެސެޖެވެ.

މީގެ އިތުރުން، ރިސޯޓުތަކާއި ސަރުކާރާއި ގުޅިގެން ކޮންމެ ރިސޯޓެއްގައިވެސް ފަތުރުވެރިންނަށް ހިދުމަތްދޭނޭ ހަރުދަނާ އުސޫލްތައް ހެދި، މި އުސޫލްތައް ގާއިމްކުރަންޖެހެ އެވެ. ގައިދުރުކަން ޔަގީންކުރާނޭ ގޮތްތައް އެކުލަވާލަންޖެހެ އެވެ. އެއާޕޯޓުން ފެށިގެން ރިސޯޓާއި ހަމައަށް ދާއިރު، ރައްކާތެރިކަމަށް ގާއިމްކޮށްފައިވާ ފިޔަވަޅުތައް އާންމުކުރަންޖެހެ އެވެ. ރިސޯޓްތަކުގައި އަމިއްލައަށް އޮންލައިންކޮށް ޗެކިން ކުރެވޭނޭ އިންތިޒާމް ހަމަޖެހިފައި އޮންނަންވާނެ އެވެ. ކޮޓަރިތަކަށް ވަނުމަށް ތަޅުދަނޑީގެ ބަދަލުގައި ބްލޫ ޓޫތު ނުވަތަ 'ކޮންޓެކްޓް ލެސް' އިންތިޒާމް ހަމަޖައްސަންޖެހެ އެވެ. ރެސްޓޯރަންޓް، ބާ، އަދި ރިސެޕްޝަންފަދަ ތަންތަންވެސް ގައިދުރުކަމަށް ސަމާލުކަންދީގެން ބަދަލުކުރަންޖެހެ އެވެ.

މީގެ އިތުރުންވެސް، ފަތުރުވެރިއަކުގެ ފަރާތުން އަލާމާތެއް ފެނިއްޖެނަމަ، ފަސޭހައިން ޓެސްޓް ކުރެވޭނޭ އިންތިޒާމްވެސް ހަމަޖެހިފައި އޮންނަންޖެހޭނެ އެވެ. އަދި ސިއްހީ ފަރުވާގެ ކަންކަންވެސް ކައިރި ހިސާބަކުން ލިބޭނޭ ގޮތަކަށް ރޭވިފައި ހުންނަންޖެހޭނެ އެވެ. ރިސޯޓުގައި މަސައްކަތްކުރާ މުވައްޒިފުންނަކީވެސް މިކަންތައްތަކަށް އަހުލުވެރި ކުރެވިފައިވާ، އަދި ޓްރޭނިން ދެވިފައިވާ ބަޔަކަށް ވާންޖެހޭނެ އެވެ. އަދި މުވައްޒިފުންގެ ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތައްވެސް ވަރަށް ސާފުކޮށް އެގެން އޮންނަންޖެހޭނެ އެވެ.

މިހުރިހާ ކަމަކާއިއެކުގައިވެސް، މިވަގުތު އޮޕަރޭޝަން ފަށަން ބޭނުންނުވާ ރިސޯޓްތައް ހުރެދާނެއެވެ. އަދި ހުރިހާ ރިސޯޓެއް ކޮވިޑްގެ ކުރިން އޮޕަރޭޓްކުރި މިންވަރަށް ދިއުމަށް އަދި އެއް އަހަރު ދެ އަހަރުވެސް ނަގާނެކަމަށް ބެލެވެއެވެ. މިހެންކަމުން، ހުރިހާ ރިސޯޓެއް އޮޕަރޭޝަން ފަށާނެކަމަށް ބަލައިގެންވެސް ނުވާނެ އެވެ. އެހެން ނަމަވެސް، އޮޕަރޭޝަން ނުފަށާ ރިސޯޓްތަކަށް ސަރުކާރުގެ ފަރާތުން ހާއްސަ ލުއިތަކެއް މިވަގުތު ދިނުންވެސް މުހިއްމުކަމެއް ކަމަށް ފެނެ އެވެ. 

އެއީ މިހާލަތުގައި ދަށް އޮކިއުޕަންސީއެއްގައި އޮޕަރޭޓްކުރުމަށްވުރެ، ބައެއް ތަންތަން ބަންދުކޮށްފައި ބޭއްވުންވެސް ރަނގަޅުވާނެތީ އެވެ. މިހެންކަމުން މިފަދަ ރިސޯޓްތަކުގެ ކުލި ކަނޑާލުން ނުވަތަ ފަސްކޮށްދިނުން ވަރަށް މުހިއްމެވެ. އަދި މިގޮތަށް ފަސްކޮށްދޭއިރު މަދުވެގެން ތިން އަހަރަށް ބަހާލައިގެން ދެއްކޭގޮތަށް ފަސްކޮށްދިނުންވެސް މުހިއްމެވެ.

މިހާރު މިއޮތީ ކޮވިޑާއި އެއްކޮށް އުޅެން މަޖުބޫރުވެފައެވެ. މިހެންކަމުން، މިދެންނެވިފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު، ފަތުރުވެރިކަން އަލުން ފަށައިގަނެ ކާމިޔާބުކަމާއިއެކު ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު އެބައޮތެވެ. މިކަމުގައި ބޭނުންވަނީ ފަތުރުވެރިކަމުގެ އިންޑަސްޓްރީ އާއި ސަރުކާރުގެ ކަމާގުޅޭ އިދާރަތަކުގެ ބައިވެރިވުމާއި އެކުވެރިކަމާ އެކު، ހަރުދަނާ އުސޫލްތަކެއްގެ ދަށުން ކަންކަން ކުރިއަށް ގެންދިއުމެވެ. 

އެޑިޓަރުގެ ނޯޓް:

ޝަހުލް ހުސައިން އަކީ ސީއެންއެމް ނޫހަށް ލިޔަމުންދާ ލިޔުންތެރިއެކެވެ. މައިގަނޑުގޮތެއްގައި ލިޔަމުންދަނީ އިޖުތިމާއީ އިގުތިސާދީ ދާއިރާގެ މައްސަލަތަކާ ބެހޭ ގޮތުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް