ads
މެމްބަރު އަބްދުﷲ ޖާބިރު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ވިޔަފާރިތަކަށް ލިބުނު ގެއްލުން އެސެސްކުރުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް
ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުންތައް އެސެސްކޮށް ވިޔަފާރިތައް އަލުން އިޔާދަކުރުމަށް ސަރުކާރުން އިތުރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލާ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު އަޑިއަޅާލައިފައިވާތީ ހުށަހެޅި އެ ގަރާރުގައި ބުނެފައި ވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ދުނިޔޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އައިސް، ދުނިޔޭގެ ވައިގެ ބަނދަރުތައް ހުއްޓި މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް، ރާއްޖޭގެ ބޯޑަރުތައް ވެސް އޮތީ ބަންދުކޮށްފައި ކަމަށެވެ. 

އަދި އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ވެރިރަށް މާލެ ލޮކްޑައުންގެ ހާލަތަށް ގެނެސް، ފަތުރުވެރިކަމުގެ ސިނާއަތުގެ ދަށުން ހިންގަމުންދާ ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި، ސްވެނިއާ ސޮޕްތަކުގެ އިތުރުން ދިވެހި އިގްތިސޯދުގެ ކުދި، މެދު އަދި ފުޅާ ދާއިރާއެއްގައި ހިންގަމުންދާ އެންމެހާ ވިޔަފާރިތައް ކުއްލި ގޮތަކަށް ހުއްޓުމަށް މަޖުބޫރުކުރެވިގެން ދިއުމުގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސޯދު މިވަނީ ކުއްލި ލޮޅުމެއް އައިސް އިނދަޖެހިފަވާ ހާލަތެއްގައި ކަމަށެވެ. 

އެ ވިޔަފާރިތަކަކީ ދިވެހި ހުރިހާ އާއިލާތަކާއި ގުޅިފައިވާ އަދި ޒަމާނުއްސުރެ އެވިޔަފާރިތައް ކުރަމުންދާ ފަރާތްތައް ހާލުގައި ޖެހި، އެ އާއިލާތަކުގެ ދުވަހުގެ ކޮއްތު ނުލިބޭ ފަދަ އަނދަވަޅަކަށް ރާއްޖޭގެ ވިޔަފާރިތަކުގެ ހާލަތު ގޯސްވެފައިވާ ކަމަށް ވެސް ގަރާރުގައި ބުނެ އެވެ. 

އެ ގަރާރުގައި އިތުރަށް ބުނީ ކުދި، މެދު އަދި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ފަރާތްތަކަށް ކޮވިޑްގެ ސަބަބުން އެ ވިޔަފާރިތަކުގެ އޮޕަރޭޝަން ހުއްޓި، ދިވެހި ސަރުކާރުން މިދަނޑިވަޅުތަކަށް ވިޔަފާރިތައް ކުރިމަތިވެފައިވާ ގެއްލުންތައް ފުރިހަމައަށް އެސެސްކޮށް، އެ ވިޔަފާރިތަކަށް ލިބިފައި ހުރި ގެއްލުންތައް އަލުން އިއާދަކުރުމަށްޓަކައި ދިވެހި ދައުލަތުގެ އެންމެހާ ވަސީލަތްތައް ބޭނުންކޮށްގެން ނަމަވެސް، ސަރުކާރުން އެ ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުންތައް އިއާދަކުރުމަށް ލާޒިމުކުރުމަށް ގޮވާލާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް