ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު:
އޭޑީއެފް ބޮޑުކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފި
އެއާޕޯޓު ޑިވެލޮޕްމެންޓް ފީ (އޭޑީއެފް) ބޮޑުކުރުމަށް ރާއްޖޭގެ އެއާޕޯޓުތަކުން ފުރާ މީހުންގެ އަތުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅައިފިއެވެ.
އެއާޕޯޓު ޑިވެލޮޕްމެންޓް ފީ (އޭޑީއެފް) ބޮޑުކުރުމަށް ރާއްޖޭގެ އެއާޕޯޓުތަކުން ފުރާ މީހުންގެ އަތުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވާފައެވެ. ނަމަވެސް ބިލުގެ އަމަލީ މަސައްކަތް ފެށޭނީ ދެން އަންނަ އަހަރުގެ ފުރަތަމަ ދައުރުގައެވެ.

މި ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅާފައި މިވަނީ އަންނަ އަހަރުގެ ބަޖެޓުގައި ރާއްޖޭގެ އެއާޕޯޓުތަކުން ފުރާ މީހުންގެ އަތުން ނަގާ ފީ ބޮޑުކުރަން ހިމަނާފައިވާތީއެވެ. ބަޖެޓުގައި ހިމަނާފައިވަނީ އޭޑީއެފްގެ ގޮތުގައި ނަގާ ޓެކްސް، ގިންތިކޮށް ބިޒްނަސް ކްލާހާއި ފަސްޓް ކްލާހުން ދަތުރުކުރާ ފަސިންޖަރުންގެ އަތުން ނަގާ ފީ ބޮޑު ކުރުމަށެވެ.

އެގޮތުން ބިޒްނަސް ކުލާހުން ދަތުރުކުރާ މީހުންގެ އަތުން ނަގާ ފީ 60 ޑޮލަރަށް ބޮޑުކުުރުމަށް ބަޖެޓުގައި ހިމަނާފައިވާއިރު ފަސްޓް ކުލާހުން ދަތުރު ކުރާ މީހުންގެ އަތުން 90 ޑޮލަރު ނަގަން ވަނީ ހިމަނައިފައެވެ. މި ފީ ނެގުމުގައި ދިވެހިންނާއި ބިދޭސިންގެ މެދުގައި ތަފާތުކުރުމެއް ނުގެންގުޅޭނެއެވެ.

ނަމަވެސް މިހާރު އޭޑީއެފް ނެގުމުގައި ތަފާތު ކުރުންތަކެއް ގެންގުޅެއެވެ. އެގޮތުން ދިވެހިންނަށް ނަގާ ފީ ބިދޭސީންނަށް ނަގާ ފީއަށްވުރެ ކުޑައެވެ. ދިވެހިންނަށް އޭޑީއެފްގެ ގޮތުގައި ނަގަނީ 12 ޑޮލަރެވެ. ބޭރު މީހުންގެ އަތުން 25 ޑޮލަރު ނަގައެވެ. މި ފީއިން އިސްތިސްނާ ވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުން އަދި އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ.

އޭޑީއެފް ނަގާ ރޭޓުތަކަށް ގެންނަ ބަދަލުުން ބަޖެޓަށް އިތުރަށް 159.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ.

އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ނަގަންފެށީ 2017 ވަނަ އަހަރުގެ މެއި މަހުން ފެށިގެންނެވެ. އެ ފީއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ މަޝްރޫއާ ގުޅިގެން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށާއި ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ނަގަންފެށި ފީ އެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް