ads
މާސްކް އަޅާފަ ތިބި ކުޑަ ކުއްޖަކާއި މަންމަ
ކުޑަކުދިންގެ ފަރާތުން ހަލުވިކަމާއެކު ކޮވިޑް ފެތުރޭކަމަށް ހޯދިއްޖެ
ކޮވިޑާއި ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ކުރެވުނު ދެ ދިރާސާއެއްގެ ނަތީޖާތަކުން ދައްކާގޮތުގައި ކުޑަކުދިންގެ ފަރާތުން ކޮވިޑް ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ދެ ދިރާސާއަކުން ދައްކައިފި އެވެ.

ބައިނަލްއަގްވާމީ މީޑިއާތަކުގައިވާ ގޮތުން އެ ދިރާސާއަކީ ޗިކާގޯގެ ހޮސްޕިޓަލަކާއި އިޓަލީގައި ކުރެވުނު ދިރާސާއެކެވެ. ޗިކާގޯއިން ކުރި ދިރާސާގައި ވަނީ ބަލިޖެހިފައިވާ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ކަރުގައި ވައިރަހުގެ އަސަރު ހުރި މިންވަރު އަޅާކިޔާފަ އެވެ. 

އެގޮތުން ކޮވިޑްގެ ހަމައެކަނި ކުދި އަލާމާތްތައް ފެނިފައިވާ ބޮޑެތި މީހުންނަށްވުރެ އުމުރުން ފަސް އަހަރުން ދަށުގެ ކުދިންގެ ފަރާތުން 10 އާއި 100 އާ ދެމެދު އަދަދަކަށް އިތުރަށް ވައިރަސް ފެންނަ ކަމަށް ދިރާސާއިން ދައްކަ އެވެ. 

ބޮޑެތި މީހުންނަށްވުރެ ގިނައިން ކުޑަކުދިންގެ ކިބައިން ވައިރަސް ފެންނަނަމަ އެފަދަ ކެޓަގޮރީއަކަށް ދާ ކުދިން ކިނބިހި އަޅާ، ކެއްސުން ނުވަތަ ހަޅޭއްލެވުމުން ބަލި ފެތުރުމުގެ ފުރުސަތު ބޮޑެވެ.

އަދި ހަމައެކަނި ކުދި އަލާމާތް ފެންނަ ފަސް އަހަރާއި 17 އަހަރުގެ އުމުރުފުރާތަކާއި 18 އަހަރުން މަތީގެ އުމުރުފުރާތަކުގެ މީހުންގެ ކިބައިން ވައިރަހުގެ މިންވަރު ފެންނާނީ އެއް ވަރަކަށް ކަމަށް އެ ދިރާސާގައި ބަޔާންކޮށްފައިވެ އެވެ. 

އިޓަލީގައި ކުރިއަށް ގެންދެވުނު ދިރާސާގައި ވަނީ ކޮންޓެކްޓް ޓްރޭސިންގެ މައްޗަށް ކަމަށް މީޑިއާތަކުގައި ރިޕޯޓްކުރެ އެވެ. އެ ދިރާސާގެ ހޯދުންތަކަށް ބަލާނަމަ ކުޑަކުދިންނަށް ބަލި ޖެހުމުގެ ފުރުސަތު ކުޑަ ނަމަވެސް އުމުރުން 14 އަހަރުން ދަށުގެ ކުދިންގެ ފަރާތުން އެހެން ކުދިންނަށާއި ބޮޑެތި މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު ބޮޑެވެ. އަދި އެ އުމުރުފުރާގެ ކުދިންގެ ފަރާތުން ބަލި ފެތުރުމުގެ 22.4 އިންސައްތަ ފުރުސަތެއް އޮވެ އެވެ. އަދި 30 އާއި 49 ދެމެދުގެ އުމުރުފުރާތަކުގެ ފަރާތުން ބަލި ފެތުރުމުގެ 11 އިންސައްތަ ފުރުސަތެއް އޮންނައިރު ކުޑަކުދިންގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު ދެގުނަ އިތުރެވެ.  

ދެ ދިރާސާގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކޮވިޑްގެ އަސަރު ފޯރާފައިވާ ސަރަހައްދުތަކުގައި ސްކޫލްތައް ހުޅުވާލުމަކީ އެންމެ އެދެވިގެންވާ ކަމެއް ނޫން ކަމަށް ބުނެ، އެއީ ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކޮށްދޭ ކަމެއް ކަމަށް ވެސް ރިޕޯޓުގައި ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް