ރޮޒައިނާ ވިދާޅުވީ ރޭޕްކުރުމާއި، ވައްކަންކުރުމާއި، ޖިންސީ ގޯނާ، ފަދަ ކުށްތަކަށް ޑްރަގް ބޭނުންކޮށްގެން ތިބެ ޒުވާނުން އަރައިގަންނަ މަންޒަރު ބަލަން ދެރަވާ ކަމަށެވެ. އަދި އެކަހަލަ މައްސަލަތައް ހުއްޓުވަން ހަރަދުކުރާ މިންވަރު އިތުރުކުރަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
ރޮޒެއިނާ އިތުރަށް ވިދާޅުވީ އެކަމަށްޓަކައި ހޭލުންތެރިކުރުވުމުގެ ޕްރޮގުރާމްތައް ސުކޫލް ތަކުގައި ފަށަން ޖެހޭ ކަމަށެވެ. އަދި އެފަދަ ޕްރޮގުރާމްތައް ބެލެނިވެރިންނަށް ހާއްސަ ކޮށްގެން ވެސް ހިންގަންޖެހޭ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
ރޮޒެއިނާ މިހެން ވިދާޅުވެފައި މިވަނީ އައްޑޫސިޓީ ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކުރި މައްސަލައިގައި ބައިވެރިވި ދެމީހުން އެކަން ހިގިގޮތް ކިޔާދޭ ވީޑިއޯއެއް އާންމުވުމުންނެވެ.
ފޭސްބުކްގައި ދައުރުވަމުންދާ އެ ވީޑިއޯގައި ފެންނަގޮތުން ރައްޔިތުންގެ ބަޔަކު މިކަން ކުރި ދެ ޒުވާނުންނާއި ސުވާލުތައް ކުރުމުން އެމީހުން ވަނީ އެކަން ހިނގާދިޔަ ގޮތް ކިޔައިދީ އެވެ.
އުމުރުން 48 އަހަރުގެ ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕް ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖުލައި 31 ވަނަ ދުވަހުގެ ހެނދުނު އެވެ. އެމައްސަލައާ ގުޅިގެން 30 އަހަރާއި 19 އަހަރުގެ ދެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން އެދުވަހު ހެދުނު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ވަނީ ރޭޕްގެ ތުހުމަތުގައި އައްޑޫން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް ޖަހާފައި ކަމަށާއި އެ މައްސަލައިގައި އިތުރު ބަޔަކު ހިމެނޭކަމަށް މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައި ނުވާ ކަމަށް ވިދަޅުވެފަ އެވެ.
އޭގެ އިތުރުން ފުލުހުން ބުނީ ރޭޕްގެ ޝިކާރައަކަށްވީ އަންހެންމީހާ ދައްކާފައި ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ކަމަށެވެ. އަދި އެ އަންހެން މީހާގެ ސައިކޮލޮޖިކަލް އެސެސްމަންޓެއް ހެދުމަށް ފުވައްމުލަކަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އެ މައްސަލަ ފުލުހުން މިހާރު ތަހުގީގުކުރަމުން އަންނައިރު މިފަހަކަށް އައިސް ޖިންސީ ގޯނާއި ރޭޕްގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. އެ ފަދަ މައްސަލަތައް ރިޕޯޓްކުރާ މިންވަރު ވެސް ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ.