ads
ބަންގްލަދޭޝްގެ އިތުރު 200 މީހަކު އަނބުރާ ގައުމަށް--
ބަންގްލަދޭޝްގެ އިތުރު 200 މީހަކު އަނބުރާ ގައުމަށް ފޮނުވާލައިފި
ސަރުކާރާއި މޯލްޑިވިއަން ގުޅިގެން ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވުމުގެ މަސައްކަތުގެ ތެރެއިން ބަންގްލަދޭޝްގެ އިތުރު 200 މީހަކު އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.

މޯލްޑިވިއަން ބުނީ އެ އެއާލައިންގެ ފްލައިޓެއްގައި އިތުރު 200 ބަންގްލަދޭޝް މީހަކު ފުރާފައިވާ ކަމަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމީހުން ދަތުރުކުރާނީ ބަންގްލަދޭޝްގެ ވެރިއަށް ޑާކާއަށް ކަމަށް ވެސް މޯލްޑިވިއަނުން ބުނެ އެވެ. 

އެ އެއާލައިނުން މިހާތަނަށް ބަންގްލަދޭޝް މީހުން ގައުމަށް ގެންދިއުމަށް 20 އަށްވުރެ ގިނަ ދަތުރު ވަނީ ކޮށްފައެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ރާއްޖޭގައި ގަވައިދާ ހިލާފަށް ދިރިއުޅެމުން ދިޔަ 4،582 އަށް ވުރެ ގިނަ ބަންގްލަދޭޝް ރައްޔިތުން ވަނީ މިހާރު އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ. 

ރާއްޖޭގައި ގިނަ އަދަދެއްގެ ބަންގަލަދޭޝް ރައްޔިތުން އުޅެމުން ދާއިރު، ގަވާއިދާ ހިލާފަށް އުޅެމުންދާ މީހުން ފޮނުވާލަން ފަށާފައި ވަނީ މިދިޔަ މޭ މަހުގެ ތެރޭގައި އެވެ. 

އެގޮތުން ބަންގްލަދޭޝްގެ އަސްކަރީ މަނަވަރެއްގައި އަދި އެ ގައުމުގެ ގައުމީ އެއާލައިންގެ ފްލައިޓްތަކުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުން ދިޔަ މީހުން ފޮނުވާލާފައިވެ އެވެ. އަދި ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އާއި، އިކޮނޮމިކް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީގެ އިތުރުން ކަމާ ބެހޭ އެހެން އިދާރާތައް ގުޅިގެން ވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނާއި، ގަވާއިދާ އެއްގޮތަށް އުޅޭ ރައްޔިތުންގެ ތެރެއިން ވެސް އަނބުރާ ގައުމަށް ދާން ބޭނުންވާ މީހުން ގައުމަށް ފޮނުވާލުމުގެ މަސައްކަތް ފަށާފަ އެވެ. 

ކުރިއަށް އޮތް ތަނުގައި 5،000 އެއްހާ ބަންގަލަދޭޝް މީހުން ފޮނުވާލުމުގެ މަސައްކަތް ކުރަމުން ދާކަމަށް ސަރުކާރުން ބުނެފައި ވާއިރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ މިއަހަރުގެ ތެރޭގައި 20،000 ބިދޭސީން ރާއްޖެއިން ފޮނުވާލެވޭނެ ކަމަށް ދާދި ފަހުން ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް