ads
ހިރިޔާ ސްކޫލްތަކުގެ ދަރިވަރުންތަކެއް
ސްކޫލްތައްވެސް ބަނދުކުރަން ނިންމައިފި
ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އަލުން މާލޭގެ ސްކޫލްތައް ބަންދުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން މެދުކަނޑާލުމަށް ފަހު ޖުލައި މަހުގެ އެއްވަނަ ދުވަހު މާލޭ ސިޓީގެ ސްކޫލްތައް ފިޔަވައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ގްރޭޑް އެކަކުން 12 ގެ ކިޔެވުން ފަށާފައެވެ. އެގޮތުން މާލޭ ސިޓީގެ ސްކޫލްތަކުގައި ކިޔަވައިދީފައި ވަނީ ގްރޭޑް ނުވައަކުން 12ގެ ދަރިވަރުންނަށެވެ. މީގެ އިތުރުން ގްރޭޑް ހަތެއް އަދި އަށެއްގެ ކިޔެވުން މާލޭ ސިޓީގެ ސްކޫލްތަކުގައި އޮގަސްޓު މަހުގެ 16 ވަނަ ދުވަހު ފެށުމަށް މިނިސްޓްރީން ވަނީ އިއުލާން ކޮށްފައެވެ. އީދު ބަންދާއި، މިޑް ޓާމު ބަންދަށް ސްކޫލްތައް ބަންދުވުމަށްފަހު އަލުން ހުޅުވުމަށް މިނިސްޓްރީން ހަމަޖައްސާފައިވާ ތާރީހަކީ މިމަހުގެ ނުވަ ވަނަ ދުވަހުއެވެ. 

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ ކޮވިޑް19ގެ ހާލަތަށް ރިއާޔަތްކޮށް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ލަފާގެ މަތިން، މިމަހުގެ ނުވަ އަކުން 19 އަށް މާލޭ ސިޓީގެ ސްކޫލްތަކަށް ދަރިވަރުން ހާޒިރުވާން ނުޖެހޭގޮތަށް ކިޔެވުން ކުރިއަށް ގެންދިއުމުގެ އިންތިޒާމް ހަމަޖެއްސުމަށް އެމިނިސްޓްރީން ނިންމާފައި ވާކަމެވެ.

ދަރިވަރުން ސްކޫލަށް ހާޒިރުވާން ނުޖެހުނު ނަމަވެސް، އޮންލައިންކޮށް ފިލާވަޅުތައް ކުރިއަށް ގެންދެވޭނެ ކަމަށާއި ދެ ހަފްތާއަށްފަހު ބަލިމަޑުކަން ފެތުރޭގޮތަށް ބަލައި، އެ ނިންމުން މުރާޖައާ ކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިތުރަށް ބުނީ ސްކޫލަކީ ދަރިވަރުންގެ ނަފްސާނީ އަދި އިޖުތިމާއީ ކުރިއެރުމުގައި މުހިއްމު ދައުރެއް އަދާކުރާ ތަނަކަށްވާއިރު، ސްކޫލަށް ހާޒިރުވެ އުނގެނޭ އުނގެނުމުގެ ފައިދާއަކީ އެހެން އެއްވެސް ގޮތަކުން ލިބިގަނެވޭނެ އެއްޗެއް ނޫން ކަމެވެ. އެހެން ނަމަވެސް، މިނިސްޓްރީއިން އަބަދުވެސް އެންމެ އިސްކަން ދޭނީ ދަރިވަރުންގެ ސިއްހަތަށް ކަމުގައިވާތީ، ކޮވިޑް19ގެ މިހާރުގެ ހާލަތަށް ރިއާޔަތް ކުރުމަށްފަހު، ދަރިވަރުން އާއިލާއާއެކު ގޭގައި ތިބުމަކީ މިވަގުތަށް އެންމެ ރައްކާތެރިގޮތް ކަމަށް ދެކޭ ކަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ގޭގައި ދަރިވަރުން ތިބޭއިރު، އާންމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށާއި، ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި ކަމާގުޅޭ އެހެނިހެން މުއައްސަސާތަކުންދޭ ލަފައާއި އިރުޝާދުތަކާ އެއްގޮތަށް ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިން އަމަލު ކުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް