ads
ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ-- ފޮޓޯ: ސީއެންއެމް
ލޮކްޑައުންނުކޮށް އެޅޭނެ ހަރުދަނާ ފިޔަވަޅެއް ނެތީތަ!
ކޮރޯނާ ވައިރަހުން މުޅި ދުނިޔެ ބަނަކޮށްލައި، ކޮވިޑް ޖެހިގެން އެތައް މިލިއަން ބަޔަކު މަރުވެގެންދިޔަ އިރު އެ ބަލިން ރައްކާތެރިވުމުގެގޮތުން ރާއްޖެއިން ވެސް ގިނަ ފިޔަވަޅުތަކެއް އެޅި އެވެ. އެގޮތުން ހުރިހާ ގައުމަކުން ކުރި ލޮކްޑައުން ކުރި ގޮތަށް ރާއްޖެ ވެސް ލޮކްޑައުންކޮށްލި އެވެ. ރާއްޖެ ލޮކްޑައުން ކުރުމާއެކު ބަލި ފެތުރުން ކޮންޓްރޯލްވި އެވެ. ދެ މަހެއްހާ ދުވަހުގެ ލޮކްޑައުންނަކަށް ފަހު ފިޔަވަހިތަކަށް ބަހާލައިގެން ލުއި ދެމުން ގޮސް މިހާރުވަނީ ވަރަށް ބޮޑެތި ލުއިތައް ދީ ރާއްޖެ ހުޅުވާލާފަ އެވެ.

ރާއްޖެ ހުޅުވާލައިގެން ހިދުމަތް ދޭން ފެށިތާ އަދި މާ ގިނަ ދުވަހެއް ނުވަނީސް މިހާރުވަނީ ކޮވިޑުގެ ނުރައްކަލުގެ ރަނގަބީލް އަޑު ގަދަވެފައެވެ. ބަލި ޖެހޭ މީހުންގެ އަދަދު ކޮންޓްރޯލުނުވެ ހައްދުން ނައްޓާފައެވެ. ދުވާލެއްގެ މައްޗަށް 100 އިން މަތިން ޕްޒިޓިވްވާ މީހުންގެ އަދަދު އިތުރުވި އެވެ. އެޑްމިޓްކޮށްގެން އިއްޔެއާ ހަމައަށް ފަސް މީހަކަށް ފަރުވާ ދެމުންދާއިރު އައިސީޔޫގައި ފަރުވާ ދޭން ޖެހުނު މީހުންގެ އަދަދުތައް ވެސް ދަނީ މައްޗަށެވެ. އިއްޔެ އާ ހަމައަށް ދެ މީހަކަށް އައިސީޔޫގައި ފަރުވާދެމުންދިޔަ އެވެ. ކޮވިޑުގެ ބަލީގެ ދެވަނަ ރާޅެއްގެ ބިރު އޮތްކަމުގެ އިންޒާރު ސިއްހީ ތަޖުރިބާކާރުން ދެއްވަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ރާއްޖޭއަށް ވެސް އެ ރާޅު ނާރާ ނުދާނެ ކަހަލަ ހެކިތަކާއެކު ސިއްހީ ތަޖުރިބާކާރުން ދިޔައީ އެކަން ސަމާލުކަމަށް ގެންނަމުންނެވެ.

ސަރުކާރުންދިން ލުޔާއެކު އެއްވެސް ބެލުމެއް ނެތި އުޅެން ފެށުމުގެ ހިތި ނަތީޖާ މިއަދު ފެންނަށް ފަށާފައިވާއިރު ވެސް ގިނަ ބަޔަކަށް ކަމެއްވާހެން ވެސް ހީ ނުވާ ކަހަލަ އެވެ. މަޖުބޫރީ ހާލަތެއްގައި ނޫން ގޮތަކަށް ބޭރަށް ނުނުކުތުމަށް އިލްތިމާސް ކުރާއިރު ތިޔަ ކިޔަނީ ކީހޭހޭ ވެސް ހީނުވާ ކަހަލަ އެވެ. ނަތީޖާއަކަށްވެގެން މިއުޅެނީ ކޮވިޑަށް ޕްޒިޓީވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެ ކަން ބޮޑުވުން އިންތިހާ އަށް ދިއުމެވެ.

ކޮވިޑުގެ ނުރައްކާ ބޮޑުވެފައިވާވަރުން ރައީސް ސޯލިހު އެންމެ ފަހުން ވަނީ އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެ އެވެ. އަދި ލޮކްޑައުންނަކަށް ދިއުމަކީ ރަނގަޅުކަމެއްކަމަށް ދެކިވަޑައިނުގަންނަވާކަމަށް ވިދާޅުވެފައެވެ. ލޮކްޑައުންނަކަށް ދިއުމުން ލިބުނު ގެއްލުން ބޮޑުވެގެންދިޔަ އެވެ. އެވަރުނުކޮށްލާ ރާއްޖެ ހިންގާލުމަށް ފުރުސަތު ދިނުމަށް ރައީސް އެދިވަޑައިގެންނެވީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. މުޅި ގައުމުގެ އިގުތުސާދު ފުޑުފުޑުވެގެންދިޔައީ އެވެ. އެތައް ބަޔަކު ފަގީރުވީ އެވެ. ސަލާން ޖަހާ ހިސާބަށް ކަންކަން މިވަނީ ގޮސްފަ އެވެ. މިވަރުގެ ނިކަމެތިކަމެއް ކުރިމަތިވެގެން އުޅޭ އިރު އުދޭ ސުވާލަކީ ލޮކްޑައުންނަކަށް ނުގޮސް ކޮވިޑް ޖެހޭ މީހުންގެ އަދަދު މަދު ކުރުމަށް އެޅޭނެ ފިޔަވަޅެއް ހަމަ ނެތީތޯ އެވެ.

ދެ މަހެއްހާ ދުވަހުގެ ލޮކްޑައުންނަކަށް ފަހު ލުއިތަކާއެކު ގައުމު ހުޅުވާލި ފަހުން ކޮވިޑް ފެތުރުނު ގޮތްތައްކަމަށް އެޗްޕީއޭއިން ބުނާ ގޮތްތަކެއް އެބަ ހުއްޓެވެ. ބަލި ފެތުރޭ ފުރަތަމަ ސަބަބެއްކަމަށް އެޗްޕީއޭއިން ބުނަނީ އޮފީސްތަކުން ބަލި ފެތުރޭ ކަމަށެވެ. ދެވަނަ އަށް ބުނަނީ އެހެނިހެން މަސައްކަތް ކުރާ ތަންތަނުގެ ވާޙަކަ އެވެ. ތިން ވަނަ އަށް ލިސްޓްވަނީ ހޮޓާ ރެސްޓޯރެންޓުން ކަމަށެވެ. މިހެން ގޮސް ލިސްޓެއް އެބަ އޮތެވެ. ސުވާލަކީ މި ލިސްޓް މި ުގޮތަށް އޮތް އިރު ވެސް ދެން ވާންވީ ކިހިނެއްކަން ކަމާބެހޭ ފަރާތްތަކަށް ނޭނގެނޭ ބާއްވަ އެވެ.

ގައުމު ގައުމެއްގެ ގޮތުގައި އޮވެވޭނީ ދުޅަހެޔޮ ރައްޔިތަކު ތިބެގެންނެވެ. ރައްޔިތުންގެ ރައްކާތެރިކަމެއްވުރެ ބޮޑުކަމެއް ސަރުކާރަށް ނެތްކަމުގެ ވާހަކަ ދަނީ ތަކުރާރ ކުރަމުންނެވެ. އެ ވާހަކަ ދައްކަނީ ހަގީގަތުގައިވެސް އެކަން ބޭނުންވެގެންކަން ސާބިތުކޮށްދޭން އެބަ ޖެހެ އެވެ.

"ސަރުކާރުން އެބަ ބުނޭ އެންމެ އިސްކަމަކީ ރައްޔިތުންގެ ރައްކާތެރިކަމޭ. އެ ވާހަކަ އެހެން ބުނާއިރު އެބަޖެހޭދޯ އެކަން ސާބިތުކޮށްދޭން. ކުރިން އެކަން ސާބިތުކޮށްދީފި. އެކަމަކު މިހާރު ފަހަތު ފަޔަށް ބުރަވާ ކަހަލަ ފިޔަވަޅެއް އަޅަން،" ނަން ޖަހަން ބޭނުންނުވާ ސިއްހީ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ލޮކްޑައުންނަކަށް ނުދިޔަ ނަމަވެސް މިހާރު ވެސް އެޅޭނެ ފިޔަވަޅުތައް ހުންނާނެވެ. އެފިޔަވަޅުތައް އެޅުން ލަސްވާ ކޮންމެ ސިކުންތަކީ ރައްޔިތު މީހާ ނުރައްކަލުގެ ތެރެއަށް ވައްޓާލުން ފަދަ ކަމެކެވެ.

"ކީއްވެ ފިޔަވަޅުތައް ހަރުދަނާ ނުކުރަންވީ. މިސާލަކަށް ހިސާބުތަކުން ދައްކަނީ އެންމެ ގިނައިން މީހުންނަށް ބަލި ޖެހެނީ އޮފީސްތަކުން ކަމަށް. އެހެން އެކަން އޮތް ނަމަ ވަގުތުން އޮފީސްތައް ބަންދުކޮށް އޮންލައިންކޮށް ހިދުމަތް ދޭންވީނު. މި ވަގުތަށް ބޭނުންވާ ހިދުމަތްތައް ކޮންލައިންކޮށް ދެވެންވާނެ. އެކަން ނުކުރެވޭނަމަ ސައިންސް ޓެކްނޮލޮޖީއާ ބެހޭ މިނިސްޓްރީގެ ބޭނުމެއް ނެތް،" ސިއްހީ ދާއިރާގައި ހިދުމަތް ކުރައްވާ ތަޖުރިބާކާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަލި ފެތުރޭ ގޮތްގޮތް ސާފުވަމުންދާއިރު އެކަންކަން ހުއްޓުވަން ނުވަތަ މަދު ކުރުމަށް ފިޔަވަޅު ނާޅާ ތިބުމަކީ ރިހޭފައި މައްޗަށް ފޮއި ވެއްޓުން ފަދަ ކަމަކަން ވާނެކަމަށެވެ. އެހެން ވެއްޖެނަމަ އިގުތިސާދު ފުޑިގެންދާ ގޮތަށް މީހުންތައް ވެސް މަރުވެދާނެކަމަށެވެ.

"މިއީ އާދައިގެ ހުމެއް ނޫން އަސްލުވެސް. މި ބަލި ޖެހުމުން އެތެރެހަށީގެ ގުނަވަންތަކަށް ވަރަށް ބޮޑަށް ގެއްލުންވަމުންދާކަން މިހާރު އެބަ އެނގޭ. އެހެންވީމަ ބަލައިގެން ކަންކަން ކުރަންޖެހޭނީ ވީހާ ގިނަ ބަޔަކަށް ރައްކާތެރިކަން ލިބޭގޮތަށް،" އޭނާ ވިދާޅުވި އެވެ.

އެއީ ސިއްހީ ތަޖުރިބާކާރުންގެ ވާހަކަ އެވެ. އެ ވާހަކަތަކަށް ބުރަވާން ޖެހޭ ސަބަބުތައް ހުންނާނެމެވެ. އެހެންކަމުން ސިޔާސަތު ކަނޑައަޅާ މީހުންގެ ވިސްނުން ދުރަށް ބަހައްޓަން ޖެހޭނެ އެވެ. ލޮކްޑައުންނަކަށް ނުދިޔަ ނަމަވެސް އެޅޭނެ ފިޔަވަޅުތައް ހުންނާނެ އެވެ. އެ ފިޔަވަޅުތައް ނާޅާ ތިބެން ޖެހޭ ސަބަބެއް ނުފެނެ އެވެ. ފިޔަވަޅު ނާޅާ ދޫކޮށްލުމުން ލިބޭނެ ފައިދާއެއް އެބަ އޮތްތޯ އެވެ. އޮތް ނަމަ ތިޔަ ގޮތް ރަނގަޅެވެ. ނަމަވެސް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަނީ މުޅިން އެހެން މަންޒަރެކެވެ. މި ހާލަތަށް ދިޔައީވެސް ހަގީގަތާ ކުރިމަތިނުލައި ޑީމާންޑާއެއްވަރަށް ހިދުމަތް ނުދެވިގެންނެވެ. މިލިބުނު ތަޖރިބާއާއެކު ދެން ވެސް ފިޔަވަޅުތައް ހަރުދަނާ ކުރަމާ ހިނގާށެވެ. އެހެން ނޫން ނަމަ ފަރުވާ ނުދެވޭވަރަށް ކޮވިޑުގެ ބަލި އާންމު ވެދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް