ads
އޮންލައިންކޮށް މިއަދު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން:ފޮޓޯ- ރައީސް އޮފީސް
ނިލަންދޫ ކައުންސިލަރުންނާއި ނައިބުރައީސް ބައްދަލު ކުރައްވައިފި
ނައިބު ރައީސް ފައިސަލް ނަސީމް ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލަރުންނާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވެވި މި ބައްދަލުވުމުގައި، ނިލަންދޫ ކައުސިލަރުންގެ އިތުރުން ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގަތެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ވަނީ ނިލަންދޫ ކައުންސިލަރުންނާއި މުއައްސަސާތަކުގެ ވެރިންގެ ކިބައިން އެރަށުގެ ރައްޔިތުންނަށް މި ވަގުތު އެންމެ ދަތިވާ މައްސަލަތަކާ ބެހޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

އެގޮތުން، ރަށުގެ ކަރަންޓާއި ނަރުދަމާގެ ޙާލަތު މިވަގުތު ހުރިގޮތުން ހުރި ކަންބޮޑުވުންތަކާއި، ރަށުގެ ބަނދަރާއި ގުޅިގެން މިހާރު ހުރި ކަންބޮޑުވުންތައް ކައުންސިލަރުންނާއި މުއައްސަސާތަކުގެ ވެރިން ނައިބު ރައީސް ހިއްސާކުރައްވާފައެވެ.

އެރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް ބޭނުންވާ ޖަނަރޭޓަރާއި އެހެނިހެން ބައެއް ސާމާނު އެރަށަށް ގެންދިއުމުގެ މަސައްކަތް ފެށިގެން ކުރިޔަށްދާކަން ފާހަގަކުރައްވައި، އެ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ނިލަންދޫ ކައުންސިލަރުންނާއި އަދި މުއައްސަސާތަކުގެ ވެރިންނާ ނައިބު ރައީސް ވަނީ ހިއްސާކުރެއްވިއެވެ.

އަދި، ކަރަންޓާއި ނަރުދަމާއާއި ގުޅިގެން ކައުންސިލަރުން ފާހަގަކުރެއްވި ކަންކަން ފެނަކަ ކުންފުނީގެ ބޭފުޅުންނާ މަޝްވަރާ ކުރައްވައިގެން ހައްލުކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށާއި، އަދި އޭގެ އިތުރަށް ފާހަގަކުރެއްވި ކަންކަންވެސް ކަމާބެހޭ ސަރުކާރުގެ އިދާރާތަކާ ހިއްސާކުރައްވައި މަޝްވަރާކުރައްވާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު ރާއްޖެ މިއޮތް ޞިއްހީ ޙާލަތުގައި ނިލަންދޫގެ ސިއްހީ ހިދުމަތްދޭ ފަރާތްތަކުންވެސް ރައްޔިތުންނަށް ވީހާވެސް ބޮޑަށް މަޢުލޫމާތު ފޯރުކޮށްދީ ރައްކާތެރިކަމުގެ ގޮތުން ސިއްހީ މާހިރުންދޭ އިރުޝާދުތަކާ އެއްގޮތަށް ކަންކަން ބައްޓަންކުރުމަށް ބާރުއަޅައި މަސައްކަތްކޮށްދެއްވުމަށްވެސް މި ބައްދަލުވުމުގައި ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް