ads
ޓޫރިޒަމް މިނިސްޓަރު ކަމަށް މައުސޫމް އައްޔަން ކުރެއްވުން--
ޓޫރިޒަމް މިނިސްޓަރު ކަމަށް ޑރ. މައުސޫމް އައްޔަންކުރައްވައިފި
ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ޑރ. އަބްދުﷲ މައުސޫމް މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ޑރ. އަބްދުﷲ މައުސޫމް، އައްޔަންކުރައްވާ، އެމަނިކުފާނަށް މަގާމުގެ ފަތްކޮޅު ދެއްވާފައިވާ ކަމަށެވެ.

ޑރ. މައުސޫމް މިހާތަނަށް ހުންނެވީ ރާއްޖެއިން ސިންގަންޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގަ އެވެ. ޑރ. މައުސޫމް ވަނީ ރައީސް މައުމޫން ވެރިކަމުގައި ވެސް ޓޫރިޒަމް މިނިސްޓަރުކަން ކުރައްވާފަ އެވެ. އޭގެ ފަހުން ރައީސް މައުމޫނު ވެރިކަމުގައި އެންވަޔަރުމަންޓް އެންޑް އެނަޖީ މިނިސްޓަރުކަން ވެސް ކުރައްވާފަ އެވެ.

ސަރުކާރު ހިންގާ ކޮލިޝަނުގައި ހިމެނޭ ޖޭޕީގެ ސްލޮޓެއްގައި ސިޔާސީ މަގާމަށް ވަޑައިގެންނެވި ޑރ. މައުސޫމްވަނީ އާ ގާނޫނު އަސާސީގެ ދަށުން ފުރަތަމަ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވައިގެން ކެލާ ދާއިރާގެ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރައްވާފަ އެވެ. އެ އިންތިހާބު ބޭއްވީ 2009 ވަނަ އަހަރު އެވެ.

މަޖިލިސް މެމްބަރުކަމުގެ އިތުރުން ރައީސް މައުމޫނު އުފެއްދެވި ޑީއާރްޕީގެ ސެކެރެޓަރީ ޖެނެރަލްކަން ވެސް ޑރ. މައުސޫމް ފުރުއްވި އެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމު، ހުސްވެފައި ވަނީ އެމަގާމުގައި ހުންނެވި އަލީ ވަހީދު، މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު މަގާމުން ވަކި ކުރެއްވުމާއެކު އެވެ. އޭނާގެ މައްޗަށް މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރި ތުހުމަތުކޮށް މައްސަލަ ތަހުގީގުކުރަމުން އަންނައިރު އެ މިނިސްޓްރީ ވަގުތީ ގޮތުން ބެލެހެއްޓެވީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެވެ. 

ޓޫރިޒަމްގެ ދާއިރާއިން ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ޑރ. މައުސޫމް ވަނީ ރާއްޖޭގެ ޓޫރިޒަމް މާކެޓް ކުރުމަށް އުފެއްދި ޓޫރިޒަމް ޕްރޮމޯޝަން ބޯޑް ވެސް ހިންގަވާފަ އެވެ. ރައިސް މައުމޫނު ސަރުކާރުަގައި ޓޫރިޒަމް މިނިސްޓަރު ކަމަށް ޑރ. މައުސޫމް އައްޔަނު ކުރެއްވި އިރު ހުންނެވީ ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ އެންމެ އިސް މަގާމުކަމު ގައެވެ.

ޑރ. މައުސޫމް ފަހުން ވަނީ ޖޭޕީގެ ސެކެރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފަ އެވެ. އޭގެ ފަހުން ރާއްޖޭގެ އެންމެ ބޮޑު އެއް ރިސޯޓްކަމަށްވާ ސަން އައިލެންޑުގެ ޖެނެރަލް މެނޭޖަރު ކަން ވެސް ޑރ. މައުސޫމް ފުރުއްވި އެވެ. އެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އަމިއްލަ ވިޔަފާރީގައި އުޅުއްވި އެވެ. 

މީގެ ދެ އަހަރެއްހާ ދުވަސްކުރިން 2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިންނުގައި އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން ރައީސް ސޯލިހުގެ ރިޔާސީ އިންތިހާބުގައި އިސް ދައުރެއް ޑރ. މައުސޫމް އަދާ ކުރެއްވި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓޫރިޒަމް މިނިސްޓްރީއެއް އުފެއްދެވީ މީގެ 31 އަހަރުކުރިން 1988 ވަނަ އަހަރު، ނޮމެމްބަރު މަހުގެ 11 ވަނަ ދުވަހު ރައީސް މައުމޫނުގެ ރިޔާސަތުގަ އެވެ. އެ މިނިސްޓްރީއަށް މިިނިސްޓަރަކު އައްޔަނު ކުރެއްވީ 1989 ވަނަ އަހަރު ޖެނުއަރީ މަހު ތެރޭގަ އެވެ. ރާއްޖޭގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަނު ކުރެއްވީ އަހުމަދު މުޖުތަބާ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ 31 އަހަރު ތެރޭގައި ވަނީ 16 މިނިސްޓަރުން އެ މިނިސްޓްރީއަށް އައްޔަނު ކުރައްވާފަ އެވެ. މުޖުތަބާ އަށް ފަހު ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވީ އިސްމާއިލް ޝަފީއު އެވެ. އޭގެ ފަހުން އަބުދުﷲ ޖަމީލް އެވެ. އަބުދުﷲ ޖަމީލަށް ފަހު ޓޫރިޒަމް މިނިސޓަރުކަމަށް 1993 ވަނަ އަހަރު އައްޔަނު ކުރެއްވީ އިބްރާހީމް ހުސައިން ޒަކީ އެވެ. ޒަކީ އަށް ފަހު މިނިސްޓަރުކަމާ ހަވާލުވީ ހަސަން ސޯބިރު އެވެ. ސޯބިރު އަށް ފަހު ޑރ. މުސްތަފާ ލުތުފީ ޓޫރިޒަމް މިނިސްޓަރުކަމަށް އައްޔަނު ކުރެއްވި އެވެ. އެންމެ ކުރު މުއްދަތަކަށް ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ބޭފުޅަކީ ޑރ. މުސްތަފާ ލުތުފީ އެވެ. 

ޑރ. މުސްތަފާ ލުތުފީ އަށްފަހު ޓޫރިޒަމް މިނިސްޓަރުކަމަށް އައްޔަނު ކުރެއްވީ ޑރ. މަހުމޫދު ޝައުގީ އެވެ. ޑރ. ޝައުގީ އިސްތިއުފާ ދެއްވުމުން ޓޫރިޒަމް މިނިސްޓަރުކަމަށް ރައީސް މައުމޫން އައްޔަނު ކުރެއްވީ ޑރ. އަބުދުﷲ މައުސޫމެވެ. ޑރ. މައުސޫމަށް ފަހު ޓޫރިޒަމް މިނިސްޓަރުކަމަށް ރައީސް މައުމޫނު އައްޔަނު އެއްބަފާފުޅު ކޮއްކޯފުޅު އަބުދުﷲ ޔާމީނު އެވެ. ރައީސް މައުމޫނުގެ ވެރިކަން 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ނިމުމު އިރުވެސް ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވީ ޔާމީނު އެވެ.

ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިކަން ބަދަލުވެގެން ރައީސް މުހައްމަދު ނަޝީދުގެ ކެބިނެޓުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަނު ކުރެއްވީ ޑރ. އަހުމަދު އަލީ ސަވާދު އެވެ. ޑރ. ސަވާދަށް ދެ ވަނަ ފަހަރަށް ޓޫރިޒަމް މިނިސްޓަރުކަން ދެއްވީ 7 ޖުލައި 2010 ގަ އެވެ. ދެ ވަނަ ފަހަރަށް ޓޫރިޒަމް މިނިސްޓަރުކަމަށް ޑރ. ސަވާދު އައްޔަނު ކުރެއްވީ ރައީސް ނަޝީދުގެ ކެބިނެޓުގެ ހުރިހާ ވަޒީރުން 29 ޖޫން 2010ގައި އިސްތިއުފާ ދެއްވުމަށް ފަހު ކެބިނެޓް އެކުލަވާލެއްވި އިރުގަ އެވެ.

ޑރ. ސަވާދަށް ފަހު ޑރ. ފާތުމަތު ގުލްފާ ޓޫރިޒަމް މިނިސްޓަރުކަމަށް ރައީސް ނަޝީދު އައްޔަނު ކުރެއްވި އެވެ. ރައީސް ނަޝީދުގެ ތިން އަހަރުގެ ވެރިކަމަށް ފަހު ރައިސް ކަމާ ހަވާލުވެވަޑައިގެންނެވީ ރައީސް ނަޝީދުގެ ނާއިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެވެ.

ޑރ. ވަހީދު ކެބިނެޓުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަނު ކުރެއްވީ އަހުމަދު އަދީބު އެވެ. ޑރ. ވަހީދުގެ ވެރިކަމަށް ފަހު 2013 ގައި ރައީސްކަމާ ހަވާލުވެވަޑައިގެން ރައީސް އަބުދުﷲ ޔާމީންގެ ކެބިނެޓުގައި ވެސް ޓޫރިޒަމް މިނިސްޓަރުކަން ދެއްވީ އަހުމަދު އަދީބު އަށެވެ. އަދީބަށް ފަހު ޓޫރިޒަމް މިިނިސްޓަރުކަން ކުރެއްވީ މޫސާ ޒަމީރު އެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި އެންމެ ފަހު ޓޫރިޒަމް މިނިސްޓަރަކީ ވެސް ޒަމީރު އެވެ.

ރައީސް ޔާމީނަށް ފަހު ރައީސްކަމާ ހަވާލުވެ ވަޑައިގެންނެވި އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރުކަން އަލީ ވަހީދު ކުރެއްވި އަލީ ވަހީދަށް ފަހު ރާއްޖޭގެ 16 ޓޫރިޒަމް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވި ޑރ. މައުސޫމް ތާރީހުގެ ތެރެއަށް ވަދެވަޑައިގެންނެވީ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރުކަން ދެ ވަނަ ފަހަރަށް ކުރައްވާ ދެވަނަ ބޭފުޅާގެ ގޮތުގަ އެވެ. ވަޒީރުންކަން ކުރެއްވި ބޭފުޅުންގެ ލިސްޓް ތައްޔާރުކުރައްވާފައި ވާގޮތުން ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރުކަން ދެ ވަނަ ފަހަރަށް ކުރެއްވި ފުރަތަމަ ބޭފުޅަކީ ޑރ. ސަވާދު އެވެ.

ދެ ވެރިކަމެއްގައި އަދީބު ޓޫރިޒަމް މިިނިސްޓަރުކަން ކުރެއްވި ނަމަވެސް އަދީބުގެ ނަން ލިސްޓް ކުރައްވާފައިވަނީ އެއް އަދަދެއްގެ ގޮތުގަ އެވެ. އެއީ މިނިސްޓަރުކަމުން ވަކި ނުކުރައްވާ ދައުރު ބަދަލުވެގެން ހަމަ އެ މަގާމަށް އަދީބު އައްޔަނު ކުރެއްވުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް