ads
ވެލާނާގެ-- ފޮޓޯ: ސީއެންއެމް
ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން އަމަލުކުރާނެ އުސޫލު އާންމުކޮށްފި
ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ހަލުވިކާއެކު ކޮވިޑް-19 ފެތުރެމުންދާތީ، އަންނަ އާދިއްތަ ދުވަހުން ފެށިގެން ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވައިގެން މަސައްކަތްކުރާއިރު އަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ކޮވިޑް 19 ކޮންޓްރޯލް ކުރުމަށްޓަކައި ކޮވިޑް-19 ޖެހިފައިވާ މީހުން ތިބިކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ހާމަކުރާ ރަށްރަށުގައި ހުރި ސަރުކާރުގެ އިދާރާތަކުން ހިދުމަތް ދިނުމާއި މުވައްޒަފުން މަސައްކަތަށް ނެރުމުގައި މިއަދު ހަމަޖެއްސި އުސޫލަކީ، މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރާ ގޮތަށް ހަމަޖެއްސުމާއި، މިނިސްޓަރު ނުވަތަ އިދާރާގެ އިސްވެރިޔާ ކަނޑައަޅުއްވާ ގޮތެއްގެ މަތިން، އެއްފަހަރާ ވީހައިވެސް މަދު މުވައްޒަފުން އޮފީހަށް ނެރެގެން މަސައްކަތްކުރެވޭނެ ގޮތަށް މަސައްކަތްތައް ރޭވުން ކަމަށެވެ. 

އަދި މުވައްޒަފުން ޓީމުތަކަކަށް ބަހައިލައިގެން މަސައްކަތު ހަފުތާގެ އެކި ދުވަހު އެކި ޓީމުތައް މަސައްކަތަށް ނެރެގެން މަސައްކަތް ކުރުވެން ހުރި އިދާރާތަކުން އެގޮތަށް މަސައްކަތްކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި، އިދާރާއިން ދޭ ހިދުމަތްތަކުގެ ބާވަތަށާއި، ދޭ ހިދުމަތްތަކުގެ މިންވަރަށާއި، ހިދުމަތް ދިނުމަށް ލިބިފައިވާ ވަސީލަތްތަކަށާއި، މުވައްޒަފުންގެ އަދަދަށް ބަލައި، އިދާރާއިން ދޭ ހިދުމަތްތައް މަސައްކަތު ހަފުތާގެ އެކި ދުވަސްތަކަށް ބަހާލައި، އެކި ދުވަސްތަކުގައި އެކި ހިދުމަތް ދޭ ގޮތަށް ހަމަޖެއްސުން ކަމަށެވެ. 

އޭގެ އިތުރުން ސަރުކާރުގެ ހުރިހާ އިދާރާއަކުން އަމަލުކުރަން މިއަދު ހަމަޖެއްސި މިންގަނޑުތަކުގެ ތެރޭގައި ހިމެނެނީ، ރަސްމީ މަސައްކަތު ގަޑީގެ ތެރޭގައި މަސައްކަތް ނިންމުމަށް މުވައްޒަފުންނަށް ބާރުއެޅުމާއެކު، ނުރަސްމީގަޑީގައި މުވައްޒަފުން މަސައްކަތްކުރަން ނުޖެހޭގޮތަށް އޮފީހުގެ މަސައްކަތްތައް ރޭވުމާއި، ދަންފަޅި އުސޫލުން މަސައްކަތް ކުރާ އިދާރާތައް ފިޔަވައި، ސަރުކާރުގެ އެހެން އިދާރާތައް، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ނޫން ގޮތަކަށް މެންދުރުފަހު 2:00 ގެ ފަހުން ހުޅުވައިގެން މަސައްކަތް ނުކުރުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ، ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދޭން ފެށި ހިދުމަތްތައް އެ ގޮތުގެ މަތިން ދެމުން ގެންދިޔުމަށާއި. އަދި، އޮންލައިންކޮށް ދެވެންހުރި އިތުރު ހިދުމަތްތަކަކީ ކޮބައިތޯ ބަލައި، އެ ހިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް ހަމަޖައްސަމުން ގެންދިޔުމާއި، ސަރުކާރުގެ އޮފީހަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި، ނުރަސްމީގަޑީގައި އިދާރާ ހުޅުވައިފައި ބަހައްޓަންޖެހޭ ހާލަތްތަކުގައިވެސް، އެންމެ ލަސްވެގެން ހަވީރު 4:00 ގެ ފަހުން އިދާރާ ހުޅުވައިފައި ނުބެހެއްޓުން ކަމަށެވެ. 

އޭގެ އިތުރުން، ސަރުކާރުގެ އިދާރާތައް ހިންގުމާއި އިދާރާތަކުގައި މަސައްކަތްކުރުމުގައި ސިއްހީ ރައްކައުތެރިކަމުގެ ގޮތުންނާއި، މަސައްކަތު މާހައުލުގެ ސާފުތާހިރުކަމުގެ ގޮތުންނާއި، އިޖުތިމާއީ ގައިދުރުކަމުގެ ގޮތުން އަޅަންޖެހޭކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފަޔާއި މަޝްވަރާގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ފިޔަވަޅުތައް ސަރުކާރުގެ އިދާރާތަކުން ތަންފީޒުކުރުމަށާއި، އޮފީހުން ކުރާ ކަރުދާހުގެ ހަރަދާއި، ޕްރިންޓްކުރުމުގެ ހަރަދު ކުޑަކުރެވޭނެ ގޮތްތައް ހޯދައިގެން އެގޮތަށް މަސައްކަތްކުރެވޭނެ އުސޫލުތައް ހަދައި، އެ އުސޫލުތައް ތަންފީޒުކުރުމަށް ކަމަށެވެ. 

އަދި ލިޔެކިއުންތައް ވީވަރަކުން ޑިޖިޓަލައިޒް ކޮށްގެން "ޕޭޕާލެސް" މަސައްކަތުގެ މާހައުލެއް އޮފީހުގައި ގާއިމުކުރުމަށް މަސައްކަތްކުރުމަށާއި، ކޮވިޑް-19 އާ ގުޅިގެން، ދުނިޔޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން، ރާއްޖޭގެ އިގްތިސޯދަށާއި، ދައުލަތުގެ ބަޖެޓަށް އެކަމުގެ ނޭދެވޭ އަސަރު ފޯރަން ފަށައިފައިވާތީ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން، ހަރަދު ކުޑަކުރުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ވަނީ ސަރުކާރުގެ އިދާރާތަކަށް އަންގަވާފައި ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ސަރުކާރުން މިގޮތަށް ހަމަޖެއްސެވުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުން ކަމަށްވާތީ، މުވައްޒަފުން ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށާއި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އަންގާފައިވާ އެންގުންތަކަށް ހުރިހާ މުވައްޒަފުން ބޯލަނބާ ކިޔަމަންވުމަށާއި އެ އޭޖެންސީންދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރެއްވުމަށް ސަމާލުވުމަށް ވެސް ވަނީ އަންގާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް