ads
އަލީ ރަޝީދު-- ފޮޓޯ: ސަން
އަލީ ރަޝީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ލަފަޔަކަށް އެދުމުން ފާޑުކިޔަން ފަށައިފި
ކްރިމިނަލް ކޯޓްގެ ފަނޑިޔާރު އަލީ ރަޝީދު ސުޕްރީމް ކޯޓަށް އައްުޔަން ކުރެއްވުމާމެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފަޔަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތުމުން އިދިކޮޅުން ފާޑުކިޔަން ފަށައިފިއެވެ.

ކްރިމިނަލް ކޯޓްގެ ފަނޑިޔާރު އަލީ ރަޝީދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ މައްސަލާގައި ހުކުމް އިއްވި ފަނޑިޔާރެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރައްވަފައިވާ ޓްވީޓެއްގައި ވިދާޅުވީ ފަނޑިޔާރު އަލީ ރަޝީދު ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ލަފަޔަކަށް އެދުނީ ކުރީގެ ރައީސް ޔާމީންއަށް ނުހައްގުން ހުކުމެއް ކުރުމުގެ އިނާމަކަށް ކަމަށެވެ.

އަބްދުއް ރަހީމް ވިދާޅުވީ ރައީސް ޔާމީނަށް ނުޙައްގު ޙުކުމެއް ކުރުމުގެ އިނާމަކަށް،ސްޕްރީމް ކޯޓުގެ ގޮނޑިއެއް އެ ޙުކުމް ކުރި ފަނޑިޔާރު ޢަލީ ރަޝީދަށް ދިނުމަށް ރައީސް ޞާލިޙު ނިންމެވުމުން ޔަގީން ވެގެން ދިޔައީ ރައީސް ޔާމީނުގެ ޙުކުމަށް ރައީސް ޞާލިޙު ނުފޫޒު ފޯރުވި މިންވަރު ކަމަށެވެ.

މީގެ އިތުރަށް އަބްދުއް ރަހީމް ވިދާޅުވީ ރައީސް ޞާލިޙުގެ މި ނިންމެވުމުން ޔަގީން ވަނީ، ރައީސް ޔާމީނަށް ނުޙައްގުން ގަޞްދުގައި އަނިޔާ ދެމުން ދަނީ ސީދާ ރައީސް ޞާލިޙުކަމަށެވެ. އަދި މި ސަރުކާރުން ކޯޓުތަކަށް ހަތަރެސް ފަޔާ ބޮލާ ލޯވެސް ބާނާފައިވާކަމަށް އަބްދުއް ރަހީމް ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ މިނިންމެވުމަށް އިދިކޮޅު ގިނަ މެމްބަރުން އަންނަނީ ފާޑު ވިދާޅުވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބުރައީސް އަހުމަދު ޝިޔާމް ވިދާޅުވީ މިއީ ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލު ދައުވާގައި އޮތް އެއްޗެއް އަދި ޝަރީއަތުގައި ޔާމީންއާއި އެމަނިކުފަނުގެ ގާނޫނީ ވަކީލުން ދެއްކެވި ވާހަކައަށްވެސް ރިއާޔަތް ނުކޮށް ޔާމީންގެ މައްޗަށް ހުކުމް އިއްވީތީ ރައީސް ސޯލިހް ފަނޑިޔާރު އަލީ ރަޝީދުއަށް ދެއްވުމަށް އެއްބަސްވެ ހެދި ޑީލް ކަމަށެވެ.

ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ސަރުކާރުން މިވަނީ ޖުޑީޝަރީ އެއްކޮށް ހިސޯރު ކޮށްފައި ކަމަށެވެ. އަނިޔަވެރި ކަމުގެ ގަހަށް ކާނާ ލިބޭނީ މަދު ދުވަސްކޮޅަކަށް ކަމަށާ އެމީހަކު ފޭހި އިލޮށި ހެރޭނީ އެމީހެއްގެ ލޮލަށް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދެ ބޭފުޅަކު އައްޔަން ކުރުމަށް ޖޭއެސްސީގެ ލަފަޔަކަށް ރައީސް ސޯލިހް ފޮނުއްވާފައި ވަނީ މިއަދުއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޖޭއެސްސީގެ ލަފަޔަކަށް އެދި ރައީސް ފޮނުއްވާފައިވަނީ ގާޒީ އަލީ ރަޝީދުގެ އިތުރުން ގާނޫނީ ވަކީލް ޑރ. މުހައްމަދު އިބްރާހީމް އެވެ.

ސްޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަން ޖެހުންނަމަވެސް އަދިވެސް އެ ކޯޓުގައި ތިއްބެވީ ފަސް ފަނޑިޔާރުންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް