ads
2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން—
އެމްޓީސީސީގެ ބޯޑު މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި
މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބު ކުރާ ޑިރެކްޓަރުކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޓީސީސީން ކުރި އިއުލާނެއްގައި ބުނީ ބޯޑް ޑިރެކްޓަރު ކަމުގެ މަގާމަށް ކުރިމަތިލާ ފަރާތަކީ އެކުންފުނީގެ ހިންގާ ގަވާއިދުގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ވާންޖެހޭނެ ކަމަށެވެ.

އެ މާއްދާގައިވާ ގޮތުން، ކުންފުނީގެ އަސާސީ ގަވާއިދުގައި ހުރި މަގުސަދުތައް ފުރިހަމަ ކުރުމަށްޓަކައި، ކުންފުނީގެ ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންޖެހުމާއި އެއްވެސް ކޯޓަކުން ނުވަތަ ގާނޫނަކުންވިޔަސް ޑިރެކްޓަރުގެ މަގާމު އަދާކުރުން މަނާ ކުރެވިފައި ނުވާ ނުވަތަ އެފަދަ މަގާމަކުން ޑިސްކޮލިފައި ކުރެވިފައިވާ މީހަކަށް ނުވުން ހިމެނެ އެވެ.

 އަދި ވައްކަމާއި މަކަރާއި، ހީލަތް، ނުވަތަ ކޮރަޕްޝަން ފަދަ އެނޫންވެސް ގާނޫނީ ގޮތުން މަނާ ކުށެއް ސާބިތުވެފައިނުވާ، މަގާމުގެ ހަސިއްޔަތުންނާއި އަމިއްލަ ގޮތުން ކުރާ ކަމެއްގައިވެސް ތެދުވެރި އަމާނާތް ތެރިއަކަށް ވުން ހިމެނެއެވެ. 

މީގެ އިތުރުން ކަންކަމުގައި އެންމެ ރަނގަޅު ނިންމުންތައް ނިންމުމުގެ ގާބިލްކަމާއި، މާލީ ރިޕޯޓްތައް ކިޔައި ދެނެގަތުމުގެ ގާބިލްކަން ލިބިފައި ހުރުމާއިއެކު، އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރު ކަމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 25 އަހަރު ފުރިފައިވާ ކުންފުނީގެ ހިއްސާދާރެއް ކަމުގައި ވުން ހިމެނެއެވެ.

އަދި އޭގެއިތުރުން އެ މަގާމަށް ކުރިމަތިލާ ފަރާތަކީ މޯލްޑިވުސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓް ކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ދެ ކުންފުންޏަށް ވުރެ ގިނަ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ފަރާތަކަށް ނުވުން ހިމެނެއެވެ. 

އޭގެ އިތުރުން ކުންފުނީގެ ހިންގާ ގަވާއިދުގެ 66 ހަވަނަ މާއްދާގަައި ވާގޮތުން ކުންފުނީގެ އެއްވެސް މުވައްޒަފަކަށް ކުންފުނީގެ އެއްވެސް ވަޒީފާއެއްގައި ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރަން އިއުލާން ކުރާ މުއްދަތާއި ހަމަޔަށް ދެމި ހުރެވިއްޖެނަމަ، އެފަދަ މުވައްޒަފަކަށް އާންމު ހިއްސާދާރުންގެ ފަރާތުން އިއުލާންކުރާ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ކުރިމައްޗެެއް ނުލެވޭނެ އެވެ. 

އެމްޓީސީސީން ބުނީ، މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބު ކުރެވޭ ޑިރެކްޓަރުގެ މަގާމަށް ކުރިމަތި ލާން ބޭނުންވާ ފަރާތްތަކުން އެކުންފުނީގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމް ފުރިހަމަ ކުރުމަށް ފަހު މިމަހުގެ 30 ވަނަ ދުވަހުގެ 16:00 ގެ ކުރިން ކުންފުނީގެ ސެކެރެޓްރީއަށް އެޑްރެސް ކޮށް، އެމްޓީސީސީގެ ހެޑް އޮފީހަށް މެއިލް ކުރަން ޖެހޭނެ ކަމަށެވެ.

އެމްޓީސީސީން އިތުރަށް ބުނީ، ޑިރެކްޓަރުގެ މަގާމަށް ކުރިމަތި ލާން ހުށަހަޅާ ފޯމް އެމްޓީސީސީގެ ހެޑް އޮފީހުގެ ހަތްވަނަ ފަންގިފިލައިން ލިބެން ހުންނާނެ ކަމަށެވެ. 

އެމްޓީސީސީން ބުނީ ނޮމިނޭޓްވާ ފަރާތްތަކުގެ މައުލޫމާތު އަހަރީ ޖަލްސާ ބޭއްވުމުގެ ކުރިން އިއުލާން ކުރާނެ ކަމަށާއި އެ މަގާމަށް ޑިރެކްޓަރުން އިންތިހާބްކުރާނީ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް