ads
ސައުދީ މޯލްޑިވްސްގެ ނަމުން މަޝްހޫރުވެފައިވާ އުމްލުޖް/ ފޮޓޯ:އަރަބް ނިއުސް
ސައުދީގެ އެންމެ މަގްބޫލް ފަތުރުވެރިންގެ މަންޒިލަށް ކިޔަނީ ސައުދީ މޯލްޑިވްސް!
ސައުދީ ރަސްކަމުގެ ދަށުގައި އޮންނަ އެންމެ މަގްބޫލު އެއް ފަތުރުވެރިންގެ މަންޒިލަށް މީހުން ކިޔައި އުޅެނީ ސައުދީ މޯލްޑިވްސް އެވެ.

ސައުދީގެ ތާބުކް ޕްރޮވިންސް ގެ ސިޓީ އެއް ކަމަށްވާ އުމްލުޖް އަކީ ފަތުރުވެރިންގެ މެދުގައި މަގްބޫލް މަންޒިލެކެވެ. އެ ސިޓީގެ ދޮންވެލި ގޮނޑުދޮށްތަކާއި ވިލު ނޫކުލައިގެ މޫދުގެ ސަބަބުން އެ ސިޓީ ސައުދީ މޯލްޑިވްސްގެ ނަމުން މަޝްހޫރުވެފައި ވާއިރު، އެތަނުގެ އަމަން އޮމާން ކަމާއި، މީހުންގެ ހިތްހެޔޮކަން ވެސް އެތަނަށް އެނަން ދިނުމުގައި ބޮޑު ހިއްސާއެއް އަދާކުރާ ކަމަށް އެގައުމުގެ ނޫސްތަކުން ބުނެ އެވެ. 

ކޮވިޑް-19 އާއި އެކު ބޭރު ގައުމުތަކަށް ދަތުރުފަތުރުކޮށް އުޅެން ދަތިތަކާ ކުރިމަތިވުމުން ސައުދީގެ ރައްޔިތުންނަށް ވަނީ ޗުއްޓީ ހޭދަ ކުރުމަށް އެ ގައުމުގެ އެކި ސަރަހައްދުތައް ހިޔާރުކުރަން ޖެހިފަ އެވެ. 

އެގޮތުން އެގައުމުގެ ގިނަ ބަޔަކު އުމްލުޖް ހިޔާރު ކުރަމުންދާ އިރު، އެ ތަނަށް ޗުއްޓީ ހޭދަކޮށްލަންދާ މީހުންގެ ތެރެއިން ގިނަ ބަޔަކު އެތަން އަޅާ ކިޔަނީ ރާއްޖެއާ އެވެ. 

ޑައިވްކުރަން ދާ މީހުންނަށް ވެސް ރަނގަޅު މަންޒިލެއްގެ ގޮތުގައި އުމްލުޖް މަގްބޫލުކަން ހޯދާފައިވާއިރު، އެތަނުގެ ފަރުތަކުގެ ރީތި ކަމުގެ ވާހަކައަކީ ވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ވާހަކައެކެވެ. 

ސައުދީގެ ފަތުރުވެރިންގެ މަންޒިލެއް ރާއްޖޭގެ ނަމުން މަގްބޫލުކަން ހޯދާފައި ވާއިރު، އަރަބި ގައުމުތަކާއި ސައުދީގެ ރައްޔިތުންގެ މެދުގައި ރާއްޖެ އަކީ މަގްބޫލު މަންޒިލެކެވެ. 

ކޮވިޑް-19 ގެ މިހާލަތާއި އެކު ވެސް ގިނަ އަދަދެއްގެ އަރަބިން ވަނީ ރާއްޖެ އަންނަ ބޭނުންވާ ކަމަށް ބުނެފަ އެވެ. މެދުއިރުމަތީގެ އެންމެ ކުރިއަރާފައިވާ 94 ޓެރެވަލް އެޖެންސީން ބައިވެރިވެގެން ކުރިއަށް ގެންދިޔަ ސާވޭ އަކުން މިކަން ދައްކާފައި ވާއިރު، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ރާއްޖެ އަންނަ ބޭނުންވެފައި ތިބި 2،000 އެއްހާ އަރަބި ފަތުރުވެރިން އެބަ ތިބި ކަމަށާއި އެ މީހުން ރާއްޖެ އައިސް ކަރަންޓީނު ވާގޮތަށް ވެސް ރާއްޖެ އައުމަށް ތިބީ ތައްޔާރަށް ކަމަށް ވިދާޅުވެފައި އެވެ. 

މިދިޔަ އަހަރު އެކަނިވެސް ރާއްޖެ އަށް އަރަބި ގައުމުތަކުން ވަނީ 60،003 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް