ads
އިންޑިއާގެ ފުލުހުން ކަޝްމީރުގެ ކުޑަކުދީން ހައްޔަރުކޮށްގެން ގެންދަނީ
އިންޑިއާ: ކަޝްމީރަކާ ނުބެހެވޭނެ!
އެކަމަކު ބައިނަލްއަގުވާމީ ދުނިޔެއިން ދަނީ ކަޝްމީރާ ބެހެމުން
ކަޝްމީރުގެ 13 ހާސް ކުޑަކުދީން ބަންދުކުރުމަކީ ކުޑަކަމެއްތަ؟
ޖައްމޫ ކަޝްމީރަށް އިންޑިއާގެ ގާނޫނު އަސާސީން ލިބިދީފައިވާ ޚާއްޞަ އިމްތިޔާޒުތައް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ހުށަހަޅައިގެން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ކަސްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒު ނިމުމަކަށް ގެނެސް ކަޝްމީރު އިންޑިއާގެ މައި ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން އިންޑިއާ ފުރަބަންދުކޮށް ރައްޔިތުން ބޭރަށް ނިކުތުން މަނާ ކުރުމުގެ ކުރިން ކަޝްމީރުގެ އެކި ސަރަހައްދުތަކުގައި އޮތީ ކާފިއު ހިންގާފައެވެ. ރައްޔިތުންނަށް ލިބެމުން ދިޔަ ފޯނުގެ ޚިދުމަތާއި އިންޓަ ނެޓުގެ ޚިދުމަތް އޮތީ ކަނޑާލާފައެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން ގައުމުތަކުގެ ސަރަހައްދީ އިން ބަންދުކުރުމުގެ ކުރިން އިންޑިއާއިން އޮތީ ކަޝްމީރުގައި ތަޅުއަޅުވައި ބަންދުކޮށްފައެވެ. ފަތުރުވެރިކަމަށް އިންޑިއާއިން އެންމެ މަޝްހޫރު ޖަންމޫ ކަޝްމީރަށް ފަތުރުވެރިން ވަނުމުގެ ހުރިހާ ދޮރެއް ބަންދުވެގެންދިޔައެވެ. ކަޝްމީރުގެ މަގުތަކާއި ގޯޅިތަކާއި ވާދީތަކާއި އަވަށްތަކުން ފެންނަމުންދިޔައީ ހަތިޔާރު އެޅި ސިފައިންނެވެ. ހުރަސްތައް ކުރިމަތިކޮށް ކަށިނަރުދަމައި ދަތުރުފަތުރު އޮތީ ހުއްޓުވާފައެވެ.

your image

އިންޑިއާގެ ނެޝަނަލް ފެޑެރޭޝަން އޮފް ވިމަން އިން މައުލޫމާތު ހޯދުމަށް ކަޝްމީރަށް ކުރި ދަތުރަކަށް ފަހު ވަރަށް ޚާއްސަ ރިޕޯޓެއް ތައްޔާރުކުރިއެވެ. އެ ރިޕޯޓު ހުޅަނގުގެ މީޑިއާތަކުން ހާމަކޮށްފައިވެއެވެއެވެ.

އެ ރިޕޯޓުގައި ވާގޮތުން މިދިޔަ އަހަރު އޮގަސްޓު މަހުގެ ފަސްވަނަ ދުވަހުގެ ފަހުން ކަޝްމީރުގައި އިންޑިއާގެ ސިފައިން ހިންގި ހަރަކާތްތަކުގައި ކުށެއް ނެތް 13000 ހާސް ކުޑަކުދީން ވަނީ ގާނޫނާޚިލާފަށް ހަތް މަސްދުވަހުގެތެރޭގައި ބަންދުކޮށްފައެވެ. އެއީ ކޮންފަދަ ބޮޑު އަނިޔާއެއްތޯއެވެ.؟

އެ ރިޕޯޓު ނެރުނު އިރު ކަޝްމީރުގެ ރައްޔިތުން ތިބީ ގޭ "ބަންދު"ގައެވެ. ފޯނެއް ކުރެވޭނެ ގޮތެއް ނެތެވެ. އިންޓަރ ނެޓުގެ ޚިދުމަތެއް ނުލިބެއެވެ. 

ޖޫން މަހުގެ ހަތަރުވަނަ ދުވަސް ފާހަގަކުރަނީ ކުށެއް ނެތް މައުސޫމު ކުދިންގެ ހައްގުތަކަށް އަރައިގަތުން ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުވަހުގެ ގޮތުގައެވެ. 

އިންޑިއާގެ އަނިޔާވެރިކަން މިއަދު ވެސް އޮތީ ކަޝްމީރުގައި ވަކިހިއްޕާފައެވެ. އަންހެނެއް މުސްކުޅިއެއް ކުޑަކުއްޖެއް އެ އަނިޔާއިން މިންޖެއް ނުވެއެވެ.

އުމުރުން އެންމެ ހަތް އަހަރުގެ ކުދީންނާއި އަށް އަހަރުގެ ކުދީން މަގުމަތިން ހިފައި ހައްޔަރުކޮށްގެން ގޮސް އެކުދިންގެ ގެއާއި އެތައް މޭލެއްގެ ދުރުގައި ހަދާފައި ހުންނަ ޖަލުތަކުގައި ބަންދުކޮށްގެން ގެންގުޅެއެވެ. މައިންބަފައިންނަށް އެކުދިން ވީނުވީތަނެއް ނޭނގިގެން އެތައް ދުވަހެއް، އެތައް ހަފުތާއެއް ހޭދަކުރަން ޖެހެއެވެ. އެކުދިން މިނިވަން ކުރުމަށް މައިންބަފައިން ބައެއް ފަހަރަށް 60 ހާސް ރުޕީސް ހޭދަކުރަންޖެހެއެވެ.

ކަޝްމީރާ ގުޅޭ ގޮތުން ނެރުނު ރިޕޯޓެއްގައި ވަނީ ހައްޔަރުކޮށް ބަންދުކުރާ ކުދީން ރޭގަނޑު މެންދަމު ނިދާފައި ތިއްބާ ހޭލައްވައި ތަޅައި އަނިޔާކުރާކަމަށެވެ. އެއްޖަލުން އަނެއްޖަލަށް ބަދަލުކުރާ ވާހަކައެވެ.

ކަޝްމީރުގެ ކުޑަ ކުދީންނަށް އިންޑިއާސިފައިން އަނިޔާކުރާ ވާހަކަ އިވުމުން ގިނަ ބައެއްގެ ހަނދާނަށް އަންނަނީ 19 އޮގަސްޓު 1982ގައި އިޒުރޭލު ސިފައިން ފަލަސްތީނާއި ލެބަނާންގެ ކުޑަކުދީންނަށް ކުރި ހިތްދަތި އަނިޔާގެ ވާހަކަތަކެވެ. ކުޑަކުދީންނަށް ޖިސްމާނީ ނަފުސާނީ އަދި ޖަޒުބާތީ އަނިޔާ ނުދިނުމަށް އދ. އާއި ބައިނަލް އަގުވާމީ އެހެން ޖަމާއަތްތަކުން ކުރަމުންދާ ހުރިހާ މަސައްކަތެއް ނާކާމިޔާބުވެފައިވާ އެއްތަނަކީ ކަޝްމީރެވެ.

ކަޝްމީރުގައި ކުޑަކުދީންގެ ހައްގެއް މުސްކުޅިންގެ ހައްގެއް ޚިޔާލުފާޅުކުރުމުގެ ހައްގެއް މިނިވަންކަމާއެކު ބޭރަށް ނިކުމެ އުޅުމުގެ ހައްގެއް ނެތެވެ. ބައެއް މީހުން ސިފަކުރާގޮތުގައި ކަޝްމީރަކީ ދުނިޔޭގެ އެންމެ ބޮޑު ޖަލެވެ.

ކަޝްމީރުގެ ރައްޔިތުންނަށް އަނިޔާ ލިބުން އިތުރުވާ ވަރަކަށް އިންޑިއާއާ ދެކޮޅު ރޫހު ކަޝްމީރުގައި ދަނީ އިތުރުވަމުންނެވެ. ޒުވާނުން އިންޑިއާގެ ސަލާމާތީ ބާރުތަކަށް ދޭ ހަމަލާތަކުގެ އަދަދު ދަނީ ގިނަވަމުންނެވެ. މިނިވަންކަމުގެ އަޑު ދަނީ ގަދަވަމުންނެވެ.

ކަޝްމީރަށް އިންޑިއާއިން ހަދަމުންދާ ގޮތާއި ކަޝްމީރުގެ ރައްޔިތުންނަށް އިންޑިއާގެ ސަލާމަތީ ބާރުތަކުން ދެމުންދާ އަނިޔާގެ ވާހަކަ ދައްކާއިރަށް އިންޑިއާއިން ބުނަމުން ދަނީ ކަޝްމީރުގެ މައްސަލައަކީ އިންޑިއާގެ ދާޚިލީ މައްސަލައެއްކަމަށެވެ. އެހެން ގައުމުތަކުންނާއި އެހެނިހެން ޖަމާއަތްތަކުން ކަޝްމީރު މައްސަލައިގެ ތެރެއަށް ނުވަނުމަށެވެ. އެކަމަކު ޕާކިސްތާނާއި މުސްލިމް ދުނިޔެއާއި ބައިނަލްއަގުވާމީ ދުނިޔެއިން ދަނީ ކަޝްމީރާ ބެހެމުންނެވެ. ނަތީޖާއަކަށްވެފައި ވަނީ ކަޝްމީރުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާއާއި ކަޝްމީރުގެ ރައްޔިތުން މިނިވަންކަމަށްޓަކައި ކުރަމުންދާ މަސައްކަތުގެ އަޑު ދުނިޔޭގެ ހުރިހާ ބައްރެއްގައި ގަދަވަމުން ދިއުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް