ads
މާލޭގައި ރެންޑަމް ސާމްޕަލް ނަގަނީ--
ޕޮޒިޓިވްކަން އެނގުނުތާ 55 ގަޑިއިރު، އަދިވެސް ފެސިލިޓީއަށް ނުގެންދޭ!
ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ މިދިޔަ ބުދަ ދުވަހުގެ ރޭގަނޑު ދިހައެއް ޖަހަނިކޮށެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ފަރާތުން ގުޅާއި، ކަރަންޓީން ފެސިލިޓީއަކަށް ގެންދާނެ ކަމާއި ގޭގައި އުޅެމުންދާ މީހުން ކޮވިޑަށް ޓެސްޓްކުރަންދާނެ ކަމުގެ އިތުރުން ގެ މޮނިޓަރިންގެ ހާލަތަށް ގެނައި ވާހަކަ ވަނީ ބުނެފަ އެވެ. އެކަމަކު ފާއިތުމިވީ 55 ގަޑިއިރުގެ ތެރޭގައި ވެސް އެމީހުން ދައްކައެއް ނުލަ އެވެ. ގޭގައި މޮނިޓަރިންގެ ލިޔުން ވެސް ހުރީ ހަރުނުކޮށެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ކަރަންޓީން ފެސިލިޓީތަކަށް ނުގެންގޮސް، ގޭގައި އެތައް އިރަކު ތިބެން ޖެހިފައިވާކަމީ އިއްޔެއަކު މިއަދު އިވޭ ވާހަކައެއް ނޫނެވެ. ހައި ރިސްކް މީހުންނާއި އެކު ގޭގައި ބަންދުވެފައި އިންނަން ޖެހުމުން އެހެން މީހުންނަށް ބަލީގެ އަސަރުކޮށްފާނެ ކަމުގެ ބިރަށް ޓްވީޓާގައި އެޗްޕީއޭ ޓެގްކޮށް މީހުން އެވާހަކަ ދައްކަމުން އަންނަތާ މިހާރު ދުވަސްތަކެއް މިވަނީ ފާއިތުވެފަ އެވެ.

އެކަމުގެ ކަންބޮޑުވުން ހިއްސާކުރި މީހަކު ސީއެންއެމްއަށް ބުނި ގޮތުގައި ބުދަ ދުވަހުގެ ރޭ ކޮވިޑް-19 އަށް އޭނާ ޕޮޒިޓިވްވިކަން އެންގުމަށް ފަހު، ބުރާސްފަތި ދުވަހު ދުވަހު ގުޅާއި ވަނީ މެންދުރު 12:00 އާއި 14:00 އާ ދެމެދު ކަރަންޓީން ފެސިލިޓީއަކަށް ގެންދާ ކަމަށާއި ތައްޔާރުވެ ހުރުމަށް އަންގާފަ އެވެ. އަދި ހަމަ އެ ދުވަހު، ވަނީ އޭނާއާއި ކޮންޓެކްޓުވި މީހުންގެ މައުލޫމާތު ވެސް ހޯދާފަ އެވެ. އެކަމަކު އޭގެ ފަހުން އެމީހުންގެ ހަބަރެއް ނުވެ އެވެ. ގޭގައި އެކަހެރިވެގެން އިންނަތާ މިއަދަށް މިއީ ތިން ވަނަ ދުވަހެވެ.

ގޭގައި މޮނިޓަރިންގެ ލިޔުންގަނޑު ވެސް ހިއްޕާލާފައި ނުވާތީ އެހެން ދުވަސްތަކެކޭ އެއްގޮތަށް އިމާރާތަށް މީހުން ވަދެ ނިކުމެ ހަދަ އެވެ. ގޭގައި ދިރިއުޅޭ ހައި ރިސްކް މީހާއި ވެސް ކޮވިޑަށް ޓެސްޓްކޮށްލުމަށް އައިސްފައެއް ނުވެ އެވެ.

އެ ކަންބޮޑުވުންތައް އެތައް ބައެއްގެ އެބަހުއްޓެވެ. ކުޑަ ދަރިފުޅާއި މާބަނޑު އަންހެނުންނާއި ދުވަސްވީ މަންމައާއެކު މި ކުޑަ ކުޑަ މާލޭގައި އުޅެން ޖެހިފައިވާ މީހުންނަށް އެއީ ބިރުވެރިކަމާއި ހާސްކަން އިތުރުކުރުވާ ކަމެކެވެ. 

އެ ދެކެވޭ ވާހަކަތަކާއި ގުޅިގެން މިމަހުގެ އެއް ވަނަ ދުވަހު، ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، މިދިޔަ މަހުގެ 28 އިން ފެށިގެން މީހުން ކަރަންޓީން ފެސިލިޓީތަކަށް ގެންދިއުމުގައި ދަތިވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. އަދި އެރިޔަދޫއަށް މީހުން ނުގެންދެވުނީ އެ ސަބަބާ ހުރެ ކަމަށް ވިދާޅުވި އެވެ.

އަދި އިތުރަށް ވިދާޅުވީ، މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން އޭނާގެ އާއިލާގެ ބައެއް މީހުން ޓެސްޓްކުރުމަށް ފަހު ގެންދަން ޖެހޭތީ ވެސް ބައެއް މީހުން ނުގެންދެވިވާ ކަމަށެވެ.

އެގޮތަށް އެކަން ހިނގާނަމަ އެޗްޕީއޭ އިން ގުޅާއި އާއިލާއަށް އެކަން އަންގަން ޖެހެ އެވެ. މާލެ ސަރަހައްދުން ކޮވިޑް ޖެހިފައިވާ މީހަކު ފެނުމުގެ ކުރިން ހެލްތު މިނިސްޓްރީން ވަނީ މި ސަރަހައްދުން މީހަަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެދާނެ ހާލަތަށް ވެސް ރާއްޖެ އޮތީ ތައްޔާރަށް ކަމަށް ބުނެފަ އެވެ. އެކަމަކު ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާ މިދަނޑިވަޅުގައި މާލެ ސަރަހައްދު އޮތީ ހަމަ ހަގީގަތުގައި ވެސް ތައްޔާރަށްތޯ މިއީ މިހާރު އުފެދޭ ސުވާލެކެވެ. 

ކަރަންޓީން ފެސިލިޓީތަކަށް މީހުން ގެންދިއުމުގެ އިތުރުން ވެސް ސާމްޕަލްގެ ނަތީޖާ ލިބުމަށް ވެސް ހަފުތާއެއް އެބަ ނަގަ އެވެ. ޕްރެސްތަކުގައި ޕެންޑިން ސާމްޕަލުތަކުގެ އަދަދު ކިޔައިދޭއިރު އެއަދަދަކީ ނަތީޖާ ހަފުތާއަކަށް ލަސްވާނެ ވަރުގެ އަދަދެއް ކަމަށް ވެސް ގަބޫލެއް ނުކުރެވެ އެވެ.

ކޮވިޑަށް ޓެސްޓް ކުރުމުގެ މަސައްކަތް ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގެ ލެބާއި، އޭޑީކޭގެ އިތުރުން ފުލުހުންގެ ލެބްގައި ވެސް ދަނީ ކުރަމުންނެވެ. އަދި މިހާރު އަތޮޅު ތެރޭގައި ކޮވިޑަށް ޓެސްޓް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާތީ ރަށްރަށުން މާލެއަށް ސާމްޕަލް ފޮނުވުން ވެސް ވަނީ ހުއްޓާލާފަ އެވެ.

އެހެންނަމަވެސް ނަތީޖާ ލިބުމުގައި ލަސްތައް ދިމާވާ މައްސަލައަށް ވެސް އަދި ހައްލެއް ނުލިބެ އެވެ. 

މިމަހަކީ ކޮވިޑްގެ ކޭސްތައް އިންތިހާއަށް އިތުރުވާނެ މަހެއް ކަމަށް ޑރ. ޝީނާ މުސްތަފާ ލަފާކުރައްވާފައިވާ މަހަކަށްވާއިރު އެކަމަށް ބަލާއި، ވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ. ނޫންނަމަ، ރައްޔިތުން މި ކުރަމުންދާ ޝަކުވާތަކަށް އަވަހަކު ހައްލެއް ނުލިބޭނެ އެވެ.

ތޮއްޖެހިފައިވާ މާލޭގެ ކުޑަކުޑަ އެޕާޓްމަންޓުގައި ކޮވިޑު ޖެހި 55 ގަޑިއިރު އިންނަން ޖެހުމުން ކުރެވޭ އިހްސާސް އާއި މީހުން ކުރާ ޝަކުވާ ކަމާބެހޭ ފަރާތްތަކަށް ނޭނގިގެން މިއުޅެނީ ކިއްވެ ބާއްވަ އެވެ. ހަމަ ހަގީގަތުގައި ވެސް ސަރުކާރުގައި އެފަދަ އިންތިޒާމެއް ނެތީ ބާއްވަ އެވެ. ނުވަތަ އެޗްޕީއޭ އާއި ހެލްތު މިނިސްޓަރީގެ ހިންގުންތެރިކަމެއް ނެތީ ބާއްވައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް