ads
އާސަންދަ އޮފީސް-- ފޮޓޯ: އަވަސް
އާސަންދައިގެ ދަށުން 100 އަށް ވުރެ ގިނަ ބަލި މީހުން އިންޑިއާއަށް ފޮނުވައިފި
ރާއްޖެ އިން ނުލިބޭ އިތުރު ފަރުވާ ދިނުމަށް އާސަންދައިގެ އެހީގެ ދަށުން މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން ބޭސް ފަރުވާ އަށް އިންޑިއާ އަށް ގެންގޮސްފި އެވެ.

ކޮވިޑް-19 ގެ ސަބަބުން ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމާއި އެކު ގައުމުތަކަށް ބޭސްފަރުވާ އަށް ދިއުން ވަނީ ދަތިވެފައި އެވެ. 

އެެހެން ނަމަވެސް އިންޑިއާ ސަރުކާރުން ވަނީ ރާއްޖެ އިން ނުލިބޭ އިތުރު ފަރުވާ ހޯދުމަށް އިންޑިއާ އަށް ދިއުމަށް ދިވެހިންނަށް ހާއްސަ ހުއްދަ އެއް ދީފައި އެވެ. އެ ހުއްދައިގެ ދަށުން މިހާތަނަށް ހަތަރު ބެޗެއް ފުރާފައި ވާއިރު، ބަލިމީހުންނާއި އެމީހުންގެ އެހީތެރިންނާއި އެކު 200 އަށް ވުރެ ގިނަ މީހުން ވަނީ މިހާރު އިންޑިއާ އަށް ގެންގޮސްފައި އެވެ. 

އެގޮތުން ޖޫން 30 ވަނަ ދުވަހު އެންމެ ފުރަތަމަ ބެޗު އިންޑިއާ އަށް ފުރާފައި ވާއިރު، އެ ބެޗުގައި 28 ބަލިމީހުން ވަނީ އިންޑިއާ އަށް ފުރާފައި އެވެ. އާސަންދައިން ބުނި ގޮތުގައި އެ 28 ބަލިމީހުންނާއެކު އެމީހުންގެ އެހީތެރިންނާއި އަދި ބަލި މީހުންގެ ސިއްހީ ކަންކަން ދަތުރުމަތީގައި ބެލެހެއްޓުމަށް ދެ ޑޮކްޓަރުންނާއި ފަސް ނަރުހުން ވެސް ވަނީ ގޮސްފަ އެވެ. 

އެ އެންމެންގެ ފަރުވާގެ ކަންތައް ހަމަޖެހިފައި ހުރީ އެއިމްސް ހޮސްޕިޓަލުންނެވެ.

އޭގެ އިތުރުން ދެ ވަނަ ބެޗު ފުރާފައި ވަނީ ޖުލައި 14 ވަނަ ދުވަހު އެވެ. އެބެޗުގައި 59 ބަލިމީހުން ވަނީ ފުރާފައި އެވެ. އެއީ، އިންޑިއާގެ ޓްރެވެންޑްރަމްއަށް ދިޔަ 10 ބަލިމީހުންނާއި ކޮޗިންއަށް ދިޔަ 49 ބަލިމީހުން ނެވެ. އެ ބެޗުގައި ކޮންމެ ބަލިމީހަކާއި އެކު އެއް އެހީތެރިޔަކު ވަނީ އިންޑިއާ އަށް ގޮސްފަ އެވެ. 

އެމީހުންގެ ތެރެއިން ޓްރިވެންޑްރަމަށް ދިޔަ މީހުންގެ ފަރުވާގެ ކަންތައް ހަމަޖެއްސީ ކިމްސް ހޮސްޕިޓަލުންނެވެ. އަދި ކޮޗިން އަށް ދިޔަ މީހުންގެ ފަރުވާގެ ކަންތައް ހަމަޖެއްސީ އެއިމްސް ހޮސްޕިޓަލުންނެވެ. 

އާސަންދައިގެ އެހީގެ ދަށުން އިންޑިއާ އަށް ފުރި ތިން ވަނަ ބެޗު ފުރާފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އެދުވަހު އިންޑިއާ އަށް ފުރި ބެޗުގައި ބަލިމީހުންނާއި އެމީހުންގެ އެހީތެރިންނާއި އެކު ޖުމްލަ 60 މީހުން ވަނީ ފަރުވާ އަށް ޓްރިވެންޑްރަމަށް ފުރައިފަ އެވެ. އެ މީހުންގެ ފަރުވާ ހަމަޖައްސާފައި އޮތީ ކިމްސް ހޮސްޕިޓަލުންނެވެ. 

ރާއްޖެ އިން ނުލިބޭ އިތުރު ފަރުވާ ހޯދުމަށް އިންޑިއާ އަށް ފުރި ހަތަރު ވަނަ ބެޗު ފުރާފައި ވަނީ އޮގަސްޓް ހަތް ވަނަ ދުވަހު އެވެ. އެދުވަހު އިންޑިއާ އަށް ފުރާފައި ވަނީ 21 ބަލިމިހުންނެވެ. އެ ފްލައިޓްގައި ބަލިމީހުންނާއި އެހީތެރިންނާއި އެކު ޖުމްލަ 50 މީހުން ވަނީ އިންޑިއާ އަށް ފުރައިފަ އެވެ. 

އޮގަސްޓް ހަތް ވަނަ ދުވަހު ފުރި ބެޗުގެ ނުވަ ޕޭޝަންޓުންގެ ފަރުވާ ހަމަޖެހިފައިވަނީ އެއިމްސް ހޮސްޕިޓަލުގައެވެ. ބާކީ 12 ޕޭޝަންޓުންގެ ފަރުވާ ހަމަޖެހިފައިވަނީ ކިމްސް ހޮސްޕިޓަލުގައެވެ.  

އާސަންދައިގެ ދަށުން އިންޑިއާ އަށް ދާ ހުރިހާ ފަސިންޖަރުން އިންޑިއާއަށް ދަނީ އިންޑިއާގެ ވިސާ ހަމަޖައްސާ އެ ގައުމުގެ ޕަބްލިކް ހެލްތް ގައިޑްލައިނާ އެއްގޮތަށް ކޮވިޑަށް ޓެސްޓްކޮށް ނެގެޓިވް ނަތީޖާއާއެކު ކަމަށް އާސަންދައިން ބުނެ އެވެ. އިންޑިއާއިން ވެސް އެ ފަސިންޖަރުން ކޮވިޑަށް ޓެސްޓު ކުރާނެ ކަމަށާއި އަދި އެ ގައުމުގަ 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރަންޖެހޭނެއެވެ. 14 ދުވަސް ފަހުން އަނެއްކާވެސް ކޮވިޑް19 އަށް ޓެސްޓު ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން އިންޑިއާގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެން އިންޑިއާ ރައްޔިތުން ނޫން އެހެން މީހުންނަށް އެގައުމަށް މިވަގުތު ނުވަދެވެ އެވެ. އެހެންނަމަވެސް އެހެން ގައުމުތަކަށް ދީފައިނުވާ ހާއްސަ ހުއްދައެއް ވަނީ ރާއްޖެއަށްދީފަ އެވެ. 

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން އިންޑިއާއަށް އެތެރެވާ ހުރިހާ ފަރާތްތަކުން ކަރަންޓީންވާން ޖެހޭތީ، ފަރުވާއަށް ދާ ދިވެހިންވެސް ކަރަންޓީން ފުރިހަމަކުރަން ޖެހެއެވެ. އިންޑިއާ ސަރުކާރާއެކު ފޮރިން މިނިސްޓްރީން ކުރި މަޝްވަރާތަކަށްފަހު ހޮސްޕިޓަލްގެ ވަކި ސަރަހައްދެއްގައި ކަރަންޓީން ވުމުގެ ފުރުސަތު ވަނީ ދިވެހިންނަށް ދީފަ އެވެ.

އާސަންދައާ ނުލައި އިންޑިއާއިން ކްރިޓިކަލް ފަރުވާ ބޭނުންވާ ފަރާތްތަކަށް ބޭސްފަރުވާކުރުމަށް އެގައުމަށް ދިޔުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފި އެެވެ. 

އެގޮތުން ރާއްޖެއިން ލިބެން ނެތް، "ކްރިޓިކަލް" ފަރުވާ ހޯދާ ފަރާތްތަކަށް ހާއްސަކޮށް އިންޑިއާ ސަރުކާރުން ދިން ފުރުސަތުގައި ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިންޑިއާއަށް ދިޔުމުގެ ހުއްދައަށް އެދުމުގެ އިންތިޒާމު ހަމަޖެއްސި އެވެ. އަދި އެ އިންތިޒާމުގެ ދަށުން ދަތުރުކުރެވެނީ އިންޑިއާ ސަރުކާރުން ބަލަން ޖެހޭ ކަންތައްތައް ބެލުމަށްފަހު، ހުއްދަ ދޭ ފަރާތްތަކަށް އެކަނި ކަމަށާއި ދަތުރުކުރުމުގެ ހުއްދަ ލިބޭ ފަރާތްތަކުން އިންޑިއާއަށް ދިޔުމަށް މާލޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މެޑިކަލް ވިސާ ނަގަން ޖެހޭނެކަމަށް  ފޮރިން މިނިސްޓްރީ އިން ބުނެ އެވެ. 

އޭގެ އިތުރުން ބޭސްފަރުވާއަށްދާ ފަރާތްތަކުން އިންޑިއާގައި ތިބުމާއި، ކަރަންޓީންވުމުގެ އިންތިޒާމްތަކާއި، ބޭސްފަރުވާގެ ކަންތައްތައް ހަމަޖައްސަން ޖެހޭނީ އެފަރާތަކުން އަމިއްލައަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް