ads
އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މުވައްޒަފުން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން--
އަނބުރާ ގައުމަށް ދާއިރު އެއްވެސް މުވައްޒަފަކު މުސާރަ ނުލާ ނުދާނެ: އައިލެންޑް އެކްސްޕާޓްގެ އެމްޑީ
އައިލެންޑް އެކްސްޕާޓް ކުންފުނީގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުން އަނބުރާ ގައުމަށް ދާއިރު، އެއްވެސް މުވައްޒަފަކު އެމީހުންގެ މުސާރަ ނުލާ ގައުމަށް ނުދާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަނޮން ސޮންގްޕަންޔާ ވިދާޅުވެއްޖެ އެވެ.

ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން އެމްޑީ އަނޮން ވިދާޅުވީ އެ ކުންފުނީގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންގެ ތެރެއިން އަނބުރާ ގައުމަށް ދާން ބޭނުންވާ މުވައްޒަފުން ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

އެގޮތުން މިހާތަނަށް 40 އެއްހާ މުވައްޒަފުން ފޮނުވާލެވިފައިވާ ކަމަށާއި އިތުރު 30 މުވައްޒަފުން މިއަދު ފޮނުވާލުމަށް މަސައްކަތް ކުރި ނަމަވެސް ފްލައިޓް ކެންސަލް ވުމުގެ ސަބަބުން ފޮނުވާނުލެވުނު ކަމަށް އެމްޑީ އަނޮން ފާހަގަކުރެއްވި އެވެ. 

އެމްޑީ ވިދާޅުވީ އަނބުރާ ގައުމަށް ދާން ބޭނުން ވެގެން 200 އެއްހާ މުވައްޒަފުން ވަޒީފާ އިން ވަކިވާން ސިޓީ ލައިފައިވާ ކަމަށެވެ. އެހެން ނަމަވެސް ފްލައިޓްތައް ޝެޑިއުލްކޮށްފައި ނެތުމުންނާއި ޖާގަ ހޯދަން އުދަނގޫ ވުމުގެ ސަބަބުން އެ މީހުން އަނބުރާ ގައުމަށް ފޮނުވަން ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. 

އޭގެ އިތުރުން، ވަޒީފާ އިން ކެނޑެން ސިޓީ ލައިފައިވާ ބައެއް މުވައްޒަފުން އެ މީހުންގެ ސިޓީ އަނބުރާ ގެންދަން ފަށާފައިވާ ކަމަށް އެމްޑީ ވިދާޅުވި އެވެ. މިއީ ކުންފުނީގެ މަސައްކަތްތައް އަލުން ފެށުމުން ކަމަށާއި ކުރިއަށް އޮތްތަނުގައި އިތުރު މުވައްޒަފުން އެ މީހުންގެ ސިޓީ އަނބުރާ ގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެމްޑީ ވިދާޅުވި އެވެ. 

އަނޮން ވިދާޅުވީ، މުވައްޒަފުން ގައުމަށް ފޮނުވާލުމުގައި އިކޮނޮމިކް މިނިސްޓްރީގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބޭ ކަމަށެވެ. 

އައިލެންޑް އެކްސްޕާޓްގެ މުވައްޒަފުންނަށް މުސާރަ ނުދީގެން އެތައް ފަހަރަކު ހުޅުމާލޭގައި މުޒާހަރާކޮށްފައި ވާއިރު، އެންމެ ފަހުން ކުރި މުޒާހަރާގައި އެމީހުން ވަނީ ފުލުހުންގެ ވެހިކަލަކަށާއި އާއްމުންގެ މުދަލަށް ގެއްލުންދީފަ އެވެ. އެ މައްސަލައިގައި ހައްޔަރުކުރި 41 ބިދޭސީންގެ ތެރެއިން 38 ބިދޭސީން ވަނީ މިހާރު ރާއްޖެ އިން ފޮނުވާލައިފަ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް