ads
ފޮޓޯ: ރައީސް އޮފީސް
ރައީސް ސޯލިހް ލަންކާގެ ރައީސް އަށާއި ބޮޑުވަޒީރަށް މަރުހަބާ ދަންނަވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އަށާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އަށް މަރުހަބާ ދަންނަވައިފި އެވެ.

ރައީސް ސޯލިހް، ލަންކާގެ ރައީސް އަށާއި ބޮޑުވަޒީރަށް މަރުހަބާ ދަންނަވާފައި މިވަނީ ސްރީލަންކާގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ގައުމުގެ ވެރިކަންކުރާ ސްރީލަންކާ ޕޮދުޖަނަ ޕެރަމުނާ (އެސްއެލްޕީޕީ) ޕާޓީން ހޯދި ކާމިޔާބީ ފާހަގަކުރައްވަމުންނެވެ. 

އެމަނިކުފާނުގެ މަރުހަބާގެ މެސެޖުގައި ސްރީލަންކާގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކަމާއިއެކު ނިމިގެންދިއުމުން، ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އިތުރުން ރައީސް ގޮތަބަޔާ ރާޖަޕަކްސަ އަދި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށްވެސް މަރުހަބާ ދަންނަވާފައި ވާކަމަށް ރައީސް އޮފީހުން ބުނެ އެވެ. 

ރައީސް ގޮތަބަޔާ ރާޖަޕަކްސަ އަށް ރައީސް ސޯލިހް ފޮނުވި ތަހުނިޔާގެ މެސެޖުގައި އެސްއެލްޕީޕީ އިން ހޯދި ކާމިޔާބީއިން ދޭހަކޮށްދެނީ، ސްރީލަންކާގެ ސަރުކާރުގެ ހިންގުންތެރިކަމަށް އެ ޤައުމުގެ ރައްޔިތުން ކުރާ އިތުބާރާއި ޔަގީންކަން ކަމަށް ވިދާޅުވެފައި ވާކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި އެ މެސެޖުގައި ރައީސް ވަނީ ރާއްޖެއަކީ ލަންކާގެ ގާތް ރަހުމަތްތެރިއެއްގެ ގޮތުގައި އަބަދުމެ ދެމިއޮންނާނެކަމުގެ ޔަގީންކަން އަރުވައި، ދެ ގައުމަށް ދިމާވާ އެކިއެކި މައްސަލަތަކުގައި އެކުގައި ހައްލު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. 

ލަންކާގެ ބޮޑުވަޒީރު، މަހިންދަ ރާޖަޕަކްސަ އަށް ރައީސް ސޯލިހް ފޮނުއްވެވި ތަހުނިޔާގެ މެސެޖުގައި އެމަނިކުފާނު ވަނީ އިންތިހާބުގައި އެސްއެލްޕީޕީ އިން ހޯދި ކާމިޔާބީއިން ދޭހަކޮށްދެނީ، މަހިންދަ ރާޖަޕަކްސަގެ ސަރުކާރުގެ ހިންގުންތެރިކަން އެ ގައުމުގެ ރައްޔިތުން ބަލައިގަނެ، ސަރުކާރަށް އިތުބާރުކުރާ ކަމަށާއި، ހަމަޖެހުމާއި ސުލްހަމަސަލަސްކަން ދެމެހެއްޓުމަށް އެ ގައުމުގެ ރައްޔިތުން ބޭނުންވާކަން ކަމަށް ވިދާޅުވެފަ އެވެ. 

އެމަނިކުފާނުގެ މެސެޖު ނިންމަވާލެއްވީ، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރަން ދިވެހިރާއްޖެއިން އަބަދުމެ މަސައްކަތް ކުރަމުން ގެންދާނެކަމާއި، ހާރިޖީ، ސަރަހައްދީ އަދި ބައިނަލްއަގްވާމީ މައިދާނުގައި ދެ ގައުމު ގުޅިގެން އެކުގައި މަސައްކަތް ކުރުމަށް އިސްކަން ދެއްވާނެކަމުގެ ޔަގީންކަން އަރުވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް