ads
ބަޔަކު ޗުއްޓީއެއްގައި ރަށަށް ފުރަނީ-- ފޮޓޯ: އަވަސް
ރަށް ރަށަށް ދިއުމުގެ ހުއްދަ ދެވެން އޮތީ 5 ކަމަކަށް
މާލެ އިން ރަށް ރަށަށް ދިއުމުގެ ހުއްދަ ދެވެން މިހާރު އޮތީ ފަސް ކަމަކަށް ކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝްން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާން ޑޮކްޓަރު ނަޒްލާ ރަފީގް ވިދާޅުވީ މާލެ ސަރަހައްދުގައި ކޮވިޑް-19 ކޭސްތައް ފެންނަ ވަރު އިތުރުވަމުން ދާތީ އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން މާލެ އިން ރަށްރަށަށް ދިއުމުގެ ހުއްދަ ވަކި ހާއްސަ ކަންކަމަކަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. 

ޑޮކްޓަރު ނަޒްލާ ވިދާޅުވީ މިއަދު ގެ ފަހުން ރަށަށް ދާން ބޭނުންވާ ފަރާތްތަކުން ކުރިއެކޭ އެއްގޮތަށް ހާލުބެލުން ޕޯޓަލްގައި ރަޖިސްޓާ ވާން ޖެހޭނެ ކަމަށާއި އޭގައި ހޯމް ކަރަންޓީން ވާން ބޭނުންވާ ބައި ފުރިހަމަ ކުރަންޖެހޭނެ ކަމަށެވެ. އޭގެ އިތުރުން ރަށަށް ދާން ބޭނުންވާ ސަބަބު ވެސް މިހާރު ޕޯޓަލް އިން ސެލެކްޓު ކުރަން ޖެހޭނެ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. 

އެގޮތުން މިހާރު ރަށަށް ދިއުމަށް ހުއްދަ ދެވޭނީ ފަސް ކަމަކަށް ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އެއީ މެޑިކަލް އެމަޖެންސީއެއްގައި ޑޮކްޓަރަށް ދެއްކުމަށް މާލެ އައިސް ތިބި ފަރާތްތަކާއި މާލޭ ގައި ދިރިއުޅޭ ތަން ދޫކޮށްލާން ޖެހުމާއި ގުޅިގެން ރަށަށް ދާން ޖެހޭ މީހުންގެ އިތުރުން ރަސްމީ ބޭނުމަކަށް މާލެ އައިސް ރަށަށް ދާން ބޭނުންވާ މީހުންނަށް ކަމަށް ޑޮކްޓަރު ނަޒްލާ ވިދާޅުވި އެވެ. 

އޭގެ އިތުރުން ވަޒީފާ ގެއްލިގެން ނުވަތަ ވަޒީފާ ރަށަށް ބަދަލުވުމުން ރަށަށް ދާންޖެހޭ މީހުންނާއި ޝަރުއީ ކޯޓަކަށް ހާޒިރުވާން ޖެހިގެން ރަށަށް ދާން ޖެހިފައިވާ މީހުންނަށް ވެސް ރަށަށް ދިއުމުގެ ހުއްދަ ދެވޭނެ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. 

މިކަމުގެ ލިޔެ ކިޔުންތައް ރަށު ކައުންސިލަށް ހުށައަޅަންވާނެ ކަމަށާއި އެގޮތަށް މައުލޫމާތު ފޮނުވުމުން ރަށުގައި ކަރަންޓީން ވާނެ ތަން ބަލާ ފާސްކުރުމަށް ފަހު ކައުންސިލުން ހުއްދަ ދިނުމުން އެޗްޕީއޭ އިން އެކަންތައްތައް އިތުރަށް ވެރިފައި ކުރުމަށް ފަހު ހުއްދަ ދެވޭނެ ކަމަށް ޑޮކްޓަރު ނަޒްލާ ވިދާޅުވި އެެވެ. 

ޑޮކްޓަރި ނަޒްލާ ވިދާޅުވީ އެޗްޕީއޭ އިން މަސައްކަތްކުރަމުން ދަނީ ޕޯޓަލްގައި ރަޖިސްޓާ ވާ ހިސާބުން ފެށިގެން 72 ގަޑި އިރުގެ ތެރޭގައި ޖަވާބެއް ދިނުމަށް ކަމަށެވެ. 

އޭގެ އިތުރުން ޑޮކްޓަރު ނަޒްލާ ވަނީ ހުއްދަ އަށް އެދުމަށް ފަހު ހުއްދަ ލިބުމުގެ ކުރިން ޓިކެޓް ނުނެގުމަށް ވެސް އިލްތިމާސްކޮށްފަ އެވެ. 

ޑޮކްޓަރު ނަޒްލާ ވަނީ މި ބަދަލު ގެނައުމުގެ ކުރިން ޕޯޓަލްގައި ރަޖިސްޓްރީވެ ހުއްދަ ނުލިބި ހުރި ފަރާތްތަކަށް އެ ފަރާތްތަކުގެ ރިކުއެސްޓް ކެންސަލް ވެފައިވާ ކަމުގެ މެސެޖެއް ފޮނިވާފައި ވާނެ ކަމަށާއި އެފަރާތްތަކުން ރަށަށް ދާން ބޭނުން ނަމަ ޖެހޭނީ އަލުން ޕޯޓަލްގައި ރަޖިސްޓްރީގެ ހުއްދަ ދެވޭ ފަސް ސަބަބުން ކުރެ ސަބަބެއް ހިޔާރު ކުރަން ކަމަށެވެ. އަދި ހުއްދަ އަށް އެދޭ އިރު އެކަމާ ގުޅޭ ލިޔެކިޔުންތައް ވެސް ހުށައަޅަންޖެހޭނެ ކަމަށް ޑޮކްޓަރު ނަޒްލާ ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް