ads
ފޮޓޯ:އެމްއެމްއޭ
އެމްއެމްއޭ އިން ސާކިއުލޭޝަނަށް 4 ބިލިއަން ރުފިޔާ ދޫކޮށްފި
މޯލްޑިވްސް މަނިޓަރީ ބޭންކުގެ ޕަބްލިކް ބޭންކް އެކައުންޓުން ހަތަރު ބިލިއަން ރުފިޔާ ސަރުކާރަށް އޯވާޑްރޯ ކޮށްފި އެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ ޖުލައި މަހުގެ މާލީ ހިސާބުތައް ދައްކާގޮތުން ޖުލައި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރަށް ދޫކުރި ފައިސާ ހަތަރު ބިލިއަަން ރުފިޔާ އަށް ވުރެ މައްޗަށް އަރާފައިވާއިރު، ޖޫން މަހުގެ ނިޔަލަށް އެޑްވާންސްގެ ގޮތުގައި ސަރުކާރަށް 3.5 ބިލިއަން ރުފިޔާ އެމްއެމްއޭ އިން ދޫކޮށްފައިވާކަމަށް ތަފާސްހިސާބުތައް ދައްކަ އެވެ. 

ފިނޭންސް މިނިސްޓްރީ އިން ވަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އައި ލޮޅުމާއި އެކު ދައުލަތުގެ ހަރަދުތައް ފޫބައްދަން އެމްއެމްއޭ އިން ފައިސާ އޯވާޑްރޯ ކުރުމަށް އެދިފަ އެވެ. އަދި މިގޮތަށް އެމްއެމްއޭ އިން އޯވާޑްރޯ ކުރެވޭނީ ފާއިތުވެދިޔަ ތިން އަހަރުގެ އެވަރޭޖް އާމްދަނީގެ ތިން އިންސައްތަ ކަމުން އެ އަދަދު މަތިކޮށްދިނުމަށް ފިނޭންސް އިން ވަނީ ރައްޔިތުންގެ މަޖިލީހުގައި އެދިފަ އެވެ. 

ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ ހަރަދުތައް ފޫބެއްދުމަށް އޯވަޑްރޯގެ ގޮތުގައި އެމްއެމްއޭއިން ފައިސާ ދޫކުރުމަށް ހުއްދަ ދީފައި ވާއިރު، ހުއްދަ ދީފައި ވަނީ 4.2 ބިލިއަން ރުފިޔާއާ ހަމައަށް އޯވާޑްރޯ ކުރެވޭ ގޮތަށެވެ. 

ދައުލަތުގެ މާލިއްޔަތުގެ މައި އެކައުންޓްގައި ނެތް އަދަދަށް ވުރެ އިތުރަށް އެމްއެމްއޭއިން ސަރުކާރުގެ ހަރަދުތަކަށް ފައިސާ ދޫކުރުމަކީ ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމެވެ. 

އޯވަޑްރޯ ކުރުމަކީ ފައިސާ ޗާޕުކުރުމެއް ނޫނެވެ. އެއީ މަނިޓައިޒް ކުރުމެވެ. 

މަނިޓައިޒް ކުރުމަކީ ސަރުކާރުގެ ކޭޝްފްލޯ މެނޭޖު ކުރުމަށް މަރުކަޒީ ބޭންކުން ދަރަނި ނެގުމާއި މަރުކަޒީ ބޭންކުގައިވާ ސަރުކާރުގެ ބޭންކް އެކައުންޓުން އޯވަޑްރޯ ކުރުމެވެ. މިގޮތަށް ފައިސާ އޯވާޑްރޯ ކުރުމުގެ ސަބަބުން ގައުމުގެ އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުވެގެން ދާނެ އެވެ. 

މިގޮތަށް ބޭރު ފައިސާ އަށް ވުރެ ދިވެހި ފައިސާ ދައުރުވާ ވަރު އިތުރުވުމުން ބޭރު ފައިސާ އަށް އޮންނަ ޑިމާންޑް އިތުރުވެ ދިވެހި ފައިސާ ގެ ވެއްޓެން މެދުވެރިވެ އެވެ. އަދި މީގެ ސަބަބުން މާކެޓްގައި ތަކެތީގެ އަގު އުފުލި އިންފްލޭޝަން ރޭޓް މައްޗަށް އަރައިގެންދާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް