ads
މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
ސަރުކާރު ހިފަހައްޓަން ފައިސާ ޗާޕު ކުރުމަކީ ހެދޭނެ އެންމެ ބޮޑު ގޯސް:ސައީދު
ސަރުކާރު ހިފަހައްޓަން ފައިސާ ޗާޕުކޮށް ދޫކުރުމަކީ ހެދޭނެ އެންމެ ބޮޑު ގޯސް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ ވޭތުވެ ދިޔަ ހަތަރު މަހަށް 4 ބިލިއަން ރުފިޔާ އެމްއެމްއޭއިން ސަރުކާރަށް ދިނުމާއި ގުޅިގެންނެވެ.

އެމްއެމްއޭއިން ސަރުކަރަށް ދޫކުރި ފައިސާ އަކީ ދައުލަތަށް އެވަރުގެ އާމްދަނީއެއް ނުލިބި އެކަމަކު އެމްއޭއޭއިން ސަރުކާރުގެ ހަރަދުތައް ހަމަޖައްސައިދޭން ދިން ފައިސާ އެވެ.

މިކަމާ ގުޅިގެން ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ މަހަކަށް އެއް ބިލިއަން ރުފިޔާ ޗާޕު ކޮށް، ސަރުކާރު ހިފަހައްޓަން ފައިސާ ދޫކުރުމަކީ ދިމާވާނެ އެންމެ ބޮޑު ނުރައްކާ ކަމަށެވެ. ސައީދު ވިދާޅުވީ ޑޮލަރުގެ އަގު 19 ރުފިޔާ އަށް އުފުލިއްޖެ ކަމަށާ ބާޒާރުގެ އަގުތައް ބޮޑުވެއް ރައްޔިތުންގެ ޖީބު ހުސްވެއްޖެ ކަމަށެވެ. އަދި މިކަން ހުއްޓުވަން ޖެހޭ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ ކޮވިޑް19ގެ ނަމުގައި ބިލިއަނަކަށް ވުރެ ގިނަ ޓެކްސް ފައިސާ ޚަރަދުކޮށްފައިވާ ކަމަށެވެ. އަދި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ބޭރުގެ އެހީގެ ގޮތުގައިވެސް ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން 4 ބިލިއަން ރުފިޔާ ޗާޕުވެސް ކޮށްފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ގޭގައި ތިބޭށޭ ބުނީމާ ރައްޔިތުން ތިބީ ގޭގައި ކަމަށެވެ. ކޮވިޑްއާއި ގުޅިގެން އިތުރަށް ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭތޯ ސައީދު ވަނީ ސުވާލު ކުރައްވާފައެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ ޖުލައި މަހުގެ މާލީ ހިސާބުތައް ދައްކާގޮތުން ޖުލައި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރަށް ދޫކުރި ފައިސާ ހަތަރު ބިލިއަަން ރުފިޔާ އަށް ވުރެ މައްޗަށް އަރާފައިވާއިރު، ޖޫން މަހުގެ ނިޔަލަށް އެޑްވާންސްގެ ގޮތުގައި ސަރުކާރަށް 3.5 ބިލިއަން ރުފިޔާ އެމްއެމްއޭ އިން ދޫކޮށްފައިވާކަމަށް ތަފާސްހިސާބުތައް ދައްކަ އެވެ. 

ފިނޭންސް މިނިސްޓްރީ އިން ވަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އައި ލޮޅުމާއި އެކު ދައުލަތުގެ ހަރަދުތައް ފޫބައްދަން އެމްއެމްއޭ އިން ފައިސާ އޯވާޑްރޯ ކުރުމަށް އެދިފަ އެވެ. އަދި މިގޮތަށް އެމްއެމްއޭ އިން އޯވާޑްރޯ ކުރެވޭނީ ފާއިތުވެދިޔަ ތިން އަހަރުގެ އެވަރޭޖް އާމްދަނީގެ ތިން އިންސައްތަ ކަމުން އެ އަދަދު މަތިކޮށްދިނުމަށް ފިނޭންސް އިން ވަނީ ރައްޔިތުންގެ މަޖިލީހުގައި އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް