ads
ފޮޓޯ: ވަން އޮންލައިން
ކުޑަކުދިންއާ ގުޅޭ ދެ ގާނޫނު ތަންފީޒުކުރަން ވޯކިން ގްރޫޕެއް އެކުލަވާލައިފި
ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ތަންފީޒުކުރުމަށްޓަކައި މިއަދު ވޯކިން ގްރޫޕެއް އެކުލަވާލައިފި އެވެ.

އެޓާނީ ޖެނަރަލްގެ އޮފީހުގެ އިސްނެގުމާއެކު މިއަދު އެ މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންދިޔައީ އޮންލައިންކޮށެެވެ.

އޭޖީ އޮފީހުން ބުނީ އެ ގާނޫނުތަކުގެ ދަށުން ދައުލަތުގެ އެކި އިދާރާތަކަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމާއި އެ ދާއިރާތަކުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ގުޅިގެން ޕޮލިސީ ލެވެލްއެއްގައި މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި، ކުޑަކުދިންގެ އަދުލުގެ ގާނޫނާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ތަންފީޒުކުރުމަށްޓަކައި ކުރަންހުރި ކަންކަން ކަމާބެހޭ ހުރިހާ މުއައްސަސާތަކުގެ މެދުގައި ވިލަރެސްކުރެވިގެން ކުރިއަށް ގެންދާނެ ގޮތަކާމެދު މަޝްވަރާކުރެވި، އެ މަސައްކަތް ކުރުމަށްޓަކައި ޕޮލިސީ ލެވެލްގެ ސްޓިއަރިން ކޮމިޓީއަކާއި، ޓެކްނިކަލް ލެވެލްގެ ވާކިން ގްރޫޕެއް އެކުލަވާލެވިފައިވާ ކަމަށެވެ.

އަދި މަސައްކަތް ފަށައިގަތުމަށްޓަކައި އެ ގްރޫޕުން ކުރަންހުރި ކަންކަން އެކަށައަޅައި، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މަސައްކަތްތައް ސްޓްއަރިން ކޮމިޓީއަށް ހުށަހެޅުމަށް ނިންމިފައިވާ ކަމަށެވެ. އޭޖީ އޮފީހުން އިތުރަށް ބުނީ އެ ދެ ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ޔުނިސެފްގެ އެހީތެރިކަމާއެކު ކަމަށެވެ.

އޭޖީ އޮފީހުން ބުނި ގޮތުގައި އެ ބައްދަލުވުމުގައި އެޓާނީ ޖެނެރަލާއި، ހޯމް މިނިސްޓަރާއި އެޑިއުކޭޝަން މިނިސްޓަރުގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސް އަދި ޕްރޮސެކިއުޓާ ޖެނަރަލް އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ސީއީއޯ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ޖެންޑާ މިނިސްޓަރާއި ޖުވެނައިލް ކޯޓާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނާއި ޖުޑީޝަލް އެކަޑަމީގެ އިތުރުން ޖުވެނައިލް ޖަސްޓިސް ޔުނިޓާއި ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު 20 ނޮވެމްބަރު 2019 ގައި ތަސްދީގުކޮށްފައިވާއިރު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް 20 ފެބުރުއަރީ 2020 އިން ފެށިގެން ދަނީ އަމަލުކުރެވެމުންނެވެ. އަދި ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަމަލުކުރަން ފަށާނީ އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް