ads
ޖޯ ޖޯޖެންސަން--
އެމެރިކާގެ ރައީސްކަމަށް ވާދަކުރާ ޖޯ ޖޯޖެންސަންގެ ގައިގަ ވާލެއް ދަތް އަޅައިފި
އަންނަ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ލިބަޓޭރިއަން ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް، ޖޯ ޖޯޖެންސަންގެ ގައިގާ ވާލެއް ދަތް އަޅައިފި އެވެ.

އެކަން ހާމަކުރައްވާ، ޖޯ ޖޯޖެންސަން ކުރެއްވި ޓްވީޓެއްގައި ވަނީ އިއްޔެ އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ލޫޒިއާނާގައި ބާއްވަން ނިންމި ކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިނުގެންނެވުނީ ވާލެއް ދަތް އަޅައިގެން ކަމަށް ވިދާޅުވެފަ އެވެ.  

ވާލު ދަތް އަޅާފައި ވަނީ ސީދާ ކޮންތަނެއްގައި ކަން ވިދާޅުނުވި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރެބީސް ވެކްސިން ޖެހުމަށް ނިންމަވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ވާލެއް ދަތް އެޅުމުގެ ސަބަބުން ކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައި ނުގެންނެވުންކަން އިއުލާންކުރެއްވިއިރު އާންމުންގެ ތެރެއިން ގިނަ ބަޔަކު ވަނީ އެކަމަށް ޖޯކު ޖަހާފަ އެވެ.

ޖޯޖެންސަންއަކީ ކްލެމްސަން ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާ އެކެވެ. މިދިޔަ މެއި މަހުގެ ތެރޭގައި ލިބަޓޭރިއަން ޕާޓީގެ ކެންޑިޑޭޭޓެއްގެ ގޮތުގައި އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކުރިިއިރު އޭނާ ވަނީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ، އެމެރިކާގެ ކަރެކްޝަން ފެސިލިޓީތަކުގައި ތިބި ނޮން-ވަޔަލަންޓް ކްރިމިނަލަސްގެ އަދަދު ދަށްކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ޖޯޖެންސަންގެ އިތުރުން އެ އިންތިހާބުގައި އެމެރިކާގެ މިހާރުގެ ރައީސް، ޑޮނާލްޑް ޓްރަމްޕް، ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަ އެވެ. އަދި ޑިމޮކްރެޓިކް ޕާޓީ އަށް ނިސްބަތްވާ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އާއި ގްރީން ޕާޓީގެ ހޯވީ ހޯކިންސް ވެސް އިންތިހާބުގައި ވާދަކުރައްވާއިރު މަޝްހޫރު ރެޕާ ކަންޔޭ ވެސްޓް ވެސް ވަނީ ރިޔާސީ ރޭހުގައި ވާދަކުރައްވާނެ ކަމަށް އިއުލާނު ކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް