ads
ސާމްޕަލް ނެގުމުގައި ހަރަކާތްތެރި ވަނީ--- ފޮޓޯ: ސީއެންއެމް
5000 އެއްހާ މީހުންނާ އެކު، މަންޒިލް ފެންނަންނެއް އަނދިރި ދިމާލަކަށް!
ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިއަދު އަނެއްކާވެސް މި ޖެހިލީ މަށްޗަށެވެ. 5000 އެއްހާ މީހުން މީ ކުޑަ އަދަދެއްނޫނެވެ. ސިއްހީ ދާއިރާގެ ބޭފުޅުންގެ ލަފާކުރުންތައް ވެސް މުޅިއަކުން ދިމާނުވެ ކޮވިޑްގެ ހާލަތު މި ކުޑަކުޑަ ރާއްޖޭގައި މިދަނީ އިތުރަށް ގޯސްވަމުންނެވެ.

ބަލިމަޑުކަން އެންމެން ވަށާލައި ފިއްތާލަމުން މިދަނީ ހީވެސް ނުކުރާހާ ހަލުވި މިނެއްގައެވެ. އިއްޔެ އެކަނިވެސް 107 މީހުން ޕޮޒިޓިވް ވެފައިވާއިރު 2218 މީހުން މިހާރުވެސް ކޮވިޑް-19 އަށް ފަރުވާ ދެމުން އެބަދެއެވެ. ހޮސްޕިޓަލްގައި 140 މީހުންނަށް ފަރުވާ ދެމުން އަންނަ އިރު 1478 މީހަކު ފެސިލިޓީތަކުގައި ތިބި ކަމަށް އެޗްޕީއޭއިން ބުނެއެވެ. މީގެއިތުރުން ނުވަ މީހަކަށް އައިސީޔޫގައި ފަރުވާދެމުން ދާކަމަށްވެސް އެޗްޕީއޭއިން ރޭ ވަނީ ބުނެފައެވެ. އަދި ބަލީގައި މިހާތަނަށް 19 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ. އެހެން ނަމަވެސް ހާސްވެގެން ތެޅިފޮޅޭ މީހަކު ވަރަށް މަދެވެ. އެއްވެސް ވަރަކަށް ނެތޭ ދެންނެވުމަކުންވެސް ދޮގަކަށް ނުވާނެއެވެ. މިހާލަތު މިއަދު ކައި ހުސްކުރަމުން ދާންފެށި ފުރަތަމަ ފިޔަވަޅަށް ބަލާލަމާތޯއެވެ. 

މިދިޔަ އަހަރުން ފެށިގެން މުޅި ދުނިޔެ ހާސްކުރުވަމުން ދިޔަ މި ބަލިމަޑުކަން  ރަހުމަތުން އޭރު ރާއްޖެއާ ދިމާލަށް ބަލައިވެސް ނުލައެވެ. ދުނިޔޭގެ ހާލަތު ގޯސްވެ އެތަށް ހާސްމީހުންގެ ފުރާނަ އެއް ދުވަސް ތެރޭ ގެއްލެމުން ދިޔަ އިރުވެސް ރާއްޖެ އޮތީ އެކަލާނގެ ރަހުމަތުން ސަލާމަތްތެރިކަމާއެކުއެވެ. 

އެހެންނަމަވެސް މި ބަލިމަޑުކަން ދިވެހިންނާ ހަމަޔަށް ނާންނާނެ ކަމަށް ނިންމާގެން ތިބުންވީ އެއީ މިބައްޔާއި ދެމެދު އަޅާލެވުނު ފާލަމަކަށެވެ. ކޮވިޑް ގެ ހާލަތު ޗައިނާ އާއި އިޓަލީގައި ގޯހުން ގޯހަށް ދިޔައިރުވެސް އެތަންތަނުން ފަތުރުވެރިން މިތަނަށް އައުން ހުއްޓުވާފައި ނުވުން ވެގެން ދިޔައީ އެއީ މި ބައްޔަށް އަމިއްލައަށް ދެވުނު ދައުވަތަކަށް ނުވާނެ ބާއެވެ. 

އޭރުވެސް އާންމު ރައްޔިތުން ދިޔައީ އެތަންތަނުން މީހުން އައުން ހުއްޓުވައި ރާއްޖޭގެ ބޯޑަރު އެވަގުތަށް ބަންދުކުރުމަށް ކެނޑިނޭޅި އާދޭސްކުރަމުންނެވެ. އެހެން ނަމަވެސް އޭރު ދައުލަތުގެ މުއައްސަސާތަކުން މިކަން ހުއްޓުވުމުގެ ބަދަލުގައި ބުނަމުން ދިޔައީ އެހާ ހިސާބަށް އަދި ނުދާކަމަށެވެ. މުޅި ދުނިޔެ ކައްކާ ހޫނުފެނުން ފިއްސަމުން ދިޔަ މި ބަލިމަޑުކަމުގެ ކޮޅިގަނޑުގައި ޖެހެންޖެހުނު އެއް ސަބަބަކަށް ޗައިނާ ފަދަ ބަލި ފެތުރުނު ގައުމުތަކަށް ރާއްޖޭގެ ބޯޑަރު ބަންދުނުކޮށް ދޫކޮށްލި ދޫކޮށްލުން ނުވާނެ ބާވަ އެވެ.

ކޮވިޑް އެންމެ ފުރަތަމަ ރާޅު ބިންދާލި ހިނދުކޮޅު

ހީނުކޮށް ތިއްބާ ސީދާ ބޯމަތިން ނެގި ރާޅު ބިންދާލީ އެއްކަލަ އޭރު ބަންދުކުރުން އަވަސްކަމަށް ނިންމައިގެން ތިބި ސިނާއަތަށެވެ. މާޗް 15 ވަނަ ދުވަހު އަލިވިލިގެން އައީ ބިންދާލި ރާޅުގެ ބިރުވެރިކަމާ އެކުއެވެ. ކުޑަކުޑަ ސިކުންތު ކޮޅެއްގެ ތެރޭ ކުޑަކުޑަ ރާއްޖެ ކުޑަކަކޫ ޖަހައި މީގެ ކުރިން މިނިވަންކަމާ އެކު އުދުހިފައި އުޅުނު ދޫނިތަކުގެ ފިޔަ ކޮށާލި ވަގުތުކޮޅަކަށެވެ. ބަސް ނޭހުމުގެ ނަތީޖާއެވެ. 

ކުޑަ ވަގުތުކޮޅެއްގެ ތެރޭ އެތަކެއް ކޭސްތަކެއް ފެނި މުޅި މާލެ ސިޓީ ލޮކްޑައުން ކުރަންޖެހުނެވެ. އެކަމަކު އޭރު ސަރުކާރުން ނެގި އަވަސް އަދި ރަނގަޅު ފިޔަވަޅުގެ ސަބަބުން ފެންނަމުން ދިޔަ ކޭސްތަށް މަދުކުރެވި ހާލަތު އިތުރަށް ގޯސްވިޔަ ނުދީ ހިފަހައްޓާލެވުނެވެ. ފެންނަމުންދިޔަ ކޮވިޑް ކޭސްތައް މާބޮޑު ކަމަކާ ނުލާ މަދުކޮށްލެވުނެއެވެ. ރާއްޖޭގެ ބޯޑަރު ބަންދުކުރެވުނެވެ. މިއީ މިބަލި އިތުރަށް ރާއްޖެއަށް އެތެރެވުން މަދު ކުރުމަށް އޭރު ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅެކެވެ. އިގްތިސޯދީގޮތުން ބޮޑެތި ގެއްލުންތަކެއް ލިބުުނުކަމުގައި ވިޔަސް ދިރިއުޅޭ އާންމު ފަރުދުންނަށް ލިބެމުން ދިޔައީ ބޮޑުފައިދާއެކެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކުން މިބަލި ކޮންޓްރޯލް ކުރުމުށް ފެއިލްވަމުން ދިޔައިރު ރާއްޖެ ދިޔައީ އެކަމުގައި ކާމިޔާބީތަކެއް ހޯދަމުންނެވެ.

އޭގެ ފަހުން ބޯމަތީގައި އޮތް ބޯވިލާގަނޑުގެ ކަޅުކަން ފިލާ ކަނޑު އަމާންވިކަމަށް ބަލައި ހަމަޖެހިލި ހިސާބުން މިހާރު މިތިބެވުނީ އަމާން ހިސާބަކަށް އާދެވިފައިކަމަށް ނިންމާ އަނެއްކާވެސް ދަތުރަށް ފެށުންވީ ބޯމަތިން ވީއްލާނުލާ އޮތް ވިލާގަނޑެއްގައި އިތުރަށް ޖެހުނު ސަބަބަކަށެވެ.

ރައްޔިތުންނަށް ނިއު ނޯމަލްކަމަށް ވިސްނާދިން އެކަމަކު ސަރުކާރު ވީ ނޯމަލް

ފުރަބަންދުން ވީއްލި މީހުންތައް ހޭލަމޭލަ ވަމުންދިޔައީ ހައްދެއްނެތި އެވެ. ސިއްހީ އިދާރާތަކުން އެކަން އެގޮތަށް ނުކުރުމަށް ގޮވާލަ ގޮވާލައި އޮއްވައެވެ. އަނެއްކާވެސް ދެވަނަ ރާޅު ބިންދާލި އެވެ. މިފަހަރު ކުރިއަށްވުރެވެސް ބާރުމިނުގައި ނުހަނު ނުރައްކާތެރިކަން ބޮޑު ގޮތެއްގައެވެ. ޕޮޒިޓިވާ މީހުންގެ ތެރޭގައި ނިސްބަތުން ގިނައީ ދިވެހިންނެވެ. މިއީ ޑޮކްޓަރުންނާއި ސިއްހީ މާހިރުން ހާސްކޮށްލި ކަމަކަށް ވިއެވެ. ދިވެހިންގެ ތެރޭގައި ބޮޑެތި ބަލި ތަހަންމަލުކުރާ މީހުންގެ އަދަދު ގިނަކަމާ އެކު މިފަހަރު މިހާލަތު ކޮންޓްރޯލް ކުރުންވީ ދަތިކަމަކަށެވެ. އެހެންނަމަވެސް މިހާލަތުގައިވެސް ކުރިން އެޅި ފިޔަވަޅުތައް އަލުން އަޅާ ދީފައިވާ ލުއިތައް ކުޑަ ކުރާކަށް ސަރުކާރުން ބޭނުން ނުވާ ކަހަލަ އެވެ. ބޭނުންވީ މިއޮތީ ނިއު ނޯމަލްގައިކަން މީހުންގެ ހިތަށް ވައްދައިގެން ނޯމަލްވާށެވެ. އަނެއްކާވެސް މިއީ އެޅުނު ޅައެއްޗެއް ނޫން ބާވަ އެވެ. 

ކޮވިޑް-19 އަކީ ވަރަށް ފަސޭހައިން ފެތުރޭ ބައްޔަކަށް ވުމުން ގައުމުތަކުގައި އެންމެ ބޮޑުބިރަކަށްވީ ބަލި ޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވެ ސިއްހީ ނިޒާމަށް އޮބިނޯންނަ ވަރަށް ބަލި މީހުން އިތުރުވެދާނެކަމުގެ ބިރެވެ. އެހެން ދިމާވުމުން ބަލީގައި ބޮޑުވަރުވާ މީހުންނަށް އެކަށީގެންވާ ފަރުވާ ނުދެވި މަރުވާ މީހުންގެ އަދަދު އިތުރުވެ އެވެ. އެހެންވެ އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ ކަމަކަށް ވެފައި އޮންނަނީ އެކްޓިވް ކޭސްތަކުގެ އަދަދު، މެނޭޖް ނުކުރެވޭ ވަރަށް އިތުރުވިޔަ ނުދީ ހިފެހެއްޓުމަށެވެ.

ރާއްޖެއިން މި ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ހާލަތު ގޯސްވާ މިންވަރުގެ ހަލުވިކަމާއި ކޮޅިގަނޑު ދިމާ ސީދާ ކުރިމަތިން ފެންނަމުންދިއުމާއިއެކުވެސް މުއައްސަސާ ތަކުން އަދިވެސް ބުނަނީ ރައްޔިތުން ބަސްއެހުމަށެވެ. ޕީއެސްއެމް ނިއުސް ގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބުދުﷲ އަމީން މީގެ ކުރިން ވިދާޅުވީ މިހާރު ވެސް މަސައްކަތް ކުރަމުންދަނީ ދީފައިވާ ލުއިތަކާއެކު ކުރިއަށް ދިއުމަށް ކަމަށާއި އެކަމަކު ހާލަތަށް އަންނަ ބަދަލުތަކާއި ގުޅިގެން ފިޔަވަޅުތައް ވެސް އަޅަމުންދާނެ ކަމަށެވެ.

"ހާލަތު ގޯސްވަމުންދާ ކަމަށްވާނަމަ އަޅުގަނޑުމެން ހަމަ ފިހާރަތައް ކެފޭތައް ނޫނީ ދެން ދޭ ހިދުމަތްތައް ވެސް ބަންދުކުރަން ޖެހިދާނެ. އެހާވަރަށް ހާލަތު ގޯސްވެގެން ހިނގައްޖެނަމަ އެ ފިޔަވަޅުތައް ވެސް އަޅަން ޖެހިދާނެ،"

އެހާވަރަށް ހާލަތު ގޯސްވެގެން ހިނގައްޖެނަމަ އެ ފިޔަވަޅުތައް ވެސް އަޅަން ޖެހިދާނެ ކަމަށް މިނިސްޓަރު ވިދާޅުވާއިރު ސުވާލަކީ އެދުވަސް ނޫނީ އެހާލަތު ހަމަ އަދިވެސް ނާންނަނީ ތޯއެވެ؟ ދީފައިވާ ލުއިތައް އަނބުރާ ގެނެއުމަކީ މިވަގުތުގެ ވިސްނުން ނޫން ކަމަށާއި އެހެންކަމުން، މިހާރު ހުރި އުސޫލުތަކަށް އަމަލު ކުރަމުން އަންނަނަމަ ބަލި ކޮންޓްރޯލްކޮށް ބަލިމަޑުކަމުން މުޅިން އަރައިގަނެވޭނެ ކަމަށް މިިނިސްޓަރު ވިދާޅުވާއިރު އެބުނާ އުސޫލުތަކަށް އަމަލު ނުކުރާކަން އެގިނުލައްވަނީތޯއެވެ؟ މިއީ ކުޑަކުއްޖެއްގެ އަތަށް މެޓައެއް ދީފަ އެ ނުކާށޭ ބުން ފަދަ ކަމެއްނޫން ތޯ؟

ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 19 އަށް އަރާފަ ވާއިރުވެސް ތިމާ އާ ހަމަޔަށް އެދުވަސް އައުމުން ނޫނީ ހޭނާރާން ތިބި ބައެއްގެ ގާތު ބަސް އަހާށޭ ބުނުމުގެ ފައިދާއެއްނެތެވެ. ހަރުކަށި ފިޔަވަޅުތައް ނޭޅެނީ ކީއްވެގެން ތޯ އަހާލަ އަހާލަ އެމީހުން ތިބޭނީ އެވެ.

މިކަން ރަނގަޅަށް އެނގިތިބެ މޮޔައިން ފަދައިން ދައުލަތުން މިކަން ހައްލުކުރުމަށް އިސްކޮށްފައިވާ ފަރާތްތަކުން "އަޅެ ބަސްއަހާބަލާށޭ" ބުނުމަކުން އަދި ނުފުދެއެވެ. ބަސް އަހާނެކަމަށް ތިބެވިއްޖެއެވެ. ބަހެއް ނޭހި އެވެ. ނުވިތާކަށް އެއްބައި މީހުންނަށް "ކަހެރު ވަކެކޭ" ވެސް ހީނުވާ ކަހަލަ އެވެ. އެއަށް ފަހު ފިޔަވަޅުތައް ހަރުކަށި ކުރަން ނިންމި އިރު އޮތީ މާބޮޑަށް ލަސްވެފައެވެ. އަދަދު މަދުކުރަން ބުރަ އަދި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ހިސާބަށް ހާލަތު ގޮސްފައެވެ. ހާހުން މައްޗަށް ކޭސްތައް ދިއުމުން ހައްލު ކުރަން ހަރުކަށި ކުރި ފިޔަވަޅުތަކަށް ފަހުވެސް މާބޮޑު ކުރިއެރުމެއް ލިބޭތަނެއް އަދި ނުފެނުނެވެ. 

ބޯޑަރު ހުޅުވާލައިގެން އިގުތިސާދީގޮތުން ވެއްޓިފައިވާ އަނދަވަޅުން އަރައިގަތުމަށް މަސައްކަތް ކުރާއިރު ދެން ކުރަންޖެހޭ ކަންކަން ކުރެވިދާނެ އެވެ. އެހެން ނޫން ނަމަ މި ރާއްޖެ މިބަލީގައި އިތުރަށް ފަހަތަށް ހިނގައިދާނެ އެވެ. އެތައް ބަޔަކަށް ބަލި ޖެހި ނުރައްކާ ބޮޑުވެދާނެ އެވެ. މިއަދު 5000 އެއްހާ މީހުންނާ އެކު ރާއްޖެ މިސްރާބު ޖަހާފައި މިވަނީ ހަރުދަނާ އަދި ވިސްނުންތެރިކަމާއެކު އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެ ކަމުގައި ވާނަމަ ރާސްތާ ފެންނަންނެއް އަނދިރި ދިމާލަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް