ads
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ބައްދަލުވުން
ބްރޮޑްކޮމްއާއި އެމްއެމްސީ އަދި އައިކޮމް އެއްކޮށްލަނީ
ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އެއްކޮށްލައި މީޑިއާ ކޮމިޝަނެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެޓާނީ ޖެނެރަލްއަށް ހުށަހަޅަން ފާސްކޮށްފިއެވެ

އެ ތިން ކޮމިޝަން އެއްކޮށްލާ އެއް މުއައްސަސާއަކަށް ހަދާ ގޮތަށް އާ މީޑިއާ ގާނޫނު ބައްޓަން ކުރުމަށް ބަންޑަރަ ނައިބުގެ އޮފީހަށް ހުށަހެޅުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ފާސް ކޮށްފައެވެ. 

ބަންޑާރަނައިބު އެކުލަވާލާ ގާނޫނަށް ހިޔާލު ހުށަހެޅުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ވަނީ ތިން މެމްބަރުން އެކުލެވޭ ގޮތަށް ސަބް ކޮމެޓީއެއް އުފައްދާފައެވެ. އަދި ސަބްކޮމެޓީން ވަނީ އެމަސައްކަތާ ބެހޭ ގޮތުން މީޑިއާގެ ބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާ ކޮށްފައެވެ.

ސަބް ކޮމެޓިގައި ހިމެނެނީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް އާއި ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިޝާމްގެ އިތުރުން ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އެވެ. 

ސަބް ކޮމެޓީން ނިންމި ކަންކަމުގެ ރިޕޯޓު ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހުށަހަޅާފައެވެ. ބްރޮޑްކޮމްއާއި އެމްއެމްސީ އަދި އައިކޮމް އެއްކޮށްލަން ނިންމާފައިވާއިރު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރީ އާ ކޮމިޝަނެއް އުފައްދާއިރު އެކޮމިޝަންގެ ދަށުގައި އޮންނަ މިނިވަން ކޮމިޝަނެއްގެ ގޮތުގައި އައިކޮމް ބޭއްވުމަށެވެ.

ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގައި ބްރޯޑްކޮމްއަށް ލިބިދީފައިވާ މެންޑޭޓްތައް އާ ކޮމިޝަންގެ ގާނޫނުގައި އެ ކޮމިޝަނަށް ލިބޭ ގޮތަށާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި އައިކޮމްއަށް ލިބިދީފައިވާ މެންޑޭޓްތައް ވެސް އާ ކޮމިޝަންގެ ގާނޫނުގައި ހިމެނުމަށް ބަންޑާރަ ނައިބަށް ހުށަހެޅުމަށް ކޮމިޓީން މިއަދު ފާސްކޮށްފައިވެއެވެ.

ސަބްކޮމެޓީގެ ރިޕޯޓުގައި ބުނެފައިވަނީ މީޑިއާގެ އާ ކޮމިޝަންގައި މީޑީއާތަކުން އިންތިހާބު ކުރާ މެމްބަރުން ހިމެނޭގޮތަށް ބޯޑެއް އެކުލަވާލަން ޖެހޭ ކަމަށެވެ. އެބޯޑުގައި ހަތް މެމްބަރުން ތިބެން ޖެހޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ބޯޑުގައި ތިބެން ޖެހޭނީ ކޮންމެ މީޑިއާއަކުން އެއް ނޫސްވެރިއެކެވެ.

ބްރޮޑްކޮމްއާއި އެމްއެމްސީ އެއްކޮށްލުމުގެ މަސައްކަތް މަޖިލީހުގެ މިދައުރު ތެރޭގައި ކުރުމަށް ނިންމާފައިވާ ކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މުގައްރިރު އައްޑު މީދޫ ދާއިރަގެ މެމްބަރު ރޮޒައިނާ އާދަމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ރޮޒައިނާ އޭރު ވިދާޅުވީ، ބްރޮޑްކޮމް އާއި އެމްއެމްސީ އަކީ އެއް މަސައްކަްތަކެއް ކުރާ ދެ މުއައްސަސާއަށް ވާއިރު ދައުލަތައް ބުރަ ނުވާނެގޮތަކަށް ދެ ކޮމިޝަން އެއްކޮށްލުމަކީ ކޮމިޓީގެ އެކި މަރުހަލާތަކުގައިވެސް ބަހުސް ކުރެވިފައިވާ ކަމެއްކަމުގައެވެ.

ބްރޮޑްކޮމްގެ މަސްއޫލިއްޔަތު ތެރޭގައި ހިމެނެނީ ބްރޯޑްކާސްޓިން މީޑިއާތައް މޮނިޓާ ކުރުމެވެ. އަދި އެމްއެމްސީގެ މަސްއޫލިއްޔަތުތެރެގައި ހިމެނެނީ  އޮންލައިން އަދި ޕްރިންޓް މީޑިއާ މޮނިޓާ ކުރުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް