ads
ފޭސްބުކް ޕޯސްޓާއި ގުޅިގެން ވަކިކުރި މީހަކަށް އަލުން ވަޒީފާދޭން އަމުރު ކުރީ ހައިކޯޓުން
ޔާމީންގެ ވެރިކަމުގައި ފޭސްބުކް ޕޯސްޓަކާއި ގުޅިގެން ވަޒީފާއިން ވަކިކުރި މީހަކަށް ވަޒީފާދޭން ހައިކޯޓުން އަމުރުކޮށްފި
ފޭސްބުކް ޕޯސްޓަކާއި ގުޅިގެން، ރައީސް ޔާމީން ވެރިކަމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ވަޒީފާއިން ވަކިކުރި މީހަކަށް އަލުން ވަޒީފާދޭން ހައިކޯޓުން ހުކުމްކޮށްފިއެވެ. މި ހުކުމް ހައިކޯޓުން ކޮށްފައިވަނީ ބޮޑު އީދު ބަންދުގެ ކުރިންނެވެ.

މި މައްސަލައަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޔުއުކޭޝަންގައި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އެފިސަރެއްގެ މަގާމުގައި ހުރި މީހަކު، ފޭސްބުކްގައި ހިއްސާކޮށްފައިވާ ޕޯސްޓްތަކަކާ ގުޅޭ މައްސަލައެކެވެ. މި ޕޯސްޓްތަކާއި ގުޅިގެން އޭނާވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު އެއްވެސް ނޯޓިހެއް ދިނުމަކާއި ނުލައި ވަޒީފާއިން ވަކިކޮށްފައެވެ.

ވަޒީފާއިން އޭނާ ވަކިކުރުމާއި ގުޅިގެން އެ އަހަރުގެ އޭޕްރީލް މަހު ފަހުކޮޅު އޭނާ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލަ އެ ޓްރައިބިއުނަލްއިން ނިންމާފައިވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނިންމުގައި ބުނެފައިވަނީ އޭނާ ވަޒީފާއިންވަކިކޮށްފައިވަނީ ސަރުކާރުގެ ސިޔާސަތުތަކާއި، އެސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކުގެ އަގު ވެއްޓޭ ގޮތަށް ފާޑު ކިޔައި ޙަޤީޤަތް އޮޅޭ ގޮތަށް މީސްމީޑިއާގައި ޕޯސްޓް ކުރަމުންދާތީ، ސިވިސް ސާވިސް ކޮމިޝަނުން ބުނި ނަމަވެސް، އޭނާ ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ ޢަދުލުވެރިކަން ޤާއިމު ކުރެވިފައި ނުވާ ކަމަށެވެ.

އެހެންނަމަވެސް މި މައްސަލައިގައި ކަންހިނގާފައިވާ ގޮތާއި، މައްސަލައިގައި ހިމެނޭ ދެފަރާތުގެ މަސްލަހަތަށް ރިޢާޔަތްކުރާއިރު، ދެފަރާތުގެ ދެމެދުގައިވާ އިތުބާރު ގެއްލިފައިވާތީ، އޭނާއަށް ވަޒީފާ އަނބުރާ އިއާދަކޮށް ދެވެން ނެތް ކަމަށެވެ. އެހެންނަމަވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއިންވަނީ އޭނާއަށް ބަދަލުގެ ގޮތުގައި އެކާވީސް ހާސް ރުފިޔާ ނަގައި ދިނުމަށް ހުކުމްކޮށްފައެވެ.

މި މައްސަލަ އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުންވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނިންމުން ބާތިލުކޮށް އޭނާއަށް އަލުން ވަޒީފާ ދިނުމަށް ހުކުމްކޮށްފައެވެ. އަދި އޭނާ ވަޒީފާއިން ވަކި ކުރި ދުވަހުން ފެށިގެން އަލުން ވަޒީފާ ހަމަ ޖެހޭ ދުވަހާއި އެމަޤާމުގައި ހުރިނަމަ އެ މުއްދަތުގައި މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ލިބޭނެ ފައިސާ އޭނާއަށް ދިނުމަށް ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންވަނީ ހުކުމްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް