ads
އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި އަދުރޭ ވާހަކަ ދައްކަނީ
ރައީސް ޔާމީންގެ ގެކޮޅާއި މުދާ ނަގަން އެބަ ރާވަމުންދޭ: އިދިކޮޅު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގެކޮޅާއި އެމަނިކުފާނުގެ މުދާ ދައުލަތަށް ނެގުމަށް ސަރުކާރުން ރާވައިގެން މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅުން ތުހުމަތުކޮށްފި އެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރައީސް ޔާމީނުގެ ގެކޮޅާއި އެމަނިކުފާނުގެ މުދާ ދައުލަތަށް ނެގުމަށް ސަރުކާރުން ރާވައިގެން މަސައްކަތް ކުރަމުންގެންދާ އެކި އެކި މަސައްކަތްތައް އެ ކޯލިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އެ ބަޔާނުގައި ބުނީ މިމަހުގެ 10 ވަނަ ދުވަހު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ގެޒެޓްކުރި ގަވައިދަކީ ކަނޑައެޅިގެން އެ މަގަސަދު ހާސިލް ކުރުމަށްޓަކައި ސަރުކާރުގެ މަކަރާއި ހީލަތްތެރި ރޭވުމެއް ކަމަށް އެ ކޯލިޝަނުން ދެކޭ ކަމަށެވެ. 

އެގޮތުން މީހުންގެ އަމިއްލަ މުދާ މިފަދަގޮތަކަށް ދައުލަތަށް ނެގުމަކީ ސިޔާސީ މަގްސަދެއް ހާސިލްކުރުމަށްޓަކައި ހިންގާ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދި އެއީ މި ސަަރުކާރު ބަލިކަށިވެ ތާއީދުކުޑަަމުންދާ ކަމަށާއި ރައީސް ޔާމީންގެ އިތުރުން އެ ކޯލިޝަންގެ އެކި އެކި ފަރާތްތަކާ، މިސަރުކާރާ ދެކޮޅަށް ފާޑުކިޔާ ކޮންމެ ފަރާތަކަށްވެސް އަމާޒު ކުރުމަށް ބޭނުންކުރާނެ ހަތިޔާރެއް ކަމަށް ދެކޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެ އެވެ. 

ބަޔާނުގައި އިތުރަށް ބުނީ އެކަމަކީ ސަރުކާރު ފެއިލްވެ، ގޮތްހުސްވުމުން ހިންގާ އަމަލުތަކެއް ކަމަށާއި އެފަދަ ދަށު ދަރަޖައިގެ އަމަލުތަކަކީ މުސްތަގްބަލުގައި އެފަރާތްތަކަށްވެސް ކުރިމަތި ލާންޖެހިދާނެ ކަމެއްކަން ސަރުކާރަށް ހަނދާންކޮށްދޭ ކަމަށެވެ. އަދި ރައީސް ޔާމީނަށް ނުހައްގުން ދެމުންދާ އަނިޔާ ހުއްޓާލާ، އެމަނިކުފާނު މިނިވަންކުރަން ވެސް ގޮވާލާފައިވެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ގެޒެޓްކުރި ގަވާއިދަކީ ރައީސް ޔާމީންގެ ގެކޮޅާއި މުދާ އަތުލުމަށް ރާވައިގެން ހިންގި އަމަލެއް ކަމަށް އިދިކޮޅުން ތުހުމަތުކުރާއިރު އެ ގަަވާއިދުގައި ވަނީ މަނީ ލޯންޑްރިން އާއި ޓެރަރިޒަމް ފައިނޭންސް ކުރުމާއި ގުޅިގެން ދައުލަތަށް މުދާ ނެގުމުގައި އަމަލުކުރާނެ ގޮތެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް