ads
ފިނޭންސް މިނިސްޓްރީ
އިންކަމް ސަޕޯޓަށް އެދުނު 55 އިންސައްތަ މީހުންނަށް އެލަވަންސް ދީފި
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރި އަސަރާއި އެކު ވަޒީފާ ގެއްލުނު މީހުންނަށް ސަރުކާރުން ދިނުމަށް ނިންމި އިންކަމް ސަޕޯޓް އެލަވަންސް އަށް އެދި ހުށަހަޅާފައިވާ މީހުންގެ ތެރެއިން 55 އިންސައްތަ މީހުންނަށް ފިނޭންސް މިނިސްޓްރީ އިން އެލަވަންސް ދީފި އެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިންކަމް ސަޕޯޓް އެލަވަންސް އަށް އެދި 8,488 މީހުން ވަނީ ހުށަހަޅާފަ އެވެ. 

އެގޮތުން އޮގަސްޓް އަށް ވަނަ ދުވަހާއި ހަމައަށް 4,699 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައިވާކަމަށް ފިނޭންސްގެ ތަފާސްހިސާބުތައް ދައްކަ އެވެ. އެއީ 35.1 މިލިއަން ރުފިޔާ އެވެ. 

ސަރުކާރުން ވަނީ އިންކަމް ސަޕޯޓް އެލަވަންސް ދެމުން އައި އުސޫލަށް ބަދަލު ގެނަސްފަ އެވެ. 

އެގޮތުން މިދިޔަ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އާމްދަނީއަށް އަސަރުކުރި މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ދޭން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެ އެވެ. އެހެން ކަމުން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އާމްދަނީ ލިބުން މެދުކެނޑިފައިވާ ފަރާތެއްނަމަ 5000 ރުފިޔާ، އެލަވަންސްގެ ގޮތުގައި ލިބޭނެ އެވެ. 

އެހެން ނަމަވެސް ކުރިން އަމަލު ކުރަމުން އައި އުސޫލުގެ ދަށުން އިންކަމް ސަޕޯޓް އެލަވަންސް ލިބޭނީ މާޗް އެކެއްގެ ފަހުން ކޮވިޑް19 އާ ގުޅިގެން ވަޒީފާއިން ވަކިކޮށް ނުވަތަ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑްކުރުމާއި މުސާރަ ނުލިބޭގޮތަށް ނޯޕޭއަށް ފޮނުވައިފައިވުން އަދި މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވާ ފަރާތްތަކެވެ.  

ފިނޭންސް އިން ވަނީ ރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް ފަރާތްތަކަށް، ސަރުކާރުގެ ކޮވިޑް-19 ރިކަވަރީ ސްކީމްގެ ދަށުން ބޭންކް އޮފް މޯލްޑިވްސްއިން ނުވަތަ އެސް.އެމް.އީ. ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ލޯނުގެ ގޮތުގައި އެހީއެއް ދޫކޮށްފައިވާނަމަ، އެ އުސޫލުގެ ދަށުން އިންކަމް ސަޕޯޓް އެލަވަންސް ލިބޭ ފަރާތްތަކުގެ ތެރެއިން، އެޕްރީލް، މެއި އަދި ޖޫން، މަހުގެ އެލަވަންސުން އެ ފަރާތެއް އިސްތިސްނާވާނެ ކަމަށް ބުނެފަ އެވެ.

އަދި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުން އެލަވަންސްއަށް އެދޭ ނަމަ، އެފަދަ ފަރާތެއްކަން ކަށަވަރުކޮށްދޭނެ ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށާއި އެގޮތުން ހަ މަސްދުވަހުގެ ތެރޭގައި ކޮށްފައިވާ މަސައްކަތަށް އަގުކުރެވިފައި ވާ އިންވޮއިސްތަކުގެ ކޮޕީ ހުށަހަޅަން ޖެހޭނެ ކަމަށް ވެސް މިނިސްޓްރީ އިން ބުނެ އެވެ. 

އޭގެ އިތުރުން، އާ އުސޫލުގެ ދަށުން ވެސް ވަޒީފާއިން ވަކިކުރެވިފައިވާ ނުވަތަ ސަސްޕެންޑް ކުރެވިފައިވާ ފަރާތެއްނަމަ، މަހަކު 5000 ރުފިޔާ އަދި މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް ފޮނުވައިފައިވާ ފަރާތެއްނަމަ ވެސް އެވަރު އެލަވަންސްގެ ގޮތުގައި ލިބޭނެ ކަމަށް ފިނޭންސް އިން ބުނެ އެވެ. އަދި މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތެއްނަމަ، އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށްފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5000 ރުފިޔާއަށްވުރެ ދަށް އަދަދެއްނަމަ، 5000 ރުފިޔާއިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދު ލިބޭނެ އެވެ. 

އެ އެލަވަންސް ދޫކުރާނީ ހަމަ މަސް ދުވަހުގެ މުއްދަތަކަށް ކަމަށާއި އެގޮތުން އޭޕްރީލް މަހުން ފެށިގެން ސެޕްޓެމްބަރަށް އެލަވަންސް ލިބޭނެ ކަމަށް މިނިސްޓްރީ އިން ފާހަގަކުރެ އެވެ. 

އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ ދިވެހިންނަށް ދޭން ނިންމާފައިވާ މި އެލަވަންސްއަށް ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ މީހެއް ނަމަ، އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5000 ނުވަތަ އެއަށްވުރެ މަތީ އަދަދެއް ނަމަ، އެ މީހަކަށް އެލަވަންސް އެއް ނުލިބޭނެ އެވެ. އަދި ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް ޝައުޤުވެރިކަން ހުރި، އަދި ސަރުކާރުގެ ޖޮބް ސެންޓަރު މެދުވެރިކޮށް ވަޒީފާއެއް ނުވަތަ މަސައްކަތެއް އެ ފަރާތަށް ހޯދައިދެވިއްޖެނަމަ، އެ ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް އެއްބަސްވާ ފަރާތަކަށް ވާންޖެހެ އެވެ.    

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް