ads
އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ބޯރިސް: އިގްތިސާދު ހީނަރުވާ ކަމުގެ އިންޒާރު ކުރިން ވެސް ވަނީ ދެއްވާފައި.-- ފޮޓޯ: އޭއެފްޕީ
ކޮވިޑް އާ ގުޅިގެން އިގްތިސާދު ދަށްވެ، 11 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ޔޫކޭ ރިސެޝަނަށް ގޮސްފި
ކޮވިޑް-19 އާ ގުޅިގެން އިނގިރޭސިވިލާތުގެ އިގްތިސާދު ދަށްވެ، ފާއިތުވި 11 އަހަރުފެ ތެރޭގައި ފުރަތަމަ ފަހަރަށް އެ ގައުމު ރިސެޝަނަކަށް ގޮސްފި އެވެ.

ރިސެޝަނަކީ ވަގުތީ ގޮތުން އަންނަ ހީނަރުކަމަކާއި ގުޅިގެން އިގްތިސާދު ދަށަށް ދިއުމެވެ. އާންމުކޮށް ގައުމެއް ރިސެޝަނަށް ދިޔަ ކަމަށް ބަލާނީ ވިދިވިދިގެން ދެ ކުއާޓަރުގައި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީ ދަށަށް ދިއުމުންނެވެ.

ކޮވިޑާއި ގުޅިގެން އިނގިރޭސިވިލާތަށް ދިމާވި އިގްތިސާދީ ހީނަރުކަމާއި އެކު އޭޕްރީލް-ޖޫން އަށް އެ ގައުމުގެ އިގްތިސާދު ވަނީ ރެކޯޑް އަދަދެއް ކަމަށްވާ 20.4 ޕަސެންޓް ދަށްވެފަ އެވެ. ނަމަވެސް ޖޫން މަހުން ފެށިގެން އިގްތިސާދު ދަށްވަމުން އަންނަ މިންވަރު ކުޑަ ކުރެވިފައިވާ ކަމަށް އެ ގައުމުން ބުނެ އެވެ.

އިނގިރޭސިވިލާތުގެ އިގްތިސާދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު، އެ ގައުމުގެ ތަފާސްހިސާބުތައް ބަލަހައްޓާ އޮފީސް، އޮފީސް ފޯ ނޭޝަނަލް ސްޓެޓިސްޓިކްސް (އޯއެންއެސް) އިން މިއަދު ވަނީ އެ ގައުމު ރިސެޝަނަކަށް ގޮސްފައިވާކަން ރަސްމީކޮށް އިއުލާނު ކޮށްފަ އެވެ.

އެތައް ހާސް ބަޔަކަށް ކޮވިޑް ޖެހި ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެފަ ވާއިރު، އިނގިރޭސިވިލާތުގެ އިގްތިސާދު އެހާ ބޮޑަށް ދައްވީ އެކަން ކޮންޓްރޯލް ކުރަން ހަރުކަށި ލޮކްޑައުންއަކަށް ދާންޖެހުމުން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އަދި އިގްތިސާދު ދަށަށްދާ މިންވަރު ކުޑަ ކުރެވިފައިވަނީ މިހާރު ދީފައިވާ ލުއިތަކާ އެކު އިގްތިސާދީ ހަރަކާތްތައް ފެށިފައި ވާތީ ކަމަށް ވެއެވެ.

"ޖޫން މަހު ލޮކްޑައުން ލުއިތައް ދިނުމާ އެކު ފިހާރަތައް ހުޅުވި، ފެކްޓްރީތަކުގެ މަސައްކަތް ފެށި އަދި ކޮންސްޓްރަކްޝަން ދާއިރާގެ ހަރަކާތްތައް ވެސް ފެށުމާއި ގުޅިގެން އިގްތިދާދު ދަށަށްދާ މިންވަރު ވަނީ ހިފެހެއްޓިފައި. އެކަމަކު ފެބްރުއަރީ މަސް ނިމުނު އިރާ އަޅާ ބަލާއިރު ޖޫން މަހު ވަނީ ޖީޑީޕީ ހަ ގުނަ ދަށްވެފައި،" އެންއޯސީގެ ޑެޕިއުޓީ ނޭޝަނަލް ސްޓެޓިސްޓީޝަން ޖޮނަތަން އެންތޯ ވިދާޅުވި އެވެ.

އިނގިރޭސިވިލާތަށް ދިމާވެފައިވާ އިގްތިސާދީ ހީނަރުކަމާ އެކު އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލި، ގިނަ ވިޔަފާރިތައް ބަނގުރޫޓުވާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ. އަދި މިއީ 2009 ވަނަ އަހަރަށް ފަހު އެ ގައުމުގެ އިގްތިސާދަށް އެންމެ ބޮޑު ގެއްލުމެއް ލިބުނު ފަހަރު ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް