ads
ރައީސް ޔާމީން-- ފޮޓޯ: ސަން އޮންލައިން
ރައީސް ޔާމީން ދައްކަން ޖެހޭ ފައިސާ ހޯދަން މީރާއަށް
ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައުލަތަށް ދައްކަން ޖެހޭ ފަސް މިލިއަން ޑޮލަރު ދައްކާފައި ނުވާތީ އެ ފައިސާ ހޯދުމަށް މީރާ އަށް އަންގައިފި އެވެ.

އެޓާނީ ޖެނަރަލްގެ އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މަނީ ލޯންޑްރިންގެ އަމަލެއް ހިންގުމުގެ ކުށް ސާބިތުވެފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް އެ ފަރާތަށް އަންގައި، 28 ނޮވެންބަރު 2019 ގައި ހުކުމްކުރި ނަމަވެސް، އެ މުއްދަތުގައި ފައިސާ އަނބުރާ ދައްކާފައި ނުވާ ކަމަށެވެ. 

އެހެންކަމުން ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް، ރައީސް ޔާމީން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ހޯދުމަށްޓަކައި، އެ މައްސަލައިގެ ހުރިހާ ލިޔެކިޔުންތައް މީރާއަށް އިއްޔެ ފޮނުވާފައިވާ ކަމަށް އޭޖީ އޮފީހުން ބުނެ އެވެ. 

އޭޖީ އޮފީހުން ބުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 188 ވަނަ މާއްދާގެ (ހ) ގައި، ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވެގެން ކޯޓުން އޭނާގެ މައްޗަށް ކުރި ހުކުމުގައިވާ އަދަބަކީ ޖޫރިމަނާކުރުން ކަމުގައިވާނަމަ، އެ ހުކުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މީރާއަށް އެ މީހަކު އެ ޖޫރިމަނާ ދައްކަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި، އެ މާއްދާގެ (ނ) ގައި، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ޖޫރިމަނާ ނުދައްކައިފިނަމަ، ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އެ ފައިސާ ހޯދުމަށް ދައުލަތުގެ ކަމާބެހޭ ފަރާތުން އަމަލުކުރާ އުސޫލުން އެ ފައިސާ ދައުލަތަށް ނަގަންވާނެ ކަމަށް ވެސް ބަޔާންކޮށްފައިވާ ކަމަށެވެ.

އޭޖީ އޮފީހުން އިތުރަށް ބުނި ގޮތުގައި އެ ގާނޫނުގެ (ހ) ގެ ދަށުން ޖިނާއީ މައްސަލައެއްގެ އަދަބެއްގެ ގޮތުގައި ދައުވާ ލިބޭ ފަރާތް ޖޫރިމަނާކޮށް ހުކުމްކުރާ މައްސަލަތަކުގައި، އެ ފައިސާ ދައްކަން ކޯޓުން އަމުރުކޮށްފައިވާ މުއްދަތުގައި އެ ފައިސާ ދައްކާފައިނުވާނަމަ، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށްދައްކަންޖެހޭ ފައިސާ ހޯދާ ހުކުމް ތަންފީޒުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަކީ މީރާގެ މަސްއޫލިއްޔަތެއްކަމުގައި ވާތީ، އެކަން ވަނީ އެ އިދާރާއަށް އަންގާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް