ads
ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ޖަމީލް--
ދައުލަތުން ދަނީ އިސްތިއުނާފް ކުރުމުގެ ހައްގުން ރައީސް ޔާމީން މަހުރޫމް ކުރަމުން
ގާނޫނު އަސާސީން ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ލިބިދީފައިވާ އިސްތިއުނާފްކުރުމުގެ ހައްގުން މަހުރޫމް ކުރުމަށް ގަސްދުގައި ދައުލަތުން އަމަލު ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ޔާމީންގެ ގާނޫނީ ޓީމުން ބުނެފި އެވެ.

ޔާމީންގެ ގާނޫނީ ޓީމުން މިހެން ބުނީ ޔާމީން ދައުލަތަށް ދައްކަން ޖެހޭ ފަސް މިލިއަން ޑޮލަރު ދައްކާފައި ނުވާތީ އެ ފައިސާ ހޯދުމަށް ބަންޑާރަނައިބުގެ އޮފީހުން މީރާ އަށް އަންގާފައިވާތީއެވެ.

ޔާމީންގެ ގާނޫނީ ޓީމުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ގާނޫނުއަސާސީން ޔާމީން އަށް ލިބިދީފައިވާ އިސްތިއުނާފްކުރުމުގެ ހައްގުން މަހުރޫމް ކުރުމަށް ގަސްދުގައި ދައުލަތުން އަމަލު ކުރާކަމަށާ އެކަމަށާއި ކަންބޮޑުވާ ކަމަށެވެ.

އަދި ގާނޫނުގެ ކުރިމަތީގައި، ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ މީހެއް ކަމަށާއި އަދި ގާނޫނުގެ ރައްކާތެރިކަމާއި، ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ކޮންމެ މީހެއްގެ ވެސް ހައްގެއް ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ ކުށް ސާބިތުވާ މީހާގެ މައްޗަށް އެ ކުށުގެ އުގޫބާތެއްގެ ގޮތުން ޝަރީއަތުން ޖޫރިމަނާއެއް ކަނޑައެޅުމަކީ ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުގައި މީގެ އެތައް ޒަމާނެއް ކުރިން ވެސް
އިސްތިގުރާރުވެފައިވާ ކަމެއް ކަމަށާއި އެމީހެއްގެ މައްޗަށް ޝަރީއަތުން ކަނޑައެޅިފައިވާ ހުކުމުގެ
އިސްތިއުނާފް މަރުހަލާތަކެއް ނިމި ނުވަތަ އެނޫން ވެސް ގޮތަކުން ނަމަވެސް އެ ހުކުމެއް ނިހާއީ
ހުކުމަކަށް ބަދަލުވުމުގެ ކުރިން އެފަރާތަކުން އެ ފައިސާއެއް ހޯދުމަށް މަސައްކަތް ކުރުމަކީ ދައުލަތުން
މިހާތަނަށް ވެސް އަމަލުކުރަމުން އައިސްފައިވާ ގޮތް ނޫން ކަމަށެވެ.

އަދި އަމަލުކުރަމުން އަންނަ އާންމު އުސޫލާއި ހިލާފަށް ހިލާފަށް އަދި އަދުލު އިންސާފުގެ ހަމަތަކާ ވެސް ހިލާފަށް ޔާމީން އާއި މެދު ވަކި ހާއްސަ އިޖުރާއަތެއްގެ ދަށުން ތަފާތުކުރެވިގެން އަމަލު ކުރެވިގެން ދިއުމަކީ ދައުލަތުން ރާވައިގެން ޔާމީން އަށް ގެއްލުން ދިނުމުގެ ނިޔަތުގައި ހިންގާ ގާނޫނާ ހިލާފު އަދި ލާއިންސާނީ އަމަލެއް ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

އަދި ބަންޑާރަނައިބުގެ މި އަމަލަކީ، ގާނޫނީ ގޮތުން އެއްވެސް ބުރަދަނެއް ނެތް، ސިޔާސީ ބޭނުމަށްޓަކާ ޒާތީ ގޮތުން ކުރާ ވަރަށް ފިނޑި އަމަލެއް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

މިކަމުންވެސް އަންގައިދެނީ  ގާނޫނުއަސާސީ އާއި ގާނޫނުގެ ބާރު ނެގެހެއްޓުމުގައި މިއަދުގެ ސަރުކާރު ފެއިލްވެފައިވާ މިންވަރު ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް