ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް--
ރައީސް ސޯލިހުގެ ކެބިނެޓަށް ފުރިހަމަ އިތުބާރު އޮވޭ: ޖޭޕީ
އަބަދުވެސް މަަސައްކަތް ކުރަމުންދާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ދަމަހައްޓަން ކަމަށާއި ރައީސް ސޯލިހުގެ ކެބިނެޓަށް ފުރިހަމަ އިތުބާރެއް ކުރާ ކަމަށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން ވަކިކުރަން މަޖިލީހަށް ވެއްދުމުގެ މަސައްކަތް ކުރަމުންދާތީ އެކަމުގައި ޖޭޕީގެ ސްޓޭންޑަކީ ކޮބާއިތޯ ޖޭޕީގެ މީޑިއާ ގްރޫޕުގައި ނޫސްވެރިއަކު ސުވާލުކުރުމުން އެޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ ޖޭޕީ މަސައްކަތް ކުރާނީ ރައީސް ސޯލިހުގެ ވެރިކަން ދެމެހެއްޓުމަށް ކަމަށާއި އަދި ގައުމާއި ރައްޔިތުންގެ ހައްގުގައި ރައީސް ކުރައްވަމުންގެންދަވާ މަސައްކަތުގައި ފުރިހަމަ އިތުބާރު ޖޭޕީއަށް އެބަ އޮތް ކަމަށެވެ.

އަދި އެކަމާއި ގުޅޭ ގޮތުން ޖޭޕީއާ އެއްވެސް ލެވެލްއެއްގައި މަޝްވަރާކުރެވިފައި ނުވާ ކަމަށާއި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ބަހެއް އެކަމުގައި އޮތްނަމަ ފަހުން ހިއްސާކުރައްވާނެ ކަމަށް އަލީ ސޯލިހު ވިދާޅުވެ އެވެ. 

އަލީ ސޯލިހު އިތުރަށް ވިދާޅުވީ ރައީސްގެ ކެބިނެޓަށް ޖޭޕީގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށާއި އަދި ކަމެއް ގޯހަށް ދާނަމަ އެކަމެއް ވެސް ހާމަކުރަމުންދާނެ ކަމަށެވެ. 

މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވައްދަން މަސައްކަތް ކުރަނީ ކޮން ސަބަބަކާހުރެ ކަން ސާފެއް ނުވެ އެވެ. މިހާތަނަށް މި މަޖިލީހުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާފައެއް ނުވެ އެވެ. 

އެކަމުގެ މަސައްކަތް އެމްޑީޕީ އިސްވެ އޮވެ ފަށާފައިވާއިރު މައުލޫމާތު ލިބޭ ގޮތުގައި ފައްޔާޒު މަގާމުން ވަކި ކުރުމަށް މަޖިލީހަށް ވެއްދުމަށް އެންމެ ފުރަތަމަ ސޮއި ކުރައްވާފައި ވަނީ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. އެކަމަކު އެމްޑީޕީގެ ބައެއް ފަރާތްތަކުން އަންނަނީ ފައްޔާޒަށް އިތުބާރު ކުރައްވާ ކަމަށް ވިދާޅުވެ، ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް