ads
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް--
އާޒިމްއާ ދެތިން މެމްބަރުން އުޅެނީ ސަރުކާރު ހަލާކުކޮށްލަން: މަހްލޫފް
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހިމެނިވަޑައިގަންނަވާ ގޮތަށް ދެތިން މެމްބަރުން މި ސަރުކާރު ހަލާކުކޮށްލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ތުހުމަތު ކުރައްވައިފި އެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ރޭ ބައިވެރިވެވަޑައިގެން އާޒިމަށް ފާޑުވިދާޅުވެ، މަހްލޫފް ވިދާޅުވީ ޕީޖީ ލީޑަރަކަށް ހުންނަވާ އެމްޑީޕީ އަދި ވަރުގަދަކޮށް އޮތް ސަރުކާރު ހަލާކުވާ ގޮތަށް މަސައްކަތް ކުރުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ. 

"ބައެއް މެމްބަރުން" ސަރުކާރު ހަލާކުކޮށްލުމަށް މަސައްކަތްކުރަމުންދާ ކަމަށް މަހްލޫފް ވިދާޅުވުމުން، އެ މެމްބަރުންނަކީ ކޮބައިތޯ ކުރެވުނު ސުވާލެއްގައި މަހްލޫފް ވިދާޅުވީ އޭގެ ތެރެއިން އެކަކީ އާޒިމް ކަމަށެވެ. އެހެންނަމަވެސް ދެން ތިއްބެވި ބޭފުޅުންގެ ނަން ހާމަައެއް ނުކުރައްވަ އެވެ.  

މިނިސްޓަރު މަހްލޫފް ގާނޫނާއި ހިލާފަށް ކަމެއް ކުރެއްވި ކަމަށް އާޒިމް ތުހުމަތުކުރައްވަމުން ގެންދަވާ ވާހަކަތާކާއި ގުޅިގެން ސުވާލުކުރުމުން މަހްލޫފް ވިދާޅުވީ ކަމެއް ގޯސްކޮށް ނުކުރާކަން އެންމެ ރަނގަޅަށް އެނގޭނެ އެކަކީ އާޒިމް ކަމަށާއި އެގޮތަށް އެ ވިދާޅުވަނީ ސިޔާސީ ކަމެއްގައި ކަމަށެވެ.

އެގޮތުން އޭނާގެ އިތުބާރުގެ ނެތްކަމުގެ ވޯޓެއް ނެގުމަށްޓަކައި ސޮއި ހޯދުމުގެ މަސައްކަތް އާޒިމް ކުރެއްވި ކަމަށެވެ.

"އެއްވެސް ހާލެއްގައި މިއުޅެނީ އަޅުގަނޑު ކަމެއް ގޯސްކޮށް ކޮށްގެންނެއް ނޫނޭ. ހަމައެކަނި އަޅުގަނޑު މިހިރަ މަގާމުން އަޅުގަނޑު ވަކިކުރުމަށް އެ ވިސްނުމުގައި ކުރެވެމުންދާ މަސައްކަތްތެއް،"

އޭގެ އިތުރުން މަހްލޫފް ވިދާޅުވީ، މިވެރިކަން ގެނައީ އެތައް ބަޔަކު ގުޅިގެން ކަމަށާއި އެގޮތުން އޭރު އޮތް ވެރިކަން ބަދަލު ނުވިނަމަ، މިއަދު "އަޅުގަނޑުމެން އެންމެން" ތިއްބަވަން ޖެހޭނީ ޖަލުގައި ކަމަށެވެ. އަދި އެހާ މަސައްކަތް ކުރުމަށް ފަހު ސަރުކާރަށް ދޮޅު އަހަރުވުމުން ގައުމު ހިންގަން ރައީސްއަށް ފުރުސަތު ދިނުމުގެ ބަދަލުގައި ހުރަސް އަޅާނަމަ އެކަމަކީ ވަރަށް ދެރަކަމެއް ކަމަށް މަހްލޫފް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް