ads
ސަފާރީއެއް--
ފަތުރުވެރިންނަށް ހިދުމަތްދިނުމުގެ ހުއްދަ 50 އަށް ވުރެ ގިނަ ސަފާރީއަށް ދީފި
ރާއްޖެ އަށް އަންނަ ފަތުރުވެރިންނަށް ހިދުމަތް ދިނުމުގެ ހުއްދަ 50 އަށް ވުރެ ގިނަ ސަފާރީއަށް ޓޫރިޒަމް މިނިސްޓްރީ އިން ދީފި އެވެ.

ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނާ ގޮތުން އޮގަސްޓް 12 ދުވަހާ ހަމައަށް 58 ސަފާރީ އަކުން ފަތުރުވެރިންނަށް ހިދުމަތް ދިނުމުގެ ހުއްދަ މިނިސްޓްރީ އިން ވަނީ ދީފަ އެވެ. 

އެގޮތުން ޖުލައި 15 ގައި ބޯޑަރު ހުޅުވާލުމާއި އެކު އެ މަހު އެކަނި ވެސް 14 ސަފާރީއަކަށް ހިދުމަތްދިނުމުގެ ހުއްދަ ދީފައި ވާއިރު، ބޯޑަރު ހުޅުވާލި ދުވަހު ވެސް ހަތަރު ސަފާރީއަކުން ވަނީ ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ފަށާފަ އެވެ. 

އޮގަސްޓް މަހުގެ މިހާތަނަށް 44 ސަފާރީއަކަށް ފަތުރުވެރިންނަށް ހިދުމަތް ދިނުމުގެ ހުއްދަ ދީފައި ވާއިރު، ހުއްދަ ދެވުނު ސަފާރީ ތަކުގެ ތެރެއިން އަދި ހިދުމަތްދޭން ނުފަށާ ހަތް ސަފާރީ އެބައޮތެވެ. 

އޭގެ ތެރެއިން ތިން ސަފާރީއަކުން އޮގަސްޓް 15 ވަނަ ދުވަހު ހިދުމަތްދޭން ފަށާއިރު، 17 ވަނަ ދުވަހު އިތުރު ސަފާރީއަކުން ވެސް ހިދުމަތްދޭނެ ކަމަށް އެންބީއޭއެމް އިން ބުނެ އެވެ. އަދި އޮގަސްޓް 20 ވަަނަ ދުވަހު ވެސް ސަފާރީއަކުން ހިދުމަތްދޭން ފަށާނެ ކަަމަށާއި، 22 ވަނަ ދުވަހު އަދި 25 ވަނަ ދުވަހު ވެސް ސަފާރީ އަކުން ހިދުމަތްދޭން ފަށާނެ ކަމަށް އެ އެސޯސިއޭޝަނުން ފާހަގަކުރެ އެވެ. 

ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތަކަކަށް ފެތޭ ސަފާރީތަކަށް ހުއްދަ ދޭއިރު، އެކަމަށް އެދި ޓޫރިޒަމް މިނިސްޓްރީއަށް ޑިކްލަރޭޝަން ފޯމް އެއް ހުށައަޅަންޖެހެ އެވެ. އަދި ސަފާރީގެ އޮޕަރޭޓިން ލައިސަންސް އާއި، މީރާގެ ޓެކްސް ކްލިއަރެންސް ފޯމް ވެސް މިނިސްޓްރީ އަށް ހުށައަޅަންޖެހެ އެވެ. އޭގެ އިތުރުން ސަފާރީ އިން ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތައް ގެންގުޅޭނެ ގޮތުގެ ޕްލޭންއެއް ވެސް މިނިސްޓްރީ އަށް ހުށައަޅަންޖެހެ އެވެ.

ހުއްދަ ހޯދުމުގެ މަރުހަލާގައި ގިނަ ވަގުތު ހޭދަވާތީ ސަފާރީތަކުން ހިދުމަތްދޭން ތާވަލްކުރާ ތާރީހުގެ ކުރިން ހުއްދަ ހޯދުމަށް އެދި މިނިސްޓްރީ އަށް ހުށައެޅުމަށް ބޯޓިން އެސޯސިއޭޝަނުން ސަފާރީތަކަށް ވަނީ އަންގާފަ އެވެ. އެގޮތުން މީރާއަށް ދައްކަންޖެހޭ އެއްވެސް ޓެކްސް އެއް ވާނަމަ ޓެކްސް ކްލިއަރެންސް ފޯމު ހޯދުމަށް ލަސްތަކާ ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއްކަމަށް އެ އެސޯސިއޭޝަނުން ފާހަގަކުރެ އެވެ. 

ބޯޓިން އެސޯސިއޭޝަނުން ބުނީ ހުއްދަ ލިބިފައިވާ ސަފާރީތަކަށް މަދުން ނަމަވެސް މިހާރު ބުކިންތައް ލިބޭ ކަމަށާއި ބައެއް ސަފާރީތަކަށް ފަތުރުވެރިންވެސް އައިސްފައިވާކަމަށެވެ. 

އޭގެއިިތުރުން ސަފާރީތަކުގައި ޗުއްޓީ ހޭދަ ކުރުމަށްފަހު ފުރާ ފަތުރުވެރިންގެ ޕީސީއާރު ޓެސްޓު ހެދުމަށް ހުޅުމާލޭގައި ހާއްސަ އިންތިޒާމުތަކެއް ވެސް އެންބީއޭއެމް އިން ވަނީ މިހާރު ރާވާފައި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް