ads
ފޮޓޯ: އެސްޓީއޯ
ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބާވަތްތަކުގެ ކޯޓާ އިންޑިއާއިން އާކޮށްދީފި
ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ޒަރޫރީ ބާވަތްތައް އެތެރެކުރުމަށް އިންޑިއާ ސަރުކާރުން ދީފައިވާ ކޯޓާ އާކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އެކަން އަންގަވާފައިވަނީ އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރު އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ދެބޭފުޅުން މިއަދު ޑިޖިޓަލް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ދެއްކެވި ވާހަކަފުޅުގައި ކަމަށް މިނިސްޓްރީ އިން ބުނެ އެވެ. 

މިނިސްޓްރީ އިން ބުނީ ކާބޯތަކެތީގެ ޒަރޫރީ ހަތް ބާވަތެއްގެ އިތުރުން އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ހިލަޔާ ހިލަވެލި އިންޑިއާއިން އެތެރެކުރުމަށް ދީފައިވާ ކޯޓާވެސް ވަނީ އާ ކޮށްދީފައި ކަމަށެވެ. 

ކޯޓާ އައުކޮށްދިނުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ޖައިޝަންކަރު ވަނީ މިދިޔަ އަހަރަށްވުރެ އިތުރަށް މިއަހަރު ކޯޓާ ދޫކޮށްފައިވާނެ ކަމަށާއި، މިކަމުގެ ސަބަބުން ކޮވިޑް-19ގެ މިހާލަތުގައި ރާއްޖެއަށް ޒަރޫރީ ބާވަތްތައް އިމްޕޯޓްކުރުމަށް އިތުރު ޔަގީންކަމެއް ލިބިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. 

މިނިސްޓަރު ޝާހިދުގެ ވަނީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބާވަތްތައް އެތެރެކުރުމަށް އިންޑިއާއިން ދީފައިވާ ކޯޓާ އާކޮށްދެއްވާފައިވާތީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައި ކަމަށް މިނިސްޓްރީން ބުނެ އެވެ. 

ކޮވިޑް-19 އާ ގުޅިގެން އިންޑިއާއިން ޒަރޫރީ ގިނަ ބާވަތްތަކެއް ބޭރުކުރުން މަނާކޮށްފައި އޮތްނަމަވެސް، ހާއްސަ އުސޫލެއްގެ ދަށުން މެދުނުކެނޑި ރާއްޖެއަށް އެ ބާވަތްތައް ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވިކަމަށްޓަކައި ވެސް އިންޑިއާ ސަރުކާރަށް މިނިސްޓަރު ވަނީ ޝުކުރުއަދާކޮށްފަ އެވެ. 

ކޮވިޑް-19 ފެތުރެން ފެށުމާއެކު އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް މެދުނުކެނޑި ރާއްޖެއަށް ލިބޭނެކަމުގެ ޔަގީންކަންދީ، ލޮކްޑައުންގެ ސަބަބުން ރާއްޖެއަށް ތަކެތި ގެނައުމަށް ދިމާވި ދަތިތަކަށްވެސް ހައްލު ހޯދައިދީފައެވެ.

އިންޑިއާ ސަރުކާރުން ކޯޓާ އާކޮށްދީފައިވާ ކާބޯތަކެތީގެ ބާވަތްތަކަކީ، ހަނޑޫ، ހަކުރު، ފުށް، ފިޔާ، ބިސް އަދި އަލުވި އާއި މުގު އެވެ. 

އޭގެ އިތުރުންއިމާރާތްކުރުމަށް ބޭނުންވާ ހިލަ އާއި ހިލަވެލިން ވެސް އިންޑިއާ ސަރުކާރުން ވަނީ ކޯޓާ އާކޮށްދީފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް