ads
ޖެންޑާ މިނިސްޓަރު--
ވަގުތީ ހިޔާގެ ހިދުމަތް ހުއްޓާލަނީ
ވަގުތީ ހިޔާތަކުން ދެމުންގެދިޔަ ހިދުމަތް ހުއްޓާލަން ޖެންޑާ މިނިސްޓްރީ އިން ނިންމައިފި އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މާލެ ސަރަހައްދުގެ ލޮކްޑައުން ހާލަތަށް އެޗްޕީއޭގެ ފަރާތުން ލުއިތަކެއް ދިނުމާއި ސަރުކާރުގެ މުއައްސަސާތަކުން ކޮވިޑް-19 އާ ގުޅިގެން ހިންގި ހަރަކާތްތައް ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެނެސްފައިވާތީ، ވަގުތީ ހިޔާތަކުން ދެމުންގެދިޔަ ހިދުމަތްތަކަށް ނިމުމެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އެކަމަކު ވަގުތީ ހިޔާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް އާއިލާތައް ތިބުމާއެކު، އެ ފަރާތްތައް ނިސްބަތްވާ ރަށަށް ދިއުމަށް އެދޭ ނަމަ، އެ ކަންކަން މިނިސްޓްރީން ހަމަޖައްސައިދޭނެ ކަމަށާއި، އެ ނޫން ގޮތެއް ހަމަޖެއްސުމަށް ބޭނުންވާ ނަމަ، އެ ނޫން އިންތިޒާމެއް ހަމަޖެއްސުމުގެ ފުރުސަތު މިއަދާ ހަމައަށް ވެސް އެ ފަރާތްތަކަށް ދެވިފައިވާ ކަމަށެވެ. 

އަދި މިހާރު ވަގުތީ ހިޔާތަކުގައި ތިބި ފަރާތްތަކުގެ ތެރެއިން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް އިކޮނޮމިކް މިނިސްޓްރީގެ "ޖޮބް ޕޯޓަލް"ގައި ރަޖިސްޓްރީކޮށް، އެ މިނިސްޓްރީން އެހީތެރިކަން ހޯދުމަށް ލަފާ ހޯދަން އެދިފައިވާ ކަމަށާއި އޭގެ އިތުރުން، ދިގުމުއްދަތެއް ވަންދެން މާލެގައި ދިރިއުޅުން ބިނާކޮށްފައިވާ އާއިލާތައް އެނބުރި ރަށަށް ދިއުމަށް އުޒުރުވެރިވާތީ، އެ ފަރާތްތަކަށް ވެދެވޭނެ އެހީތެރިކަމާއި ގުޅޭގޮތުން ވެސް ކަމާ ގުޅޭ މުއައްސަސާތަކާ މަޝްވަރާކުރެވި، އެ އާއިލާތަކަށް ފޯރުކޮށްދެވޭނެ އެހީތެރިކަމާމެދު ގޮތްތަކެއް ނިންމުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

ޖެންޑާ މިނިސްޓްރީން ބުނީ ކޮވިޑް-19 އާ ގުޅިގެން ވަގުތީ ރައްކާތެރިކަން ފޯރުކޮށްދެމުން ގެންދިޔަ ފަރާތްތަކުގެ ތެރެއިން މި ވަގުތު ވަގުތީ ހިޔާގައި ތިބީ އެއް އާއިލާއަކަށް ނިސްބަތްވާ 13 މީހުން ކަމަށެވެ. އޭގެ ތެރޭގައި 4 ކުޑަކުދިން ހިމެނޭ ކަމަށެވެ. 

އެ 13 ފަރާތުގެ އިޖުތިމާއީ އަދި އިގްތިސޯދީ ހާލަތު ދެނެގަތުމަށް ހެދި އެސެސްމަންޓްތަކަށް ރިއާޔަތްކުރާއިރު، އެ ފަރާތްތަކުގެ އިގުތިސާދީ ހާލަތު ބަދަލުވެފައިވާތީއާއި ސަރުކާރުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުން ނިމުމަކަށް ގެނައުމަށް ނިންމައިފައިވުމުން، އެ ފަރާތްތައް ރަށަށް ދިއުމަށް އުޒުރުވެރިވުމުން، ދިރިއުޅުމުގެ ކަންކަން އަމިއްލައަށް ހަމަޖެއްސުމަށް މިނިސްޓްރީން އެތައް ފަހަރެއްގެ މަތިން ވަނީ އަންގާފައިވާ ކަމަށެވެ.

އޭގެ އިތުރުން ޔޫތު މިނިސްޓްރީން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީއަށް ދެއްވައިފައިވާ އިމާރާތް އެ މިނިސްޓްރީއަށް އަނބުރާ ހަވާލުކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

މާލެ ސަރަހައްދަށް ގެނައި ލޮކްޑައުންއާއެކު އަސާސީ ހައްގުތަކުން މަހްރޫމްވި ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދީ، އެ ފަރާތްތަކުގެ އަސާސީ އަދި އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ޓަކައި ޖެންޑާ މިނިސްޓްރީ މެދުވެރިކޮށް އެ ފަދަ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިިއިރު 253 ފަރާތަކަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ. އެއީ 103 ފިރިހެނުންނާއި 144 އަންހެނުން އަދި އެއްމަސް ނުފުރޭ 6 ތުއްތު ކުދިން ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ. 

މި ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވަނީ އެ ފަރާތްތައް ނިސްބަތްވާ ރަށްރަށަށް ދިއުމަށް ނުވަތަ އެ ފަރާތްތައް އަމިއްލައަށް ދާއިމީ ބޯހިޔާވަހިކަމެއް ހޯދުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ވަގުތު ދިނުމުގެ ގޮތުން ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމަށްކަން އެ ފަރާތްތަކަށް ކުރިން އެންގުން ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް