ads
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު--
ޓޫރިޒަމް މިނިސްޓްރީން ފޭކު ލިޔުންތަކެއް ތައްޔާރުކުރި ކަމުގެ ތުހުމަތު: އޮޑިޓް ރިޕޯޓް
ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ފަތުރުވެރިކަމުގެ ސިނާއަތުގެ ޓްރަސްޓް ފަންޑުން ހަރަދުކޮށްގެން ތަކެއްޗާއި ހިދުމަތް ހޯދުމަށްފަހު، ގަވާއިދާ އެއްގޮތަށް އެކަންތައްތައް ކޮށްފައިވާކަން ދެއްކުމަށް ލިޔުންތައް އުފައްދާފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށް އޮޑިޓާ ޖެނެރަލްސް އޮފީހުން ބުނެފި އެވެ.

އޮޑިޓް އޮފީހުން ނެރެފައިވާ ޓޫރިޒަމް މިނިސްޓްރީގެ ކޮވިޑް-19 އާ ގުޅޭ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓު ގައި ވާގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގެ ޓްރަސްޓް ފަންޑުން ކޮވިޑް-19 އާ ގުޅޭގޮތުން ކޮށްފައިވާ ބައެއް ހަރަދުތައް ކުރުމުގައި މުދަލަށް އޯޑަރުކުރާ ފޯމު، އެ މުދަލެއް ގަތުމުގެ ކުރިން ފޮނުވާފައެއް ނުވެ އެވެ. އަދި އެ ފޯމުތައް ތައްޔާރުކޮށްފައި ވަނީ ތަކެތި ލިބި އެ ތަކެއްޗައް ފައިސާ ދައްކަންޖެހުމުންކަން އޮޑިޓް އޮފީހަށް ފާހަގަކުރެވުނު ކަމަށް ރިޕޯޓްގައިވެ އެވެ. 

ބައެއް ހަރަދުތައް ކުރުމުގައި މުދަލަށް އޯޑަރުކުރާ ފޯމު ތައްޔާރުކުރުމުގެ ކުރިން މުދާ ގަންނަން އެދޭ ފޯމު ތައްޔާރުކޮށްފައި ނުވާކަންވެސް ފާހަގަކުރެވުނު ކަމަށާއި އެގޮތުން ތަކެއްޗާއި ހިދުމަތް ހޯދުމަށްފަހު، ގަވާއިދާ އެއްގޮތަށް އެކަންތައްތައް ކޮށްފައިވާކަން ދެއްކުމަށް ލިޔުންތައް އުފައްދާފައިވާކަމަށް ބެލެވޭ ކަމަށް ރިޕޯޓްގައިވެ އެވެ.

ގަންނަން ބޭނުންވާ ތަކެއްޗަށް އޯޑަރުކުރުމަށްޓަކައި މުދަލަށް އޯޑަރުކުރާ ފޯމުގެ އަސްލާއި ތިން ކޮޕީ ތައްޔާރުކޮށް ޕްރޮކިއުމަންޓް އޮފިސަރު ނުވަތަ އިސްވެރިޔަކު ސޮއިކޮށް އޯޑަރު ފޯމުގެ އަސްލު، ތަކެތި ވިއްކާ ފަރާތަށް ފޮނުވަންވާނެކަމަށާއި، ސޮއިކުރި ތިން ކޮޕީގެ ތެރެއިން އެއް ކޮޕީ، އެ ތަކެތި ގަތުމުގެ މަސައްކަތްކުރާ ފަރާތުގައި ބާއްވަންވާނެކަމަށާއި، އަނެއް ކޮޕީ، މުދާ ގެންނައިރު އައިސްފައި ވަނީ އޯޑަރުކުރި ތަކެތިތޯ ބެލުމަށް ސްޓޮކް ބަލަހައްޓާ ފަރާތަށް ހަވާލުކުރަންވާނެކަމަށާއި، އަނެއް ކޮޕީ، ހިސާބު ބަލަހައްޓާ ސެކްޝަނުގައި ބާއްވަންވާނެކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ގައި ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން، މުދާ ގަތުމަށް އޯޑަރުކުރާ ފޯމު ތައްޔާރުކުރަން ވާނީ ފުރިހަމަކުރެވިފައިވާ މުދާ ގަންނަން އެދޭ ފޯމެއް އޮވެގެންކަމަށާއި، ގަންނަން އެދިފައިވާ އެއްޗަކީ އެ ތަނަކަށް ހޯދަންޖެހޭ އެއްޗެއްކަމަށް އެކަމަށް އެދުނު ޑިޕާޓްމަންޓެއްގެ ވެރިއެއްގެ ސޮއި އޮތް ލިއުމެއް އޮންނަންވާނެ ކަމަށް ވެސް އެ ގަވާއިދު ގައި ބަޔާންކޮށްފައިވެ އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ އެ އޮޑިޓް ރިޕޯޓަކީ ދައުލަތުގެ މުއައްސަސާތަކުން ކޮވިޑް-19 އާ ގުޅިގެން ކޮންމެ ކުއާޓާއެއްގައި ކުރާ ހަރަދުތަކާއި ހިލޭ އެހީ އާއި ދަރަނީގެ އޮޑިޓެއް ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމާއި ގުޅިގެން މިނިސްޓްރީ އޮފް ޓޫރިޒަމުން ކޮވިޑް-19 އާ ގުޅިގެން މި އަހަރުގެ ފުރަތަމަ ދެ ކުއާޓާގައި ހަރަދުތައް ކޮށްފައިވާ ގޮތް ބެލުމަށް ކޮށްފައިވާ އޮޑިޓެއް ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެ އެވެ. 

އެ އޮފީހުން ބުނީ މި އޮޑިޓްގައި ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ހަރަދުތައް ކޮށްފައިވަނީ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި، ކޮވިޑް-19 އާ ގުޅިގެން މިނިސްޓްރީ އޮފް ފިނޭންސް އިން ނެރެފައިވާ ސާކިއުލާތަކާއި އެކަމާގުޅުން ހުރި އެހެނިހެން ގަވާއިދުތަކާއި އެއްގޮތަށްތޯ ބަލާފައިވާ ކަމަށެވެ. އަދި ހަރަދު ކުރުމުގައި ހާލަތަށް ރިއާޔަތްކޮށް ދައުލަތަށް އެންމެ ފައިދާ ހުރިގޮތަށް އަމަލު ކޮށްފައިވޭތޯ ވެސް މި އޮޑިޓް ގައި ބަލާފައިވާނެ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް