ads
ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ-- ފޮޓޯ: ސީއެންއެމް
ކޮވިޑްގެ ހާލަތު ގޯސްވެދާނެ ވަގުތަށް ރާއްޖެ ތައްޔާރެއް ނޫން؟!
މާލެ ސަރަހައްދުން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުގެ ކުރިން ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އައީ އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ޕްރެސްތައް ބާއްވަމުންނެވެ. މާލެ ސަރަހައްދުން ބަލި ޖެހިފައިވާ މީހަކު ފެނިއްޖެނަމަ ދެން އަމަލުކުރާނެ ގޮތަށް ވެސް ރާއްޖެ އޮތީ ތަައްޔާރަށް ކަމަށް އެ ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. މިއަދު މާލެއިން ކޮވިޑްގެ ފުރަތަމަ ކޭސް ފެނުނުތަކާއި ހަތަރު މަސް ވެގެންދާއިރު މިއަދުގެ ހާލަތު އޭރު ދައްކަމުން އައީ ވާހަކަތަކާއި ވަރަށް ވެސް ތަފާތެވެ.

އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި 128 މީހުންނާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 5,494 އަރާފަ އެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ޕޮޒިޓިވްވެފައިވަނީ ތޮއްޖެހިފައި މިވާ ވެރިރަށް މާލެ އިންނެވެ. އެގޮތުން މާލެއިން މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުގެ ކުރިން ރިސޯޓުތަކުން ޕޮޒިޓިވްވި މީހުންގެ އަދަދު އުޅުނީ އެންމެ ވިހީގަ އެވެ. ކޭސްތަކުގެ އަދަދު އިންތިހާއަށް މަތިވެގެން ދިޔައީ މާލެއިން މީހަކު ބައްޔަށް ޕޮޒިޓިިވްވި ހިސާބުންނެވެ. 

އޭޕްރީލް 15 ވަނަ ދުވަހު، މާލެއިން މީހަކު ޕޮޒިޓިވްވިތާ މާގިނަ އިރުތަކެއް ނުވެ މާލެއަށް އަރާއި ފޭބުން މަނާކޮށް މާލެ ލޮކްޑައުންކުރި އެވެ. އޭރުގެ ނަތިޖާ ވެސް ރަނގަޅެވެ. އެއް މަހާއި ބައި ވަންދެން ފުލް ލޮކްޑައުނެއްގައި ތިބުމާއެކު ބަލި ޖެހޭ މީހުންގެ ނިސްބަތް ދަށް ކުރެވި ދެން ފެނިގެންދިޔައީ ފިޔަވަހިތަކަކަށް ބަހާލައިގެން ލުއިދޭން ފެށި ތަނެވެ. 

ގޯސް ހެދިގެން ދިޔައީ މިހިސާބުން ކަމަށް ދެކެވެނީ އެ ދިން ލުއިތަކާއެކު ބަލި ޖެހޭ މީހުންގެ ނިސްބަތް ވެސް އިތުރުވަމުންދާތީ އެވެ. ކޮންމެ ދުވަަހަކު ފެންނަ ކޭސްތަކުގެ އަދަދު 100 މައްޗަށް މިހާރު އަރަމުން އަންނައިރު ފެނިގެންދަނީ އެޗްޕީއޭ އިން އަމަލުކުރަމުން އަންނަ ގޮތާއި ގުޅިގެން ފާޑުކިޔުންތައް އަމާޒުވާ މަންޒަރެވެ. 

ޕޮޒިޓިވްވާ މީހުން އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދަން ހަފުތާއެއް ވާއިރު ވެސް ނުގުޅާ ކަމާއި ގޭގައި ކަަރަންޓީން ނޯޓިސް ހިއްޕުމުގައި ލަސްތަކެއް އުޅުމުގެ އިތުރުން ހައި ރިސްކް މީހުން ވެސް ޓެސްޓް ނުކުރުމާއި 14 ދުވަހުގެ ކަރަންޓީން މުއްދަތު ހަމަކުރާ މީހުން އުޅޭ ގޭގެ ކަރަންޓީނުން ނެގުމުގައި ވެސް ލަސްތަކެއް އުޅޭކަމެވެ. މިއީ ހުސް ރައްޔިތުންގެ ޝަކުވާ އެވެ.

ސޯޝަލް މީޑިއާއަށް ބަލާލިޔަސް ކޮންމެ ދުވަހަކު މިފަދަ ޝަކުވާއެއް ނުކުރާ އާއިލާއެއް މަދުވާނެ އެވެ. މާލޭގައި ކުޑަކުޑަ ތަންކޮޅެއްގެ ތެރޭގައި އަށެއްކަ މީހުން ދިިރިއުޅެމުން އަންނައިރު އެކަކު ޕޮޒިޓިވްވެއްޖެނަމަ، އެ ހިސާބުން ކަންތަކާ ޖެހުނީ އެވެ. އެޗްޕީއޭ އިން އެމީހަކު ބަލާ އަންނާނެ އިރެއްވަންދެން އިންނަންވީ އެވެ. އެއީ ހަފުތާއެއް ވިޔަސް ވަރި ހަމަ އެވެ. 

ގޭގޭގައި ކަރަންޓީނުގެ ނޯޓިސް ހިއްޕުން ވެސް އޮތީ ހަމަ އެފަދަ ގޮތަކަށެވެ. ހިތަށް އެރުމުން އައިސް ނޯޓިސް ހިއްޕާލުން ފަދަ ކަމަކަށް އެކަން ވެސް ވެއްޖެ އެވެ. ސޯޝަލް މީޑިއާއިން ފެންނަ ކަންބޮޑުވުންތަކަށް ބަލާއިރު ޕޮޒިޓިވްވެފައިވާ މީހުން ތިބޭ ގެތަކުގައި ކަރަންޓީނުގެ ނޯޓިސް ނުހިއްޕާތީ އާންމު ދިރިއުޅުމެކޭ އެއްގޮތަށް އެ އިމާރާތަށް މީހުން ވަދެ ނިކުމެ ހަދަ އެވެ. 

އާންމުންގެ އެކަންބޮޑުވުމާއި ގުޅިގެން ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ގޭގޭގައި ނޯޓިސް ހިއްޕުމުގައި ލަސްތަކެއް އުޅޭ ކަަމަށާއި އެކަމަކީ ފުލުހުން ކުރަމުން އަންނަ މަަސައްކަތްތަކެއް ކަމަށެވެ. އެކަން ވެސް އަވަސް ކުރުމަށް މަސައްކަތް ކުރެވެމުންދާ ކަމަށް ވިދާޅުވި އެވެ. 

އޭގެ އިތުރުން ހައި ރިސްކް މީހުން ޕޮޒިޓިވްވުމުން އެމީހުން ފެސިލިޓީތަކަށް ހާއްސަ އިސްކަމެއްދީގެން ގެންދަމުން އަންނަ ކަމަށް ޑރ. ނަޒްލާ ވިދާޅުވެފައިވެ އެވެ. އެކަމަކު މިފަހުން ހިނގި އެންމެ ހިތާމަވެރިއެއް ހާދިސާއަކީ ދުވަސްވީ މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ފެސިލިޓީއަކަށް ނުގެންގޮސް ހުއްޓާ ހާލު، ދެރަވެ އައިޖީއެމްއެޗަށް ގެންދަން ޖެހުމެވެ. ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް އެމީހާ މަރުވިއިރު އައިސޮލޭޝަނަށް ގެންދަން އެޗްޕީއޭއަށް ގުޅާލެވުނީ އެމީހާގެ ޖަނާޒާ ކުރިއަށް ގެންދަނިކޮށެވެ. މިއީ އެޗްޕީއޭގެ ޒިންމާދާރުކަން ކުޑަ އަމަލަކަށް ނުވާނެތޯ އެވެ.

ކޭސްތައް އިތުރުވެ އެޗްޕީއޭއަށް ނުކަތާވަރަށް ރާއްޖޭގެ ހާލަތު ގޮސްދާނެ ކަމުގެ ބިރު މިވަނީ ހީވެފަ އެވެ. މިމަހުގެ 12 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި ހޯމް ކަރަންޓީނުގައި ތިބޭ މީހުން ދޫކޮށްލުގައި ވެސް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗަކީ ކޭސްތައް އިތުރުވުމެވެ. 

މިދިޔަ މަހުން ފެށިގެން ރާއްޖޭގައި ބަލި ޖެހޭ މީހުންގެ އަދަދުތައް އިތުރުވަމުން އަންނައިރު ވަކިން ހާއްސަކޮށްް މިމަހުގެ ތެރޭގައި އާންމުކޮށް ބަލި ޖެހޭ މީހުންގެ އަދަދު އުޅެނީ 100 އިން މަތީގަ އެވެ. އެ އަދަދުތައް މިދާ ގޮތަށް ދާނަމަ ހިފަހައްޓާލެވޭނެތޯ މިއީ އުފެދޭ ސުވާލެކެވެ. 

ބައްޔަށް ތައްޔާރުވެ އޮތުމަކީ ބަލީގެ ހާލަތު އެންމެ ގޯސްވެދާނެ ދަނޑިވަޅަކަށް ވެސް ތައްޔާރުވެ އޮތުމެވެ. ރާއްޖޭގެ ބޯޑަރު ހުޅުވުމާއެކު ކުރިން ލިބުންހާ ފަސޭހަކަމާއެކު ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި މިހާރު ރިސޯޓުތައް ވެސް ނުލިބޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވެފައިވެ އެވެ. ވަކިން ހާއްސަކޮށް މާލޭ ސަރަހައްދުން ލިބުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރެއްވި އެވެ. 

ކޮވިޑްގެ ކޭސްތައް ރާއްޖޭގައި އިތުރުވަމުންދާ ވަރަށް އެޗްޕީއޭއަށް ފާޑުކިޔުން އަމާޒުވަމުންދާ މިދަނޑިވަޅުގައި އެޗްއީއޯސީގެ ހިދުމަތް ވެސް ފުޅާކުރަން ނިންމާފައިވާ ކަމަށް ޑރ، ނަޒްލާ ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އެކަން ކުރެވޭނީ ސީދާ ކޮން ދުވަހަކު ކަމެއް ވިދާޅެއް ނުވެ އެވެ.

އެޗްޕީއޭ އިން އެކަނި މިކަން ކުރިޔަސް ކާމިޔާބެއް ނުވާނެ:

ކޮންމެ ދުވަހަކު އިތުރުވަމުންދާ ކޭސްތަކާއެކު ފިޔަވަޅުތައް ނާޅާއި ކަމަށް ބުނެ ފާޑުކިޔަސް އެވަރަކުން ނުފުދެ އެވެ. ބަލި ޖެހޭ މީހުންގެ އަދަދު ދަށް ކުރުމަކީ ހަމައެކަނި އެޗްޕީއޭގެ ބޮލުގައި އެޅިފައި އޮތް ކަމެއް ކަމަށް ދެކިގެން އާންމު ދިރިއުޅުމެކޭ އެއްގޮތަށް އުޅެމުން އަންނަ ނަމަ މިކަން އަރައިގަނެވޭނީ ކޮން ދުވަހަކުން ކަމެއް ވެސް ބުނަން ދައްޗެވެ. 

މާސްކް އެޅުން މަޖްބޫރުކުރިޔަސް މާސްކް ނާޅާއި ބޭރުގައި އުޅުމާއި މަނާ ވަގުތުތަކުގައި ވެސް މީހުން ބޭރުގައި އުޅެމުންދަނީ އެވެ. އިޖުތިމާއީ ގައިދުރުކަމުގެ އިތުރުން މީހުން އެއްވެ އުޅޭ ތަންތަނަށް ވެސް ދަނީ އެވެ. އަދި ވިޔަފާރިތަކުން ވެސް ހެދިފައިވާ ގައިޑްލައިންތަކަށް ބެލުމެއް ނެތި ވިޔަފާރިތައް ވެސް ހިންގަމުން އެބަދެ އެވެ. އެކަމަކު ކޮންމެ ކަމެއް ކަމާ ބެހޭ ފަރާތްތަކުގެ ބޮލުގައި އަޅުވާލާ، ތިމާގެ ޒިންމާއެއް ނެތް ކަމަށް ހެދިގެން އުޅެވޭކަށް ނެތެވެ. މިއީ ފަރުދީ ޒިންމާއާއެކުގައި ނޫން ގޮތަށް ކާމިޔާބު ކުރެވޭނެ ކަމެއް ނޫނެވެ. ގައުމާއި އެންމެންގެ ސަލާމަތަށް ތިމާގެ އަމަލު ރަނގަޅު ކުރަމާ ހިނގާށެވެ. އެހެން ނޫން ނަމަ ތިމާގެ އަމަލުން މަރުވެދާނީ ތިމާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ތިމާގެ މީހެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް