ads
މިނިސްޓަރު ފައްޔާޒު-- ފޮޓޯ: ޕީއެސްއެމް ނިއުސް
އެމްޑީޕީގެ މެޖޯރިޓީ މަޖިލީހެއްގައި އެމްޑީޕީ ވަޒީރަކު ވަކިކުރާނެ ގާބިލްކަން ހުރުމުން އުފާވޭ: ފައްޔާޒު
އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހެއްގައި އެމްޑީޕީގެ ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމުގެ ގާބިލުކަން ހުރުމުން އުފާކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ކުރަމުން އަންނައިރު އެކަމާއި ގުޅިގެން ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރޭ، މިނިސްޓަރު ފައްޔާޒާއި ސުވާލުކުރުމުން ވިދާޅުވީ އެއީ އެހާ ދައްކަން ބޭނުންވާ ވާހަކައެެއް ނޫން ކަމަށެވެ. އެކަމަކު އެމްޑީޕީން އިސްލާހަށް ކުރި މަސައްކަތާއެކު އެމްޑީޕީގެ ސަރުކާރެއްގައި އެމްޑީޕީގެ ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމުގެ ހިތްވަރު ހުރުމުން އުފާ ކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ފުރަތަމަ ކަމަކީ ތިގޮތަށް ތިކަންވާނަމަ އޭގެއިން ދޭހަވަނީ އަޅުގަނޑުމެން އެންމެން މިއޮތްހާ ދުވަހު ކުރި މަސައްކަތް ކާމިޔާބު ވެއްޖެކަން. އެމްޑީޕީގެ މަޖިލީހެއް އޮވެ އެމްޑީޕީގެ ސަރުކާރުގައި އެމްޑީޕީ ވަޒީރެއްގެ ނޯ ކޮންފިޑެންސް ނެގުމުގެ ގާބިލުކަން ނޫނީ އެ ހިތްވަރު ރަނގަޅަސް ގޯހަށް އެ ޖާގަ ދިވެހިރާއްޖޭގައި އުފައްދައިދެވިއްޖެ އަޅުގަނޑުމެންނަށް. ހަމަ އެމްޑީޕީއާ އިސްލާހަށް މަސައްކަތްކުރި ހުރިހާ ބޭފުޅުން އަހަރުތަކެއްގައި ހުރި މަަސައްކަތުގެ ނަތީޖާ، އެހެންވީމަ ވަރަށް އުފާވާކަމެއް އެއީ،"

 އެމްޑީޕީގެ ބައެއް މެމްބަރުން އިސްވެ ތިއްބަވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށްޓަކައި މަސައްކަތްކުރަމުން އަންނައިރު އޭގައި ސޮއި ކުރަނީ ކޮންބައެއްތޯ ނުބަލާނެ ކަމަށާއި މިއީ އޭނާގެ "ފައިޓެއް" ނޫން ކަމަށް ފައްޔާޒު ވިދާޅުވެއްޖެ އެވެ.  

މަޖިލީހަށް އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމަށް ސޮއި ހޯދަމުން އަންނައިރު އޭގައި ސޮއި ކޮށްފައިވަނީ ވެސް ކިތައް މީހުންކަން ނޭނގޭ ކަމަށާއި އަދި އެކި އެކި މީހުން ސޮއި ކުރިކަމުގެ އަޑުއިވޭއިރު އެ ސޮއިކުރި މީހުންނަށް ނުވެސް ގުޅާނެ ކަމަށް ވެސް ވިދާޅުވި އެވެ. 

"މިއީކީ އަޅުގަނޑުގެ ފައިޓެއް ނޫން އިނގޭތޯ. އަޅުގަނޑުކުރަމުންދާ މަސައްކަތް އަޅުގަނޑުކުރާނަން. އެމްޑީޕީގެ މެމްބަރުން ވިޔަސް އަދި އެހެން މެމްބަރުން ވިޔަސް، ރައްޔިތުންގެ މަޖިލިސް މެމްބަރުންނަށް އަޅުގަނޑު ބަހައްޓަން ނުފެންނަ ކަމަށް އޭގަ އަޅުގަނޑުގެ މައްސަލައެއް އޮތަސް ނެތަސް މަޖިލީހަށް އެކަން ފެނިގެން އެގޮތަށް ވޯޓުލައިފިއްޔާ އެކަން އެނިމުނީ،"

އެކަމަކު މިނިސްޓަރު ވަނީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހެއްގައި އެމްޑީޕީގެ ވަޒީރަކު ވަކިކުރުމުގެ ގާބިލްކަމާއި ހިތްވަރު ރާއްޖޭގައި އުފައްދައިދެވިފައިވާތީ އެކަމާއި އުފާ ކުރައްވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. 

މިނިސްޓަރު ވިދާޅުވީ، އޭނާގެ އިތުބާރު ނެތްކަމަށް ވޯޓު ނަގަން ޖެހޭނެ އެއްވެސް ކަމެއް ކުރައްވާފައި ނުވާ ކަމަށާއި އެގޮތުން އެކަން އެނގިވަޑައިގަތީ ވެސް މީޑިއާތަކަށް އެކަން އެރި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އަދި ގަބޫލުކުރައްވަނީ ގޯސްކޮށް ކަމެއް ކުރެވިފައިވާނަމަ އެކަމެއް ހިއްސާކުރާނެ ކަމަށާއި އެކަމަކު އެކަމެއް މިއަދާއި ހަމައަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

"އެވަރުގެ ކަމައް އޮތްނަމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑާއި ހިއްސާކުރާނެ. އަޅުގަނޑު ގޯސްކޮށް ކަމެއް ކުރަންޏާއި ތަކުރާރުކޮށް އަޅުގަނޑު ގޯސްތަކެއް މިސާލަކަށް ކުރާކަމަށްވަންޏާއި އަޅުގަނޑަށް އެ އިޝާރާތް ކުރެވޭނެ،"

މިނިސްޓަރު ވިދާޅުވީ އެކަމުގައި މައްސަލައެއް ނެތް ކަމަށާއި އެކަމަކު މަސައްކަތް ކުރަމުންދާނީ ރައީސްގެ މެނިފެސްޓޯގައި ހިމެނޭކަންކަން ހާސިލުކުރުމަށް ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ނުބެހޭ ކަންކަމާއި ބެހޭ ކަމަށް ބުނަމުން އަންނަކަމަށާއި އެގޮތަށް އެކަން ވެސް ކުރެވޭ ކަމަށް ވިދާޅުވި އެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީގެ ކަންކަން ނޫންނަމަވެސް މީހުން ގުޅާއި ކަންބޮޑުވުން ފާޅުކުރުމުން އެކަމެއް ދިމާވި ސަބަބު ހޯދުމަށް މަަސައްކަތް ކުރައްވާކަން ވެސް ފާހަގަކުރެއްވި އެވެ. އެކަމަކު މަސައްކަތުގައި އިތުބާރު ގެއްލިފައިވާ ކަމަށް ބުނެވޭނެ އެންމެ އިންޗިއެއް ވެސް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ. 

މިނިސްޓަރު ވަނީ އިތުބާރު ގެއްލޭނެ ފަދަ ކަމެއް ނުކުރިޔަސް މީހަކު ހިތްހަމަ ނުޖެހޭ ގޮތަށް ކަމެއް ކުރެވިފައިވެދާނެ ކަމަށާއި ސަބަބަކީ ވާހަކަ ދެއްކުމުގައި ހުންނަ ގޮތެއްގެ ސަބަބުން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އުމުރުން މެދު އުމުރަށް އައިސްފަ މިހިރީ. އެހެންވީމަ ހިޔެއް ނުވެ ދެން އެޔެއް ބަދަލުވާނެހެން. އަޅުގަނޑުގެ ހަމަ ވާހަކަ ދެއްކުމުގެ މިޒާޖާއި މިކަންކަން ބަދަލުކުރާކަށް އަޅުގަނޑު ނުވެސް އުޅޭނަން. އެހެންނަމަވެސް އަޅުގަނޑު އެއްވެސް ބޭފުޅަކާއި ކުޑާމީސްކޮށެއް ނޫން. އަޅުގަނޑަކީ ވަރަށް އަޅުގަނޑު ބޭނުންވާ ގޮތަށް އަބަދުވެސް ވާހަކަ ދައްކާ މީހެއް. އެހެންވީމަ އޭގަ ހިތްހަމަނުޖެހޭނަމަ އަޅުގަނޑު މައާފަށް އެދެން،"
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް