ads
ނައުރު--
ވިސްނާ އިބްރަތް ހާސިލްކުރާކަށް ނުވޭތަ؟
އޮސްޓްރޭލިޔާ ކައިރީގައި، ޕަޕުއާ ނިއު ގިނީގެ އިރަށް، ޕެސިފިކް ކަނޑުގައި އޮންނަ ވަރަށް ކުޑަކުޑަ ގައުމެއް ކަމުގައިވާ ނައުރު އަކީ، އިބުރަތްތެރި ފިލާވަޅުތަކެއް މުޅި ދުނިޔެއަށް ލިއްބައިދޭ ގައުމެކެވެ. އެންމެ 10،000 މީހުންގެ އާބާދީއެއް އޮންނަ ނައުރުއަކީ އެންމެ ރަށެއްގެ މައްޗަށް އެކުލެވޭ، ދުނިޔޭގެ ތިންވަނައަށް އެންމެ ކުޑަ ގައުމެވެ.

ތާރީޚަށް ބަލާއިރު، ގައުމުގެ ކުޑަކަމާއި ނާޒުކު ކަމުގެ ސަބަބުން، އެކި ފަހަރު މަތިން އެކިއެކި ބޮޑެތި ބާރުވެރި ގައުމުތަކުން ވަނީ ނައުރު އަޅުވެތިކޮށްފައެވެ. ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމައަށް ފަހު ނައުރު އޮތީ އޮސްޓްރޭލިޔާ، ނިއުޒިލެންޑް އަދި އިނގިރޭސިންގެ ބާރުގެ ދަށުގައެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަޕާނުގެ ސިފައިންގެ އަޅުވެތިކަމުގައެވެ. ހަނގުރާމަ ނިމުމަށް ފަހު، ނައުރުއަށް ފުރިހަމަ މިނިވަންކަން ލިބިފައިވަނީ 1968 ގައެވެ.

ނައުރުއަށް ގުދުރަތީ ގޮތުން ލިބިފައިވާ އެންމެ ބޮޑު ނިއުމަތަކީ އެރަށުގައި ލައްވާފައިވާ ފޮސްފޭޓް މައުދަނެވެ. އެއީ ފާޓިލިއިޒާރ އަދި ދަނޑުވެރިކަމާއި އެހެނިހެން ބޭނުންތަކަށް އުފައްދާ ބާވަތްތަކަށް މުހިއްމު މާއްދާއެކެވެ. އެކި ޒަމާނުގައި ޖަރުމަނު ކުންފުނިތަކާއި، އަދި އޮސްޓްރޭލިޔާއިން ވަނީ ނައުރު ގެ މި އަގުހުރި ރައުސްމާލުގެ ފައިދާ ނަގާފައެވެ. އެހެން ނަމަވެސް، ގައުމަށް މިނިވަންކަން ލިބި، އިގްތިސާދީ ގޮތުން ފުދުންތެރި ގައުމެއްގެ ގޮތުގައި ވުމަށް ކުރެވުނު މަސައްކަތުން، އަދި ގައުމުގެ ގުދުރަތީ ނިއުމަތުގެ ބޭނުން ހިފައި، 1970 ގެ އަހަރުތަކުގައި، ނައުރު އަކީ މުއްސަނދި ގައުމުތަކުގެ ތެރޭގައި ހިމެނުނު، އަދި ޖީޑީޕީ ބޮލަކަށް 50،000 ޖެހުނު ގައުމެކެވެ. 

މި މުއްސަނދިކަން ގައުމަށް ލިބިގެންދިޔައީ ފޮސްފޭޓް މައުދަނު އެކްސްޕޯޓްކޮށްގެނެވެ. ނައުރު ފޮސްފޭޓް ކޯޕަރޭޝަނުން ކުރިއަށް ގެންދިޔަ ވިޔަފާރިން ލިބުނު ފައިދާއިން އެއާލައިނެއްވެސް ގާއިމްކުރެވި، އަދި ފޮސްފޭޓް ރޯޔަލްޓީސް ޓްރަސްޓްގެ ނަމުގައި ފަންޑެއް ގާއިމްކުރެވުނެވެ. އެއީ ގުދުރަތީ މައުދަން ހުސްވާ ދުވަހަކުން އާމްދަނީ ކަށަވަރު ކުރުމަށް އުފެއްދުނު ފަންޑެކެވެ. އަދި މިފަންޑުން އޮސްޓްރޭލިޔާ އަދި އެހެނިހެން ގައުމުތަކުގައި އެކި އިންވެސްޓްމަންޓްތައް ކުރެވިގެން ދިޔައެވެ.

މިއަދު ހާލަތު މުޅިން ބަދަލުވެގެން ހިނގައްޖެއެވެ. އިސާހިތަކު ނައުރުގައި ލައްވާފައިވާ ފޮސްފޭޓް ޑިޕޮސިޓްތައް ހުސްވެއްޖެއެވެ. މިއާއިއެކު ގައުމުގެ އާމްދަނީ ދަށްވެ، 2007 ވަނަ އަހަރު ގައުމުގެ ޖީޑީޕީ ބޮލަކަށް ޖެހޭ މިންވަރު ހުރީ 2،700 ޑޮލަރަށް ވެއްޓިފައެވެ. ކުރިން ދެންނެވި ފަންޑު 1991 ވަނަ އަހަރު ހުރީ 1.3 ބިލިއަން އޮސްޓްރޭލިޔާ ޑޮލަރުގައި ކަމުގައި ވިޔަސް، 2002 ވަނަ އަހަރު 138 މިލިއަން ޑޮލަރަށް ވެއްޓިގެން ދިޔައެވެ. ގައުމު ހިންގާނެ ފައިސާއެއް ނެތެވެ. ރައްޔިތުން ބިކަވެއްޖެއެވެ. ތިޔާގިކަން އައި އިރު، ރައްޔިތުން ވެގެން ގޮސްފައިވަނީ ދުނިޔޭގެ އެންމެ އޮބީސް (ފަލަ) މީހުންގެ ގޮތުގައެވެ.

އަމިއްލަ ފައިމައްޗަށް ތެދުވެ، މިނިވަން ދައުލަތެއްގެ ގޮތުގައި ނައުރުއަށް ފުރިހަމަކަމާއިއެކު މަސައްކަތް ކުރެވިފައެއްނެތެވެ. އަބަދުވެސް އޮސްޓްރޭލިޔާގެ ހިޔަނީގައި، އޮސްޓްރޭލިޔާ ހިމާޔަތުގައި އަދި އޮސްޓްރޭލިޔާއަށް ބަރޯސާވެގެން އުޅުމުގެ ނަތީޖާއަކަށް ވެފައިވަނީ، އޮސްޓްރޭލިޔާއަށް އެތެރެވޭ ރެފިއުޖީންގެ ޑިޓެންޝަން ސެންޓަރުވެސް ގާއިމްކޮށްފައިވަނީ ނައުރުގައެވެ. މީގެ އިތުރުންވެސް، ޓައިވާނާ ޗައިނާގެ މައި ސަރުކާރާއި ދެމެދު އޮންނަ ނުތަނަވަސް ގުޅުމުގެ ފައިދާ ނެގުމުގައިވެސް ނައުރުގެ ސިޔާސީ ލީޑަރުން ވަނީ ހައްދުފަހަނަ އަޅާފައެވެ. ބައިނަލް އަގްވާމީ ސިޔާސީ މަސްރަހުގައި ގުޅުންތައް ގާއިމް ކުރުމަށް ނުވަތަ ގުޅުންތައް ކަނޑާލުމަށް ސިޔާސީ ވެރިން ފައިސާ ނަގަމުން ދިޔައެވެ. މިގޮތުން 2008 ވަނަ އަހަރު ކޮސޯވޯގެ މިނިވަންކަން ގަބޫލްކުރުން ފަދަ ކަންތައްތަކަށް ނައުރު ދިޔައީ މިލިއަނުން ފައިސާ ނަގަމުންނެވެ.

މިއަދު ގައުމު ބަދަލުވެފައިވަނީ މަނީ ލޯންޑަރިން ފަދަ ކުށްތަކުގެ ހާއްޔަކަށެވެ. ފައިސާ ހޯދުމަށްޓަކައި، ޕާސްޕޯޓް ވިއްކުން ފަދަ، ތަފާތު ކުށްތަކަށް އަރައިގަނެފައިވާ ގައުމަކަށް ބަދަލުވެގެން ހިނގައްޖެއެވެ.

މިކުޑަކުޑަ ގައުމުން ލިއްބައިދޭ ފިލާވަޅުތައް ބައިވަރެވެ. އެންމެ ފުރަތަމަ ކަމަކަށް، ކޮންމެ ނިއުމަތަކީވެސް ނެތި ހިނގައިދާނެ، ނުވަތަ ގެންދަވާފާނެ ނިއުމަތެކެވެ. ގައުމަށް ލިބިފައިވާ ގުދުރަތީ ނިއުމަތަކީ، ގައުމަށް ލިބޭ ވަބާއަކަށް ބަދަލުވިޔަދީގެން ނުވާނެއެވެ. އަދި އެންމެ ކަމަކަށް ބަރޯސާވެގެން ތިބުމުގެ ނުރައްކަލަކީވެސް ވިސްނާލަންޖެހޭ ބޮޑު ކަމެކެވެ.  

ސިޔާސީ ވެރިން ކަންތައް ކޮށްފައިވަނީ އަދި ކުރަމުންދަނީ ކިހިނެއްތޯއެވެ. އެންމެންގެ ހައްގެއް ކަމުގައިވާ، މިގައުމުގެ ރަށްތަކާއި ފަޅުތައް، ކުޑަކުޑަ އަގަކަށް އެމީހުން ބޭނުން ބަޔަކަށް ވިއްކާލައި، އަދި މައިތުލް މާލަށް ވަންނަންޖެހޭ ފައިސާ ވެސް ވަގަށް ނަގަނީ އެވެ. މީގެ އިތުރުން، ހިތު ހުރި ގޮތަކަށް ފަޅުތައް ހިއްކާ، ގުދުރަތީ ވެއްޓަށް އެތައް ގެއްލުންތަކެއް ދަނީ ދެމުންނެވެ. އެހާމެ އަގު ބޮޑު ފަތުރުވެރިކަމުގެ މި މަންޒިލް، ވިއްކައިގެން ލިބޭ މިލިއަން އަދި ބިލިއަން ޑޮލަރު، ޓެކްސްގެ ގޮތުގައި ލިބޭ އެތައް ބިލިއަން ރުފިޔާއެއް، ބޭކާރު ގޮތުގައި އެކި ގޮތްތަށް ޚަރަދުކޮށް، އޭގެ ތެރެއިން އެއްބައި ސިޔާސީ ވެރިންގެ ޖީބަށް ގޮސް، ފަހަށް އެއްވެސް ފައިސާއެއް ރައްކާކުރެވިފައެއްނެ ތެވެ. މިއަދު ކޮވިޑްގެ މިހާލަތުގައި، ގައުމަށް ޖެހުނު އެންމެ ދަތި ހާލަތުގައި، ކުރިން ލިބުނު އާމްދަނީގެ އެއްވެސް ފައިދާއެއް، ނުވަތަ އެއްވެސް މިންވަރެއް މިވަނީ ރައްކާކުރެވިފައި ނެތި، ގައުމު ބިކަ ވެފައެވެ. ސަލާންޖަހަން ޖެހިފައެވެ.

ސުނާމީގެ ކާރިސާގައި ގައުމު އަލުން އާރާސްތުކުރުމުގައި، އެކުވެރި އެތައް ގައުމުތަކަކާއި، ޖަމިއްޔާ ޖަމާއަތްތައް ވަރަށް ދީލަތި އެހީތައް ރާއްޖެއަށް ވެދިނެވެ. އެއްވެސް އިތުރު ޝަރުތުތަކެއް ނެތި، ހިލޭ އެހީއާއި ލުއި ލޯނުތައް ދިނެވެ. އެހާރާއި މިފަހަރާ އެންމެ ބޮޑު އެއް ތަފާތަކީ، މިއަދު މުޅި ދުނިޔެ އޮތީ ކާރިސާގައެވެ. ހުރިހާ ގައުމެއްގައިވަނީ ކޮވިޑްގެ ބިރުވެރިކަމެވެ. އަދި އިގްތިސާދީ ހީނަރުކަމެވެ. މިހެންކަމުން، އެހީވާން ތިބި ގައުމުތަކަށް ކުރިއާއި ހިލާފަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތިވާނެއެވެ. ސުނާމީގެ ދުވަސްވަރާއި މިހާރާއި އަނެއް ބޮޑު ތަފާތަކީ، ރާއްޖޭ ވޭތުވެދިޔަ ދުވަސްތަކުގައި ނުވަތަ އަހަރުތަކުގައި (ސުނާމީއަށްފަހު) ބައިނަލް އަގްވާމީ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވެފައިވާ ގޮތްތަކެވެ.

ރާއްޖޭގައި އުފެދުނު ސިޔާސީ ވާދަވެރިކަމުގެ ތެރޭގައި، އުފެދޭ ހިޔާލުތަފާތުވުމުގެ ތެރެއަށް، ބޭރު ގައުމުތަކުގެ ނުފޫޒު ވަނުމަށް ފުރުސަތު ދިނުމުގެ ނަތީޖާއަކީ ކޮބައިތޯއެވެ. ވަކި ފަރާތަކަށް ނުޖެހޭ، ހަރުދަނާ ބައިނަލް އަގްވާމީ ގުޅުމުގެ ސިޔާސަތެއް ގެންގުޅު މި ގައުމު، މިހާރު ކޮބައިތޯ އެވެ. އެއްބަޔަކު އިންޑިއާގެ ކުންފުންޏަކަށް އެއާޕޯޓް ކުއްޔަށް ދިނުމުން، އަނެއް ބަޔަކު މުޅި އިންޑިއާއަށް ހުތުރު އެއްޗެތި ކިޔައި މުޒާހަރާކޮށް ހެދިއެވެ. އަނެއް ބަޔަކު ވެރިކަމުގައި މާ ގާތް ގުޅުންތަކެއް ޗައިނާ އަދި ސައުދީއާ ބާއްވައި، އަވަށްޓެރި އިންޑިއާ ރުޅިއަރުވާލައި، ގުޅުން ހީނަރުކުރި އެވެ. ސައުދީ ރުއްސުމަށްޓަކައި، ގަތަރާ ސިޔާސީ ގުޅުން ކަނޑާލި އެވެ. ކޮމަންވެލްތުން ވަކިވި އެވެ. އަނެއްކާ އަނެއް ބަޔަކު ވެރިކަމަށް އައިސް ޗައިނާ ރުޅިއަރުވާލި އެވެ. އެކި ފަހަރުމަތިން އެކި ގޮތްގޮތުން ފުރައްސާރަކޮށް، ހަމައެކަނި ރަހުމަތްތެރިއަކީ އިންޑިޔާކަމުގައި ހަދައިފި އެވެ. މިއިން އެއްވެސް ކަމަކުން މުޅި ގައުމަށް ނުވަތަ ރައްޔިތުންނަށް ލިބޭ ފައިދާއެއް ނެތެވެ. ލިބޭނީ ހައްތަހާވެސް ގެއްލުމެވެ. މި ހާލަތާ، ނައުރު އާއި މާބޮޑު ތަފާތެއް އެބައޮތްތޯއެވެ؟

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް